ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިހާރު ހައްދަވަނީ ގޯސް މައްޗަށް ގޯސް ކަމަށާއި މިހާރު ރަނގަޅު ވާނީ "ގެއަށް ކަނޑާލުން،" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ, ޕެރަޑައިސްގައި މިއަދު ކުރިޔަށްދިޔަ ޖުމްހޫރީޕާޓީގެ 158 ކައުންސިލް ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.
ގާސިމްގެ ވާހަކަފުޅުގައި ރައީސްސާލިހަށް ވަނީ ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.
"އިޓް އިސް ޓޫ މަޗް. އިޓް އިސް މޯ ދޭން އިނަފް. ޔޫ ހޭވް ޓު ގޯ ބެކް. މިހާރު ދާންވީ، ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މި ބުނީ. މިހާރު ކަނޑާލަންވީ ގެއަށް,"
ރައީސް ސާލިހަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވީ ބާރުގައި ހުންނަވާށޭ ކިޔައިގެން އެހެން ކަންތައްތަކެއް ނުކުރެއްވޭނޭ ކަމަށާއި އެގޮތަށް ކަންތައް ކުރެއްވުން ރަނގަޅު ނޫންކަމުގައެވެ. އަދިވެސް ވިދާޅުވީ މިހާރު މަނިކުފާނު ތިހައްދަވަނީ ގޯސްމައްޗަށް ގޯސްކަމަށެވެ.
"ބާރުގައި ހުންނަވާށޭ ކިޔައިގެން އެހެން ކަންތައްތަކެއް ނުކުރެވޭނެ، ކުރެއްވީމަ ރަނގަޅެއް ނުވާނެ. މިހާރު މަނިކުފާނު ތި ހައްދަވަނީ ގޯސް މައްޗަށް ގޯސް. ޅަ އިހަލުން ހަރު އެއްޗެއްހި އަޅަމުން ގޮސް މިހާރު ދެން ނެތް ގޮބޮޅި ވެސް ނާޅާ. ހުރިހާ އެއްޗެއް އަޅާ ނިމެނީ،"
އިތުރު ދައުރަކަށް ރައީސްސާލިހު ކުރިމަތިލެއްވުމުގެ މާނައެއް މިހާރު ނެތް ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް ކަންކަން ސާފުވެފައިވާކަމަށާއި އިންސާފުން ކަންކަން ނުކުރެވޭނަމަ ވެރިކަމުގައި ތިބެން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. ފުލެޓުތަކުގެ ކުލި މާފުކޮށް ދިނުމަށް ވައުދުވެވަޑައިގެން އެވައުދު ތަކުރާރު ކުރައްވައި ފުލެޓުތައް ދޫކުރުމާއި ބިން ދިނުމާއި ކުއްޔާ ބެހޭ ގޮތުން ހާމަކުރައްވައި ގާސިމް ވިދާޅުވީ އިންސާފު ގާއިމު ނުކުރެވެންޏާ ވެރިކަމުގައި ނުހުރެ ގެއަށް ދިއުމަށެވެ.
"އިންސާފު ގާއިމު ނުކުރެވޭ ކަމަށް ވަންޏާ ވެރިކަމުގައި ނުހުންނާށޭ މި ދަންނަވަނީ. ގެއަށް ކަނޑާލާށޭ،" ޕެރަޑައިސްގައި އޮތް ކައުންސިލް ބައްދަލްވުން ނިންމަވާލައްވަމުން ގާސިމް ވިދާޅުވިއެވެ.