ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެން، މާދަމާ އެޕާޓީއަށް ސޮއިކުރުމަށް ނިންމަވައިފިއެވެ. މާދަމާ އެމްޑީޕިއަށް ސޮއިކުރެއްވުމަށް ވަޑައިގަންނަވާނީ ހަބޭސްގެ ބޮޑުބެރުޖެހުމާއެކީ ހިންގަވާފައެވެ.

މާދަމާ ހެނދުނު އެގާރަ ޖަހާއިރު ސޯލްޓް އިމާރާތުގަައި، ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ އެގަޑީގައި ޖާބިރު ސޯލްޓަށް ވަޑައިގަންނަވާނީ ހަބޭސް ބޮޑުބެރު ގުރޫޕުން ބެރުޖެހުމާއެކު، ގެއިން ފެށިގެން އެހިސާބަށް ހިންގަވާފައެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޖާބިރު އެމްޑީޕީއާ މިގުޅިވަޑައިގަންނަވަނީ، އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ދައުވަތު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ޖާބިރަށް ދެއްވާފައިވަނިކޮށެވެ. ފައްޔާޒު ޖާބިރަށް ދައުވަތު ދެއްވާފައި ވަނީ، އެމްޑީޕީ ނިމިއްޖެ ކަމަށާއި ދެން އެ ޕާޓީގެ ޗެއާޕާސަން ކަން ކުރައްވާނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އީވާ މިހެން ވިދާޅުވައި ވާހަކަ ދެއްކެވީ މިދިޔަ ބުރާސްފަތި ދުވަހުގެ އޮތް މަޖިލީހުގެ ޖަލްސާގައެވެ. އީވާ ވިދާޅުވީ ނަޝީދު ވަކިވެވަޑަައިގަތުމާއެކު އެމްޑީޕީގެ ނިމުން ފެށުނީ ކަަމަށެވެ. އެއީ ބަދަލު ނުކުރެވޭނެ ހަގީގަތް ކަމުގައި ވިދާޅުވެ އަންނަ އަހަރު މި ދުވަހުގައި އެމްޑީޕީ އޮންނާނެ ގޮތް ވެސް އީވާ ސިފަކޮށްދެއްވިއެވެ.

އީވާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާމަންކަމަށް ދެން ހުންނަވާނީ ޖާބިރެވެ.

"އަޅުގަނޑަށް ދެން އިނގޭ އަނެއް ހަގީގަތަކީ މިއީ އެމްޑީޕީގެ ނިމުން. މިއީ އެމްޑީޕީގެ ނިންމުން. އިއްޒަތްތެރި ރައީސް. އަޅުގަނޑަށް ހީވަނީ، އަޅުގަނޑަށް ލަފާ ކުރެވެނީ އަންނަ އަހަރު މިދުވަސްކޮޅު ބަލާލާއިރު އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައިހެން،"

ޖާބިރު ވަނީ މީގެ ކުރިން 2010ވަނަ އަހަރުވެސް އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.

ޖާބިރު އެންމެ ފަހުން ހުންނެވީ މެންބަރުން ހަމަނުވެގެން އިލެކްޝަންކޮމިޝަނުން އުވާލި ޑީއާރުޕީގައެވެ. އޭގެ ފަހުގައި އަމިއްލަ ސިޔާސީ ޕާޓީއެއް "ގްރީންޕާޓީ"ގެ ނަމުގައި އުފެއްދެވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެޕާޓީގެ ކަންތައް އިތުރަކަށް ކުރިއަށް ގޮސްފައެއް ނުވެއެވެ.