ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފަރާތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބުގެ މަގާމުގައި ހުންނެވި އިސްމާއިލް ޒަބީހު އެ މަގާމުން ވަކިކުރީ ސަބަބު ބަޔާން ކުރުމެއް އަދި އެ ޕާޓީއާ މަޝްވަރާ ކުރުމެއް ވެސް ނެތި ކަމަށް އެމްއާރްއެމް އިން ބުނެފިއެވެ.
އިއްޔެ އެ މަގާމުން ޒަބީހު ވަކިކުރި ކަން، މިރޭ ރައީސް އޮފީހުން ކަށަވަރުކޮށް ދިން ނަމަވެސް އެ އޮފީހުން ބުނީ އެކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނަން ބޭނުންނުވާކަމުގައެވެ. ޒަބީހު މަގާމުން ވަކިކުރި ސަބަބެއް ވެސް އެއޮފީހުން ސާފުކޮށްދީފައެއްނުވެއެވެ.
މިރޭ އެމްއާރްއެމް އިން، ނެރުނު ބަޔާނެއްގައި ޒަބީހު މަގާމުން ވަކިކުރަން ޖެހޭ ވަރުގެ އަމަލެއް ކުރައްވާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.
"ޕާޓީއާ މަޝްވަރާ ނުކުރައްވާ އަދި ވަކި ސަބަބެއް ބަޔާންކުރުމެއް ނެތި ކޯލިޝަން އެއްބަސްވުމާ ހިލާފަށް ސަރުކާރުން މި ނިންމުން ނިންމާފައިވާތީ ނުހަނު ކަންބޮޑުވަމެވެ،" އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.
އެމްއާރްއެެމް އިން ބުނީ ޝަރުތު ހަމަނުވާ ގިނަ އަަދަދެއްގެ ބަޔަކަށް ހަދިޔާ ބަހާ އުސޫލުން، ސިޔާސީ މަގުސަދު ހާސިލުކުރެވޭނެ ކަމަށް، ސިޔާސީ މަގާމު ދިނުމަކީ ގައުމަށް ގެއްލުންވާނެ ކަމެއް ކަމަށެވެ. އަދި ޒަބީހަކީ މަގާމުގެ މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާ އެކު އަދާކުރެއްވި ތައުލީމީ ގާބިލު ބޭފުޅެއް ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
ޒަބީހު އެ މަގާމުގައި ހުންނެވި ހަތަރު އަހަރު ހަޔަރއެޑިއުކޭޝަނަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދެއްވައި ކާމިޔާބީތަކެއް ހޯއްދަވައިދެއްވި ކަމަށްވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ކޯލިޝަން ދެވަނަ ދައުރަކަށް ދެމެހެއްޓުމާ ބެހޭގޮތުން އެމްއާރްއެމްއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފޮނުއްވާފައިވާ ސިޓީފުޅަށް އެ ޕާޓީން ވަކި ޖަވާބެއް ނުދީ ވަނިކޮށް އެޕާޓީގެ ބޭފުޅަކު މިވަނީ ސަރުކާރުގެ މަގާމަކުން ވަކިކޮށްފައެެވެ.
ޒައީމް މުސްކުޅިބަލި ބޮޑުވެ ވާނުވާ ސާފުވެސް ނުވަނީތޯ؟ މރމ އަކީ މިހާރު ސަރުކާރަށް އެއްބާރުލުން ދޭބަޔެއް ނޫން. ދެން ކީއްކުރަން މަގާމުގަ ބަހައްޓަންވީ؟ މަގާމު ބޭނުންނަމަ މައުމޫނުވެސް އަދި ފާރިސްވެސް އަނގަ މައިތިރިކޮށްގެން ތިބޭ!