މ. މުލަކަށް ނިސްބަތްވާ ޖަމިއްޔާއެއްކަމަށްވާ ކޮމިޔުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް) ޖަމިއްޔާއާއި ނެދަލެންޑްސްގެ އައި.އެޗް.އީ ޑެލްފް އާއި ގުޅިގެން ތްރީ.އެސް ވޯޓަރ ޕްރޮކެޖްޓްގެ ދަށުން މ. އަތޮޅުގެ ތިންރަށެއްކަމަށްވާ މުލައް، މުލި އަދި ކޮޅުފުށީގެ ބިމުގެ ފެން ދިރާސާ ކުރުމަށްޓާކައި ރިޔަލް ޓައިމް މޮނިޓަރިން ސްޓޭޝަންތަކެއް ބަހައްޓައިފިއެވެ.

މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 14 އިން 19 އަށެވެ. މިއީ ތްރީ.އެސް މަޝްރޫޢު އިފްތިތާޙު ކުރުމަށްފަހު ކޮށްފައިވާ ފުރަތަމަ ބޮޑު މަސައްކަތެވެ.

''ހަލި ނިއުސް''އަށް މައުލޫމާތު ދެއްވަމުން ސެލް ޖަމިއްޔާގެ ޗެއާޕާސަން މުހައްމަދު ލަތީފް ވިދާޅުވީ ބިމުގެ ފެން ތަޙްލީލް ކުރުމަށްޓަކައި ކޮންމެ ރަށެއްގެ ދެ ސަރަޙައްދެއްގައި ވަނީ ދެ ބޯވެލް (1.5 އާއި 2 މީޓަރ އާއި ދެމެދުގެ ގެ ފެން ވަޅެއް) ބެހެއްޓުމުގެ އިތުރުން މ.މުލަށް އަދި ކޮޅުފުށީގައި ވާރޭ ވެހޭ ވަރު ދެނެ ގަތުމައްޓަކައި ކޮންމެ ރަށެއްގައިވެސް އެއް ރެއިން ގޭޖް ވަނީ އިންސްޓޯލް ކުރެވިފައިވާ ކަމަށެވެ. އަދި ވާރެފެން ބިމަށް ހިނދޭވަރު ދެނެގަތުމަށްޓަކައި މުލައް، މުލި އަދި ކޮޅުފުށީގައި އިންފިލްޓްރޭޝަން ޕިޓްތަކެއް (ބިމަށް ފެންހިންދާ ނިޒާމް) ވަނީ ގާއިމް ކޮށްފައިވާ ކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ.

ފޮޓޯ/ސެލް

މީގެއިތުރުން، މި ތިން ރަށުގައިވެސް ބެހެއްޓިފައިވާ ބޯވެލް ތަކުގައި ބިމުގެ ފެނުގެ ލޮނުމިން އަދި ފެނުގެ ލެވަލް ދެނެގަތުމަށް ލޮގަރ ތަކެއް ވަނީ އިންސްޓޯލް ކުރެވިފައެވެ. އަދި މި މަޝްރޫގެ ދަށުން މި ތިން ރަށުގައި ބިމުގެ ފެން ދިރާސާ ކުރުމަށް ބެހެއްޓިފައިވާ މޮނިޓަރިން ސްޓޭޝަން (ބޯވެލް އަދި ރެއިން ޖޭގް) ތަކުން ކޮންމެ 15 މިނެޓްއަކުން ރިޔަލް ޓައިމްކޮށް ރީޑިން ނަގަމުން ދާނެއެވެ.

މި ތިން ރަށުގައި ބެހެއްޓިފައިވާ މޮނިޓަރިން ސްޓޭޝަން ތަކުގެ މައިގަނޑު ބޭނުމަކީ އެރަށްތަކުގެ ބިމުއަޑީގެ ފެނުގެ ހާލަތު ދިރާސާ ކުރުމާއި އިންފިލްޓްރޭޝަން ޕިޓްތަކުން ޒަރިއްޔާއިން ބިމަށް ފެން ހިނދޭވަރު އަދި ބިމުގެ ފެނަށް އަންނަ ބަދަލުތައް ދެނެގަތުމެވެ.

ފޮޓޯ/ސެލް

މ.އަތޮޅުގެ ރަށްތަކުގެ ތެރެއިން މުލައް، މުލި އަދި ކޮޅުފުއްޓަކީ ބިމުގެ ފެން އެންމެ ތަގައްޔަރު ވެފައިވާ ތިންރަށެވެ. އަދި މި ތިންރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން، ބުއިމަށް ނޫން އެހެނިހެން ކަންކަމަށް އަދިވެސް ބޭނުން ކުރަމުން ދަނީ ބިމުގެ ފެނެވެ.

ތްރީ.އެސް ވޯޓަރ ޕްރޮކެޖްޓްގެ ދަށުން މި ބެހެއްޓުނު މޮނިޓަރިން ސްޓޭޝަންތުކުގެ ސަބަބުން މި ތިން ރަށުގެ ރައްޔިތުންނަށް ބިމުގެ ފެނުގެ ހާލަތު ދެނެގަނެ ބިމުގެ ފެން ރަނަގަޅު ކުރުމަށް ކުރަން ޖެހޭ ކަންކަމަށް ހޭލުން ތެރި ވެގެން ދާނެކަމަށް ސެލް އިން ވަނީ ވިދާޅުވެފައެވެ.

މި ދިރާސާ 3 އަހަރު ވަންދެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.