މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން މޫސުން ގޯސްވާނެކަމަށް ލަފާކޮށް، އަނެއްކާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

ބޯކޮށް ވާރޭވެހޭ ކަމަށް ލަފާކޮށް، މެޓުން ހުދު ސަމާލު މިފަހަރު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ.އަތޮޅާހަމައަށެވެ.

މީގެއިތުރުން މި ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00 ފެށިގެން ހަވީރު 17:00 ހަމައަށެވެ.

އަދި މި ހުދުސަމާލުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓުން ލަފާކުރައްވައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާ ދުވަސްވަރެކެވެ. އަދި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، މޫސުމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުގައި ޢާންމު ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރައްވާފައެވެ.

އަދި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށާއި ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރި ކަމުގެ ފިޔަވަޅުއެޅުމަށްވެސް މެޓުން އިލްތިމާސް ކުރައްވައެވެ.