އަބްދުﷲ ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވުމަކީ އެޕާޓީއަށް ލިބުނު ކުރިއެރުމެއްކަމަށާއި ޖާބިރަކީ ޒުވާނުންގެ ލީޑަރެއް ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މިއަދު އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ސޯލްޓް ކެފޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖާބިރު މިވަނީ އަނެއްކާވެސް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ޖާބިރުގެ ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.
ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތަށްފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އެމްޑީޕީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ޖާބިރަކީ ޒުވާނުންގެ ލީޑަރެއް ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ސޮއިކުރެއްވުމަށްފަހު ޖާބިރު ވިދާޅުވީ، ރައީސް ސާލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާމެދު ސަތޭކަ ޕަސަންޓް ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ޖާބިރުގެ ފުލް ކެޕޭސިޓީގައި ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ހުރީ އެމްޑީޕީގައި. ދެން އޭރުގައި އަޅުގަނޑު އެމްޑީޕީގައި ހުރުމަށް ނޭދުނު މީހުން މިހާރު އެމްޑީޕީގައި ނެތް. ދެން އަޅުގަނޑު ހޮވަން ބޭނުންވަނީ ރާއްޖޭގެ ރައީސަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމަށްވާތީ އެ ޕްލެޓްފޯމުގައި މަސައްކަތް ކުރަން އަނބުރާ މިއައީ،" ޖާބިރު ވިދާޅުވިއެވެ.
އެމްޑީޕީއަށް މިއަދު ޖާބިރު ސޮއިކުރެއްވީ، އެ ޕާޓީއާ ގުޅިވަޑައިގަތުމުގެ ދައުވަތު އެޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދެއްވާފައިވަނިކޮށެވެ.