ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ޓުވީޓެއްގައި މިއަދު ވިދާޅުވީ، އަންނަ ހަފުތާގެ އާދިއްތަ ދުވަހު، ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އަދި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފަށް އަންގަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އީސީން ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދޭން ނިންމާފައި މިވަނީ، އެކަމަށްޓަކައި ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިންމާފައިވީ ނަމަވެސް އެ ހުއްދަ ދިނުމަށް އެ ކޮމިޝަނުން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގައި މައްސަލަތަކެއް ދިމާވެގެން ހުއްދަ ނުދެވި އޮތުމަށްފަހުގައެވެ.

ޑިމޮކްރެޓްސް އުފައްދުމަށް ބޭނުންވާ ތިންހާސް މީހުން ހަމަކުރުމަށްޓަކައި، 3560 ފޯމު އީސީއަށް ހުށަހެޅުމުން އެ ފޯމުތައް ޕްރޮސެސްކޮށް، 3،000 މީހުން ހަމަވާ ކަމަށް ނިންމިއެވެ. އަދި ހުއްދަ ދިނުމަށް އީސީން ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ދެ މެންބަރުން ކަމަށްވާ އަލީ ނަޝާތާއި މުހައްމަދު އާސިފް ހުއްދަ ދިނުމަށް ވޯޓު ނުދީ އެ ފޯމުތައް އަލުން ޕްރޮސެސްކޮށް ދިނުމަށް އެދުނެވެ.

ދެވަނަ ފަހަރަށް ފޯމުތައް ޕްރޮސެސް ކުރުމަށްފަހު، ހުއްދަ ދިނުމަށް ބާއްވަން މަސައްކަތްކުރި ޖަލްސާ ވަނީ ބޭއްވޭ ގޮތް ނުވެފައެވެ. ޖަލްސާ ނުބޭއްވުނީ މުހައްމަދު އާސިފް އާއި އަލީ ނަޝާތު އެ ޖަލްސާއަށް ވަޑައިނުގެންނެވުމުން ކޯރަމް ހަމަނުވެގެންނެވެ.

އީސީން، ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދޭން ނިންމާފައި މިވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ އަށް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވެއެވެ.

"ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ޕާޓީއެއް ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން އެޕާޓީއަކަށް ސޮއިކޮށްފައިވާ މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިވާ ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ."