އިދިކޮޅު ޕީޕިއެމް ކޯލިޝަނާއި ދަ ޑިމޮކްރެޓްސް ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަން ނިމުމަކަށް ގެނައުމަށް ރަސްމީކޮށް މަސައްކަތްތައް ފަށައިފިއެވެ.
ޕީޕީއެމް ކޯލިޝަނާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާތައް ފަށާފައި މިވަނީ މިއަދު ހެނދުނު، އޯޝަން ލައިބްރަރީގައެވެ. އަދި އެކުގައި މަސައްކަތް ކުރުމަށް ވަނީ ހާއްސަ މަންދޫބުންތަކެއް ވެސް ނަގާފަ އެވެ.
އޭގެ ތެރޭގައި ހިމެނޭ ޕީޕީއެމް / ޕީއެންސީގެ މަންދޫބުންނަކީ
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް
- މުހައްމަދު ހުސައިން ޝަރީފް (މުންދު)
- މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް
- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
- ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރައީސް ސާލިހު ވެރިކަމުން ބޭލުމަށް ޑިމޮކްރެޓްސްއާއެކު ގުޅިގެން މަސައްކަތްތައް ރަސްމީކޮށް ފެށިފައިވާ ކަމަށެވެ. މިކަމުގެ މަޝްވަރަތައް ސިލްސިލާކޮސް ކުރިއަށް ދާނެ ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އަދިވެސް އިތުރަށް ޝިޔާމް ވިދާޅުވީ މިސަރުކާރުން ވައުދުގެ ރައްޔިތުންނާ ހަމަޔަށް ގެނެސްދޭން ބުނި އެއްވެސް ކަމެއް ގެނެސްދެމުން ނުދާކަމަށެވެ. އަދި އެކަމުގައި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއްވެސް ހުރިކަމަށެވެ.
"ރައްޔިތުންނަށް އޭގެން ގެއްލުންވާތީ ހާއްސަކޮށް ދިވެހިރާއްޖެއަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް މިސަރުކާރުން ކުރާތީ، ސަރުކާރެއްގެ އެއްވެސް ސިފައެއް ނެތް މިސަރުކާރަކު، ސަރުކާރު ނިންމުމަކަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވީހާވެސް އަވަހަށް ކުރަންޖެހޭ އެމަސައްކަތް ފެށިގެން މިދަނީ،" ޝީޔާމް ވިދާޅުވި އެވެ.
ޕީޕީއެމްއާއި އެކު މަސައްކަތް ކުރަނީ ދެ ޕާޓީ އިންވެސް ގަބޫލުކުރާ ހަމަތަކެއްގެ މަތިން ކަމަށް މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމް ވިދާޅުވިއެވެ.
އަދި މިސަރުކާރު ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ސަރުކާރު ނިމުމަކަށް ގެންނަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ދެމިއޮންނާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ޕީޕީއެމްއާއި ޑިމޮކްރެޓްސް އިން އަންނަނީ ރައްޔިތުންގެ މަޖިލީހުގައިވެސް ޖޮއިންޓު ޕީޖީ ގުރޫޕެއް ހަދައިގެން އެއްކޮށް މަސައްކަތް ކުރަމުންނެވެ.
މަޝްވަރާ ބައްދަލުވުންތަކަށް ދަ ޑިމޮކްރެޓްސްގެ މަންދޫބުންނަކީ:
- މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމް
- ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
- ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ
ދެ ޕާޓީ އެކުގައި ރިޔާސީ ކެންޑިޑޭޓެއް ނެރެންތޯ، ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރެވުނެވެ. ޖަވާބުގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.