އެމެރިކާއާއެކު އޮންނަ ޗައިނާގެ ގުޅުން މިހާރުއޮތީ އާ "ހަތަރުއަނގޮޅިއެއްގައި" ކަމަށް ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޔީ ވިދާޅުވެއްޖެއެވެ.

ހަމައެއާއެކު، ނިމިގެންދާ އެމެރިކާގެ ވެރިކަމުގައި ޗައިނާ-އެމެރިކާގެ ގުޅުން އުނދަގޫ ފައްތަރަކަށް ވެއްޓިގެންދިޔަ ނަމަވެސް ކުރިއަށްއޮތް ދުވަސްތަކުގައި އެ ގުޅުން ރަނގަޅު މަގަށް އެޅިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޗައިނާގެ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެބޮޑު ދެ އިގްތިސާދު ކަމުގައިވާ އެމެރިކާއާއި، ޗައިނާއާ ދެމެދު ގިނަ މައްސަލަތަކެއްގައި ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައި ވެއެވެ. އެ މައްސަލަތަކުގެ ތެރޭގައި، ވިޔަފާރިއާއި، އިންސާނީ ހައްގުތަކާއި، ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ އަސްލުގެ މައްސަލައާއި އަދި އެނޫންވެސް އެތައް މައްސަލަތަކެއް ހިމެނެއެވެ.

މިފަދަ މައްސަލަތަކާ ގުޅުވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ފުލުފުލުގައި ޗައިނާ ސަރުކާރާއި، ޗައިނާގެ ކުންފުނިތަކާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވަމުންނެވެ.

އެންމެފަހުން މިއަދުވެސް ޓްރަމްޕްވަނީ، ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ކުންފުނިތަކެއް ކަމަށް ވިދާޅުވެ ޗައިނާގެ އެތައް ކުންފުންޏެއް ބްލެކްލިސްޓު ކޮށްފައެވެ.

ޗައިނާގެ ބޮޑެތި މީޑިއާ އޮގަނައިޒޭޝަންތަކަށް ދެއްވި އިންޓަރވިއުއެއްގައި ފޮރިން މިނިސްޓަރ ވަންގް ޔީ މިއަދު ވިދާޅުވީ، އެމެރިކާއިން ޗައިނާއާމެދު ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ދެގައުމުގެ މަސްލަހަތަށްވެސް ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔެއަށް ބޮޑެތި ނުރައްކާތައްވެސް މެދުވެރިވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް، ފޮރިން މިނިސްޓަރ ވަޒީރު ވަންގް ޔީ ވިދާޅުވީ، އަލުން ވާހަކަ ދެއްކުމަށާއި، ގުޅުންތައް ރަނގަޅުކުރުމަށް ދެފަރާތަށްވެސް މިހާރު "އުންމީދުގެ އާ ދޮރުތަކެއް" ހުޅުވިފައިވާ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ މި އިޝާރާތް ކުރައްވަނީ އެމެރިކާގެ ރައީސްކަމަށް ވަޑައިގަންނަވާ ޖޯ ބައިޑެންއަށެވެ.

ޖޯ ބައިޑެން މިމަހުގެ 20 ގައި ރައީސްކަމުގެ ހުވާ ކުރައްވަން ތައްޔާރުވަމުން ގެންދަވާއިރު، ޗައިނާއާއި އެމެރިކާގެ ގުޅުން ބައިޑެންގެ ވެރިކަމުގައި ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެކަމަށް އުންމީދު ކުރެވިފައި ވެއެވެ.