މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ގޮތުން "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ފުރަތަމަ ލިސްޓު މިއަދު ހަވީރު އާންމުކޮށް އިއުލާންކުރަން ނިންމައިފިއެވެ.

ދޮރުވެރިންގެ ކޮމިޓީން ވަނީ ހައުސިން މިނިސްޓްރީއާއި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކަމާ ބެހޭ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން މިއަދު ހަވީރު ހަތަރެއް ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވެއެވެ.

މި ބައްދަލުވުން އޮންނާނީ ރައީސް އޮފީހުގައެވެ.

'ބިންވެރިޔާ' ސްކީމުގެ ދަށުން 5،000 ގޯތި ދޫކުރަން ނިންމާފައިވާއިރު، ފުރަތަމަ ދޫކުރަން ނިންމާފައިވަނީ 3000 ގޯއްޗެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯއްޗެވެ. ގޯތި ދޫކުރަނީ ހުޅުމާލެ އާއި ގުޅީފަޅުގެ އަދި ގިރާވަރު ފަޅު ހިއްކައިގެންނެވެ. އެ ސްކީމަށް 15،164 މީހަކު ކުރިމަތިލާފައިވެއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި 18 ބުރީގެ 32 ޓަވަރު އިމާރާތްކުރުމުގެ މަސައްްކަތް އަންނަނީ ކުރަމުންނެވެ. އެއީ ޖުމުލަ 4،000 ފްލެޓެވެ.