ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާއި އިދިކޮޅު ޕީޕީއެމްގެ މަގުމަތީ ހަރަކާތެއް ޖުލައި ތިނެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފިއެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޕީޕީއެމާއި ޑިމޮކްރެޓްސްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ މަގުމަތީ ހަރަކާތެއް އަންނަ މަހުގެ ތިންވަނަ ދުވަހު މާލޭގައި އޮންނާނެ ކަމަށެވެ.
ޑިމޮކްރެޓްސްއަކީ ހަގީގީ އެމްޑީޕީ ކަމަށާއި މިހާރު މިކުރާ މަސައްކަތަކީ މިވެރިކަން ބަދަލުކުރަން ކުރާ މަސައްކަތެއް ކަމަށް މި ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވިއެވެ. މަޖިލީހުގެ އެތެރެއާއި ބޭރުންވެސް އެމަސައްކަތް ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިމަސައްކަތަކީ ރައީސް ޔާމީންގެ އިރުޝާދާ އެއްގޮތަށް ޕީޕީއެމްގެ ލީޑަރޝިޕުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ ރައީސް ޔާމީންގެ އިންސްޓްރަކްޝަންއާ އެކީގަ ނޫނީ ޕީޕީއެމް ޕީއެންސީ ފިޔަވަޅެއްވެސް ނާޅާނެ," ޝިޔާމް ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް ގުޅިގެން މަޖިލީހުގައި ނުރަސްމީ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަހުމަދު ސަލީމްވެސް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ވަރަށް އަވަހަށް އެކަމަށް ރަސްމީ ސިފައެއް ގެނައުމުގެ މަޝްވަރާތައް ފަށާނެ ކަމަށްވެސް ޕީޕީއެމުން ބުނެފައިވެއެވެ.
ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ އިސްބޭފުޅުން މީގެ ކުރިންވެސް ވަނީ ޖެހުނު ބަޔަކާ ގުޅިގެން މި ސަރުކާރު ބަލިކުރާނެ ކަމަށް ބުނެފައެވެ.