މިއަހަރުގެ އަލްހާ އީދު ފާހަގަކުރުމުގެ ގޮތުން މާލެއާއި ވިލިމާލެ ކުލަ ބޮކިތަކުން ޒީނެތްތެރިކޮށް ދިއްލާލައިފިއެވެ.

އީދު ފާހަގަކުރމުގެ ގޮތުން މާލެތެރެ ކުލަ ބޮކިތަކުން ދިއްލާލައިފައިވަނީ ހޯމަ ދުވަހުގެ ރޭގައި މާލެ ސިޓީ ކައުންސިލުން ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ހަފްލާގައެވެ. މާލެ ސިޓީ ކައުންސިލުންވަނީ މާލެ ސިޓީގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ގެ ބޮޑެތި މަގުތައް ހިމެނޭހެން މުޅި ޖުމްލަ 22 ގިޑިގެއާއެކު 2224 ބޮކި ހަރުކޮށްފައެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ހަފްލާގައި ވާހަކަދައްކަމުން ވިދާޅުވީ، ރާއްޖެއަކީ 100 އިންސައްތަ މުސްލިމް ޤައުމަކަށްވާއިރު އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، ޢީދު ފަދަ މުސްލިމުން ފާހަގަ ކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އަދި އެންމެ އިސްކަން ދޭންޖެހޭނީ ދެ ޢީދު އެންމެ ކުލަގަދަކޮށް ފާހަގަކުރުން ކަމަށް ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރާނެ ކަމަށާއި، ޢީދާ ދިމާކޮށް ގިޑިގެތަކާއި ބޮކިތަކުން މާލެ ދިއްލަން ނިންމީ ޢީދަށް މަރުހަބާ ކިޔުމަށް ޒަމާނީ ވިސްނުމެއްގައި ދުނިޔޭގެ ބައެއް އިސްލާމީ ޤައުމުތަކުގައި އެފަދަގޮތަކަށް ކަންކަން ކުރާތީ ކަމަށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވިދާޅުވީ އަޟްހާ ޢީދުގެ ހާއްސަ އެއްކަމަކީ އުޟުހިޔާ ކަތިލުން ކަމުގައިވާތީ މާލެ ސިޓީ ކައުންސިލުން ޢީދު ދުވަހު ޢީދު ނަމާދަށްފަހު އުޟުހިޔާ ކަތިލާ، ރައްޔިތުންނަށް ހަދިޔާކުރާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން އަންނަނީ މި 5 އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން މަގުތައް ޒީނަތްތެރިކުރުން ވެގެންދާނީ އެ ޕްލޭނުގައި ހިމެނޭ "ޗާލު މާލެސިޓީ" އަމާޒަށް ވާސިލްވުމަށް އިތުރުވެގެންދާ ބޮޅަކަށް ކަމަށްވެސް ކައުންސިލުން ބުންޏެވެ.