ސައުދީ އަރަބިއްޔާއަށް ބައިމިލިއަނަށްވުރެ ގިނަ ޑޯޒްގެ ކޮވިޑް-19 ވެކްސިން އެތެރެކޮށްފިއެވެ.

ސައުދީ އަރަބިއްޔާއަށް އެތެރެކޮށްފައިވަނީ ފައިޒަރ/ބަޔޯއެންޓެކްގެ ވެކްސިނެވެ.

ސައުދީ އަރަބިއްޔާއަށް މިހާތަނަށް ދެބުރެއްގެ މަތިން ކޮވިޑް ވެކްސިންވަނީ އެތެރެކޮށްފައެވެ.

ފައިޒަރ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ ޑިސެމްބަރުމަހު ސައުދީ އަރަބިއްޔާއަށް އެތެރެކޮށް، ޑިސެމްބަރު 17 ވަނަ ދުވަހުންފެށިގެން އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދޭން ފަށާފައި ވެއެވެ.

ސައުދީ އަރަބިއްޔާއިން އެންމެ ފުރަތަމަ ވެކްސިން ދޭން ފަށާފައިވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ހައިރިސްކްގައި މަސައްކަތްކުރާ މީހުންނަށާއި، އަދި ތަފާތު ބޮޑެތި ބަލިތަކުގެ މީހުންނަށެވެ.

މި އެންމެންނަށް މި ފެށޭ ހަފްތާތެރޭގައި ވެކްސިންދީ ނިމޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކުރިއަށްއޮތް ހަފްތާތެރޭގައި ސައުދީ އަރަބިއްޔާއަށް ކޮވިޑް-19 ވެކްސިންގެ ދެވަނަ ވެކްސިނެއްވެސް ގެނެވޭނެއެވެ. އަދި އެ ވެކްސިން އާންމުންނަށް ދިނުމުގެ ތައްޔާރީތައްވެސް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައުދީ އަރަބިއްޔާއަށް ގެންނަ ދެވަނަ ވެކްސިނަކީ ކޮން ކޮންފުންޏެއްގެ ވެކްސިނެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ސައުދީ އަރަބިއްޔާ ސަރުކާރުގެ ހެލްތު މިނިސްޓަރ ޑރ. ތައުފީގް އައްރާބިއާ ކުރިން ވިދާޅުވެފައިވަނީ، ސައުދީ އަރަބިއްޔާގެ ހުރިހާ ރަށްތަކަށް ކުރިއަށްއޮތް ތިން ހަފްތާ ތެރޭގައި ވެކްސިން ފޯރުކޮށްދެއްވާނެ ކަމަށެވެ.

މިފެށުނު 2021 ވަނަ އަހަރުގެ މެއިމަހުގެ ނިޔަލަށް ފައިޒަރ ވެކްސިންގެ 3 މިލިއަން ޑޯޒް ސައުދީ އަރަބިއްޔާއަށް ގެނައުމަށް ހަމަޖެހިފައި ވެއެވެ. އޭގެ ތެރެއިން އެއްމިލިއަން ޑޯޒްގެ ވެކްސިން ފެބްރުއަރީމަހުގެ ތެރޭގައި ފައިޒަރއިން ފޯރުކޮދޭނެއެވެ.