މީސްތަކުންގެ މުދަލާއި އަބުރާއި ލެއަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ހަނދުމަކޮށްދީ އެއްބައިވަންތަކަމާއެކު ހަސަދައާއި ނަފުރަތުން ދުރުގައި އުޅުމަށް މިއަހަރުގެ ހައްޖުހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

ދެ މިލިއަނަށްވުރެ ގިނަ މީހުން ޖަމާވެފައިވާ އަރާފަތު ބިމުގައި އިއްވި އަރަފާތު ބިމުގައި ހުންނަ، "މަސްޖިދުލް ނަމިރާ"ގައި އިއްވި މިއަހަރުގެ ހައްޖު ހުތުބާގައި، ހައްޖަތުލް ވަދާއުގައި ނަބިއްޔާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި، މީސްތަކުންގެ މުދަލާއި އަބުރާއި ލެއަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ވަނީ ހަނދުމަކޮށްދީފައެވެ.

ހުތުބާ އިއްވަމުން އެންމެ ފުރަތަމަ ފެށުމުގައިވެސް ބުނީ ބައިބައިވުމަކީ މާތް ރަސްކަލާނގެ ހަރާމް ކުރައްވާފައިވާ ކަމެއްކަމަށެވެ. އަދި އެއްބަޔަކު އަނެއްބަޔަކާއެކު އެކުވެރިކަން މަތީގައި އުޅުމަށާއި ހަސަދަވެރިކަމާއި ރުޅިވެރިކަމުން ދުރުހެލިވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި ނަމާދު ގާއިމުކުރުމަށާއި ޒަކާތްދިނުމަށާއި ރޯދަ ހިފުމަށާއި އަދި ކުޅަދާނަ ވެގެންވާ މީހާ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހައްޖު ހުތުބާގައި ވަނީ ގޮވާލައިފައެވެ. ފަސާދައިން ދުރުހެލިވެ އެއްބަޔަކު އަނެއް ބަޔަކާއެކު އެކުވެރިކަން މަތީގައި އުޅުމަށް ނަސޭހަތްތެރިވުމާއެކު ހަސަދަވެރިކަމާއި ރުޅިވެރިކަމުން ދުރުހެލިވުމަށްވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އެއް މުއުމިނަކީ އަނެއް މުއުމިނެއްގެ ބިނާއެއްކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ހުތުބާގައި ބުނީ އެއް މުޖުތަމައެއް ގޮތަށް އެކުވެރިކަންމަތީ އެންމެންވެސް އުޅެންޖެހޭ ކަމަށެވެ. ހަމައެހެންމެ މުޖުތަމައު ބައިބައިކުރަން ކުރާ މަސައްކަތްތައް ހުއްޓުވަންޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އާއިލީ ގުޅުންތަކާއި ދަރީންގެ ހައްގުތައް ދެމެހެއްޓުމާ ބެހޭގޮތުން ނަސޭހަތްތެރިވެ އެގުޅުންތައް ދެމެހެއްޓުމަށް ގޮވާލަމުން ބުނެފައިވަނީ ރަހުމަތްތެރީންގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތައް ދެމެހެއްޓުމަށެވެ. ހުރިހާ އެންމެންވެސް ސުވަރުގެ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައިވާއިރު، ކީރިތި ރަސޫލު މުޙައްމަދުރަސޫލުﷲޞައްލަﷲއަލައިހިވަސައްލަމަގެ މައްޗަށް ގިނަ ގިނައިން ސަލަވާތްކިޔެވުމަށާއި ﷲ ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވުމަށްވެސް ވަނީ ވަސިއްޔަތްކޮށްފައެވެ.

މާތް ރަސްކަލާނގެ އަކީ އެއްކައުވަންތަ އިލާހު ކަމަށާއި އެކަލާނގެ އަށް ޝިރުކު ނުކުރުމަށް ވެސް ހައްޖު ހުތުބާގައި ވަނީ ގޮވާލާފައެވެ. މިއަހަރުގެ ހައްޖުގެ ހުތުބާ އިއްވެނީ ޝެއިހް ޑރ. ޔޫސުފް ބިން މުހައްމަދު ބިން ސައީދު އެވެ.