ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ނިމިގެން މި ދިޔަ އަހަރަކީ ވަރަށް ހަލަބޮލި އަހަރެއްކަމެވެ. ނަމަވެސް މިދިޔަ އަހަރަކީ ކާއިނާތުގެ ސިއްރުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ސައިންޓިސްޓުންނަށް ފިޒިކްސް ގެ ދާއިރާއިން ވަރަށް ކާމިޔާބު އަހަރެކެވެ.

10. ބޫން!

އިންސާނުންނަށް އެނގިގެން، މުޅި ކާއިނާތުގައި މިހާތަނަށް ގޮވާފައިވާ އެންމެ ބާރުގަދަ ގޮތުން ގޮވިތަން ފެނުނީ 2016 ގައެވެ. ނަމަވެސް އެއީ އަސްލު މީގެ 390 މިލިއަން އަހަރު ކުރިން ހިނގި ކަމެކެވެ. "އޮފިޔުކަސް" އޭ ކިޔާ "ސުޕަރމެސިވް ބްލެކްހޯލް" އިން ފަޒާގެ ތެރެއަށް އެއްޗެއް ގޮވުމުގެ ސަބަބުން އެ ހިސާބުގައި ވާ ގޭސްތަކުގެ މެދުގައި މާސިންގާ ހުސް ސަރަހައްދެއް އުފެދުނެވެ. ނަމަވެސް 2020 ގައި، މި ހާދިސާއާ ގުޅޭ މައުލޫމާތުތައް އަލުން ބެލުމުން، ސައިންޓިސްޓުންނަށް ދޭހަވީ، އެ ގޮވުމުގެ ހަގީގީ ބާރަކީ " 5x10^54 " ޖޫލްސް ގެ ހަކަތަ ކަމެވެ. (މި އަދަދަކީ 5ގެ ފަހަތަށް 54 ސުމެއް ލުމުން އަންނަ އަދަދެވެ.) އެއީ މުޅި "މިލްކީވޭ" މަޑިކިލަނބުގައިވާ 300 ބިލިއަން ތަރިއާއެކު އިތުރު 100 މަޑިކިލަނބުގައިވާ ހުރިހާ ތަރިއެއް ފުނޑު ފުނޑު ކޮށްލެވިދާނެހާ ބޮޑު އަދަދެއްގެ ހަކަތައެކެވެ.

9. ސޯލާސިސްޓަމް ހޯދާ ބަލަ!

ކޮންމެ ތަނަކަށް ދަތުރު ކުރިޔަސް ބޭނުންވާ ފަދައިން، ތަރިތަކުގެ ދެމެދުގައި ދަތުރުކުރާ ނަމަ، މަގު ދައްކުވައިދޭ ޗާޓެއް ބޭނުންވާނެއެވެ. ވިލާތުގެ "ޔޫރޮޕިއަން ސްޕޭސް އޭޖެންސީ" ގެ "ގާއިއާ" ސްޕޭސް އޮބްޒަރވޭޓްރީ އިން މިދިޔަ އަހަރު ތައްޔާރު ކުރީ ހަމަ އެފަދަ ޗާޓެކެވެ. އެ ޗާޓުގައި ފަޒާގައިވާ 1.8 ބިލިއަން އެކިއެކި އެއްޗެތި ހިމަނާފައިވެއެވެ. އެއީ "މިލްކީވޭ" މަޑިކިލަނބުގެ އާބާދީގެ ގާތްގަނޑަކަށް %0.5 އެވެ. އެއިން ކޮންމެ އެއްޗެއް ހުރިތަނާއި، ދުވެއްޔާއި، ސްޕެކްޓްރަމް ގެ މައުލޫމާތު އެ ޗާޓުގައި ހިމަނާފައިވެއެވެ. މިހާތަނަށްވެސް "ގާއިއާ" ގެ ޑޭޓާ (މައުލޫމާތު) ބޭނުންކޮށްގެން ދިރާސީ ކަރުދާހުގެ 1600 ކަރުދާސްވަނީ ޝާއިއުކޮށްފައެވެ. އަދިވެސް އިތުރު ކަރުދާސްތައް ކުރިޔަށް އޮތް އަހަރުތަކުގެ ތެރޭގައި ޝާއިއު ކުރެވޭނެކަން ޔަގީނެއެވެ.

8. ވަރުގަދަ ޝަޚުސިއްޔަތެއް ގެއްލުނު

2020 ގައި މުޅި ދުނިޔޭގައި ހިމެނުނު އެންމެ ހިތްއަލި މީހުންގެ ތެރެއިން އެކަކު ކަމުގައިވި ފްރީމަން ޑައިސަން ދުނިޔެ ދޫކުރެއްވީ މިދިޔަ އަހަރުއެވެ. އޭނާގެ ހިޔާލުތަކަކީ އެއްވެސް ހިފެހެއްޓުމެއް ނެތް، ފުޅާ ދާއިރާއެއްގެ ހިޔާލުތަކެކެވެ. އެންމެ ބޮޑަށް މަޝްހޫރުވީ "ޑައިސަން ސްފިޔަރ" ގެ ތަފުސީލު ތައްޔާރު ކުރެއްވުމާ ގުޅިގެންނެވެ. "ޑައިސަން ސްފިޔަރ" އަކީ ތަރިއެއް ވަށައިގެން، މުޅި ތަރި އޭގެ ތެރެއަށް ވައްދާފައިވާ މާސިންގާ ބޯޅައެކެވެ. އެއީ މުޅި ތަރީގެ ހުރިހާ ހަކަތައެއްގެ ބޭނުން ހިފުމަށް، ވަރަށް ބޮޑަށް ކުރިއަރާފައިވާ މަހުލޫގުން ތަކެއް ބޭނުން ކޮށްފާނެ ކަމަށް ޑައިސަން ދިން ހިޔާލެކެވެ. ނަމަވެސް އެއީ ހަމައެކަނި ފޮނި ހިޔާލެކެވެ.

7. ވީނަސް ގައި ދިރުން ފެނުނު، އަދި އެއަށް ފަހު ނުފެނޭ

އެއީ ގަބޫލު ކުރަން ބޭނުން ވިޔަސް، ގަބޫލު ކުރަން އެހާ ދަތި ވާހަކައެކެވެ. އެއީ ވީނަސް ގައި ދިރުން ހުރި ކަމުގެ ހެކި ފެނިއްޖެ ކަމަށް ފެތުރިގެން ދިޔަ ވާހަކައެވެ. ވީނަސް އަކީ، އޭގެ ހަރުކަށި ޖައްވުގެ ސަބަބުން، އެއްވެސް ވަރަށް ދިރުން ހުރެގެން ނުވާނެ ކަމަށް ސައިންޓިސްޓުން ބުނަމުން ދާ ޕްލެނެޓެކެވެ. އެ ހަބަރު ފެތުރިގެން ދިޔަ ސަބަބަކީ، ޑޭޓާ ތަކުން ވީނަސްގެ ޖައްވުގައި "ފޮސްފައިން" ގެ އަސަރު ފެންނަން ހުރި ކަމަށް ބައެއް ސައިންޓިސްޓުން ބުނުމެވެ. "ފޮސްފައިން" އަކީ ވަކި ޒާތެއްގެ ބެކްޓީރިއާ އިން ޖައްވަށް ބޭރުކުރާ މާއްދާ އެކެވެ. އަދި އޭގެ އަސަރު ފެންނަން ހުރި މިންވަރަކީ، ވީނަސް ގައި އެފަދަ ބެކްޓީރިއާ އެއްގެ ދިރުން ހުރި ކަމަށް ދަލީލުކޮށްދޭހާ ބޮޑު މިންވަރެކެވެ. ހިތާމައަކީ، އެ ދިރާސާގައި ބޭނުންކުރި ޑޭޓާ އަލުން ބެލި އިރު، އެ އަދަދުތަކަކީ ރަނގަޅު ނޫން އަދަދުތަކެކެވެ. އަދި ވީނަސް ގެ ޖައްވުގައި "ފޮސްފައިން" ގެ އަސަރު ހުރީ، ދިރުމެއް ހުރި ކަމަށް ދޭހަވާނެ މިންވަރަކާ ގާތްކުރާ ވަރަކަށް ނޫނެވެ. ނަމަވެސް ދުނިޔެއިން ބޭރުން ދިރުން ފެނޭ ހޯދާ ހޯދުމަށް އެއްވެސް ހުއްޓުމެއް ނާދެއެވެ.

6. 2020 ގެ އެންމެ މަގުބޫލު ކުޅޭއެތި: އެފް.އާރު.ބީ ތައް

ހުރިހާ ފަލަކީސައިންޓިސްޓުންނަށް ވެސް ވަރަށް މަގުބޫލުވާ އެކައްޗަކީ "ފާސްޓް ރޭޑިއޯ ބަރސްޓް" ނުވަތަ އެފް.އާރު.ބީ ( FRB ) އެވެ. މި ބާރުގަދަ ސިގުނަލްތަކުގެ އަސްލަކީ ވަރަށް ބޮޑު އަރަތެކެވެ. އަދި އެ ދެނެގަތުމަށް ފަލަކީ ސައިންޓިސްޓުން ވޭތުވެދިޔަ ދިހަ އަހަރު ތެރޭ، ވަރަށް ވިސްނާފައިވެއެވެ. އެފް.އާރު.ބީ އަކީ، ވަށައިގެންވާ އުޑުގެ އެކި ދިމަދިމާލުން އަންނަ، އަވަސް، ބާރުގަދަ، ވަކި ފްރީކުއެންސީއަކަށް ހާއްސަނުވާ ރޭޑިއޯ ސިގުނަލުތަކެކެވެ. އެހެންކަމުން އެއިން ސިގުނަލެއް ދެން އަންނާނީ ކޮން ދިމާލަކުންކަން ދެނެގަނެވޭނެ ގޮތެއް ނުވެއެވެ. ނަމަވެސް ނިމިގެން ދިޔަ 2020 ގައި، ސައިންޓިސްޓުންނަށް ނަސީބު ލައްވާލިއެވެ. އެ މީހުންނަށް އެފް.އާރު.ބީ އުފައްދާ ތަރިއެއް ފެނުނެވެ. އެ ތަރި އިތުރަށް ތަހުގީގު ކުރުމުން ދޭހަވީ، އެއީ "މެގްނީޓާ" ތަރިއެއް ކަމަށެވެ. އެއީ އެ ތަރީގެ މެދުގައި "ސުޕަރ މެގްނެޓައިޒްޑް" (އިންތިހާއަށް ދަގަތްފާނު ބާރު ގަދަ) "ކޯ" އެއް ހިމެނިގެންވާ ތަރިއެކެވެ. ދޭތެރެ ދޭތެރެއިން، "މެގްނީޓާ" ތަރީގެ މެދުން ބާރުގަދަ ސިގުނަލެއް ބޭރުވެއެވެ. އެ ސިގުނަލަކީ ދުނިޔޭގައިވާ ފަންނީ އާލާތްތައް މެދުވެރިކޮށް، އެފް.އާރު.ބީ ގެ ގޮތުގައި ފެންނަ އެއްޗެވެ.

5. މާސް ގައި ފެން އެބަހުރި

މީގެ ކުރިންވެސް މާސް ގައި (ދިޔާ) ފެން ހުރިކަމަށް އަޑު އިވިފައިވެއެވެ. ހަމަ އެފަދައިން މާސް އަކީ ހަނަފަސް ހިކި ޕްލެނެޓް އެއް ކަމަށްވެސް އަޑު އިވިފައިވެއެވެ. ފަލަކީ ސައިންޓިސްޓުންނަށް ޖަވާބު ނުދެވިފައިވާ އެއް އަރަތަކީ މާސް ގައި ފެން ހުރިތޯ ނުވަތަ ނޫންތޯ އެވެ. އެއީ އެހާ މުހިންމު ކަމަކަށް ވާ ސަބަބަކީ، ފެން ހުރެއްޖެ ނަމަ، ދިރުން ހުރުމުގެ ފުރުސަތު އިތުރުވާނެތީއެވެ. 2020 ގެ ކުރީކޮޅު، ސައިންޓިސްޓުން ބުނީ މާސް ގައި ހަތަރު "ލޭކް" (ވަރަށް ބޮޑު ފެންގަނޑު) ވާކަމަށެވެ. ނަމަވެސް އެއީ ވަރަށް ލޮނުގަދަ ފެންގަނޑު ތަކެކެވެ. އަދި އެ ފެންގަނޑުތައް ވަނީ މޭލެއްގެ ބޯ މިނުގައި ގަނޑުވެފައިވާ ކާބަންޑައިއޮކްސައިޑްގެ ދަށުގައި ވަޅުލެވިފައެވެ.

4. ވެލިކޮޅެއް ގެއަށް ގެނައުން

2020 ވަނަ އަހަރު، ތިން ސްޕޭސްކްރާފްޓް ކާމިޔާބު ކަމާއެކު ސާމްޕަލް ނެގުމަށްފަހު ދުނިޔެއަށް ފޮނުވާފައިވެއެވެ. އޭގެ ތެރެއިން އެއް އުޅަނދަކީ، ނާސާ އިން "ބެންނު" އެސްޓެރޮއިޑަށް ފޮނުވި OSIRIS-Rex މިޝަން އެވެ. އެ އުޅަނދުން ނެގި ސާމްޕަލްތައް ގިނަ ކަމުން، އޭގެ ކޮންޓެއިނަރ އިން ލީކުވެސް ވިއެވެ. ޖަޕާނުން ފޮނުވި Hayabusa2 މިޝަން އިން ނެގި "ރިޔުގޫ" އެސްޓެރޮއިޑްގެ ސާމްޕަލްތައް މިހާރުވަނީ ދުނިޔެއަށް ގެނެސްފައެވެ. އަދި ޗައިނާގެ Chang’e 5 ވަނީ ހަނދުން ސާމްޕަލް ނެގުމަށްފަހު ދުނިޔެއަށް ފޮނުވާފައެވެ.

3. ތީ ވަރަށް ބޮޑު "ބްލެކްހޯލް" އެއް!

"ގްރެވިޓޭޝަނަލް ވޭވް" ގެ އެހީގައި މިހާތަނަށް ފެނިފައިވާ "ބްލެކްހޯލް" ތަކާއި އޭގެ "ކޮލިޝަން" ތައް އަދަދު ނުކުރެވޭހާ ގިނަކަމުން، އެއީ މިހާރު ހަބަރަކަށްވެސް ނުވެއެވެ. ނަމަވެސް މިހާތަނަށް ފެނުނު އެފަދަ އެންމެ ބޮޑު "ކޮލިޝަން" ފެނިއްޖެކަމަށް ފަލަކީ ސައިންޓިސްޓުން މިދިޔަ އަހަރު ހާމަ ކުރިއެވެ. އެއީ އިރަށް ވުރެ 85 ގުނަ ބޮޑު "ބްލެކްހޯލް" އަކާއި އިރަށް ވުރެ 66 ގުނަ ބޮޑު "ބްލެކްހޯލް" އަކާ ޖެހި ތަތްވުމެވެ. އެ ހާދިސާއަށް ފަހު އުފެދުނީ އިރަށް ވުރެ 142 ގުނަ ބޮޑު "ބްލެކްހޯލް" އެކެވެ. މިއީ އާދަޔާހިލާފު ބިޔަ ސައިޒެކެވެ. އެ "ކޮލިޝަން" ގައި ގާތްގަނޑަކަށް ނުވަ އިރުގެ ޖުމުލަ ހަކަތަ ބޭރުވެގެން ދިޔައެވެ. (މީގެ އިތުރުން، 2020 ގެ ނޮބެލް ޕްރައިޒް ވެސް ލިބުނީ "ބްލެކްހޯލް" އާ ގުޅުންހުރި ކަމަކުންނެވެ.)

2. މި ސުޕަރކޮންޑަކްޓަރ ގެ އެތެރެ ވަރަށް ހޫނުވާނެބާ؟

ސުޕަރކޮންޑަކްޓަރ އަކީ ވަރަށް "ސަޅި" އެއްޗެކެވެ. ކުއަންޓަމް މެކެނިކްސް ގެ ސަބަބުން، ބައެއް ކަހަލަ ހާއްސަ ހާލަތްތަކުގައި، އެއްވެސް ހަކަތައެއް ނުގެއްލި، އިލެކްޓްރޯން ތަކަށް އެކުގައި ދަތުރު ކުރެވެއެވެ. އޭގެ މާނައަކީ ވަރަށް ގަދަފަދަ ކަރަންޓެއް އެއްވެސް "ރެޒިސްޓެންސް" އެއް ނެތި ދައުރު ކުރެވޭނެކަމެވެ. މިހާތަނަށް، އެފަދަ ހާއްސަ ހާލަތު އުފެއްދެނީ ފިނިހޫނުމިން އެތައްސަތޭކަ ޑިގްރީއެއް ދަށް ކޮށްގެންނެވެ. ނަމަވެސް 2020 ވަނަ އަހަރު، ފިނި ނުކޮށް އާދައިގެ ފިނިހޫނުމިނުގައި މސައްކަތް ކުރާ ސުޕަރކޮންޑަކްޓަރ އީޖާދު ކޮށްފައިވެއެވެ. ނަމަވެސް އެއީ ބުނެލާހާ ފަސޭހަ ކަމެއް ނޫނެވެ. އެހެނީ ފިނި ނުކުރިޔަސް، ދުނިޔޭގެ މެދުގައި ހުންނަ ވަރުގެ ޕްރެޝަރެއް އުފައްދަންޖެހެއެވެ.

1. ކޮވިޑް-19 ޔާ، ކަލޯއަށް ހީވޭތަ؟

އެންމެ ދެ މަސް ދުވަސް ތެރޭ މުޅި ދުނިޔެއަށް ފެތުރި، ކާރިސާއެއްގެ ދަރަޖަ ހޯދި ނޮވެލް ކޮރޯނާ ވައިރަސް SARS-CoV-2 ވަނީ އިންސާނުން ދިރިއުޅެމުން ދިޔަގޮތްތައް މުޅިން ރޫޅާލާފައެވެ. ނަމަވެސް މިހާރު މިވަނީ އެއާ ހަނގުރާމަ ކުރެވޭނެ ހަތިޔާރެއް އުފައްދާފައެވެ. އެއީ ވެކްސިން ތަކެވެ. މިހާރު އުފައްދާފައިވާ ވެކިސިން ތަކުން އަމާޒު ކުރަނީ ވައިރަހުގެ ވަކި ހާއްސަ "ކުރި ގަނޑެއް" ގޮތަށް އިންނަ ޕްރޯޓީން އަކަށެވެ. މިއީ ވައިރަސްއާ ދެކޮޅަށް ހަމަލާ ދިނުމަށް ބޭނުންކުރެވިދާ އަމާޒެއް ކަމަށް ދެނެގަނެ އޭގެ ތަފުސީލު "ޗާޓެއް" ކުރެހުނީ ފިޒިކްސް ގެ އުކުޅެއް ބޭނުންކުރާ ކްރަޔޮޖެނިކް އިލެކްޓްރޯން މައިކްރޮސްކޯޕް ގެ އެހީގައެވެ. އެ ޗާޓުގެ އެހީގައި ވެކްސިން އުފެއްދީ އެ "ކުރިގަނޑު" ގޮތަށެވެ.