ގްރޭޓަރ މާލޭ ސަރަހައްދުން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގްރޭޓާމާލެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓް ގާއިމް ކޮށް ޖޫން 4 ގައި ވަނީ ނިންމާލައިފައެވެ.
މިއީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ޚާއްސަ މަޝްރޫއެކެވެ. މިއީ އެކުންފުނީގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އިންޖީނުތަކެއް ކޮމިޝަން ކުރި މަޝްރޫއެވެ.
މި މަޝްރޫއުގެ ދަށުން 20.2 މެގަވޮޓްގެ ކެޕޭސިޓީގެ އެ ޕަވަރޕްލާންޓާއެކު، ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި ޕްލާންޓުގެ ސަބަބުން ގްރޭޓަރ މާލޭ ސަރަހައްދުން ކަރަންޓު ކެނޑިގެން ދިމާވާ މައްސަލަތަކަށް ވަރަށްބޮޑު ހައްލެއް ލިބިގެންދާނޭ ކަމަށް ސްޓެލްކޯއިން އުންމީދު ކުރެއެވެ.
އެކުންފުނީގެ މިހާރުގެ މެނޭޖުމެންޓުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް ރައްޔިތުންނަށް ދިމާވާ މައްސަލަތައް ވީހާވެސް އަވަހަށް ހައްލު ކޮށްދިނުމެވެ.
މި މަސައްކަތްކުރުމުގައި ވެސް ދިމާވާ މައްސަލައަކީ ފައިސާއެވެ. އެހެން ކަމުން ސްޓެލްކޯއިން އެދެނީ ނުދައްކައިހުރި ބިލްތައް ހުރިހާ ފަރާތްތަކުން ވެސް ދެއްކުމެވެ. ރައްޔިތުންނަށް ފުރިހަމަގޮތުގައި ޚިދުމަތްދެވޭނީ އެފައިސާ ލިބިގެން ކަމަށްވާތީއެވެ.