ނިމިގެން ދިޔަ މެއި މަހު ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިފަހަރުވެސް އެންމެގިނައި އެ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާވިސަސް ގެ ތަފާސް ހިސާބުތަކުން ދައްކާ ގިތުގައި މެއި މަހުގައި މުޅި ޖުމްލަ 306 މައްސަލައެއް ހުށަހަޅާފައިވެެއެވެ. އޭގެ ތެރޭގައި އަންހެން ކުދިންނަށް ކުރާ އަނިޔާތަކުގެ 80 މައްސަލައަކާއި، ފިރިހެން ކުދިންނަށް ކުރާ އަނިޔާގެ 52 މައްސަލައެއްވެސް ހިމެނެއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރޭގައި ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެގޮތުން، އެވްރެޖުކޮށް މެއި މަހުގެ ތެރޭގައި ކޮންމެ ދުވަހަކު މިފަދަ އެއް މައްސަލަ ހުށަހަޅާފައިވެއެވެ. މުޅި މަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ 31 މައްސަލަ ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 22 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 22 މައްސަލަ އާއި އިހުމާލުވުމުގެ 17 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 4 މައްސަލަ، ހަރުކަށި ފިކުރުގެ ޖަމާޢަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ 2 މައްސަލަ، ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ 1 މައްސަލަ އަދި ބްލެކްމެއިލް ކުރުމުގެ 1 މައްސަލަ ވަނީ މެއި މަހުގެ ތެރޭގައި ހުށަހަޅައިފައެވެ.

މީގެ އިތުރުން ކުޑަކުދިންގެ ޙައްގުތަކާ ގުޅުންހުރި 3 މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލައެއް ވެސް މެއި މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އެންމެގިނައީ ނަފްސާނީ އަނިޔާކުރުމުގެ މައްސަލައެވެ. އޭގެ 22 މައްސަލައެއް ހުށަހަޅާފައިވާއިރު ޖިސްމާނީ އަނިޔާ ކުރުމުގެ 16 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 1 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ، މާލީ އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ، މުދާ ހިފެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ އަދި ހިފެހެއްޓުމުގެ އަމަލު ހިންގުމުގެ 1 މައްސަލަ ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހުގެ ތެރޭގައި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 3 މައްސަލައެއް ވަނީ ހުށަހަޅިފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލައެއް ހުށަހަޅާފައިވާއިރު ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުގެ 4 މައްސަލައަކާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 31 މައްސަލައަކާއި އާއިލީ މައްސަލަތަކާއި ގުޅުންހުރި 40 މައްސަލައެއް ވެސް ވަނީ އެ މިނިސްޓްރީއަށް ހުށަހަޅައިފައެވެ.