އިސްލާމް ދީނުގައި އީދު ފާހަގަކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުން ނޫން ކަމަށާއި އަދި އީދު ފާހަގަ ކުރުމަށް ﷲ އަންގަވާފައިވާ މަގުން އެކަލާނގެ ހުއްދަދެއްވާފައިވާ އިމުގެ ތެރެއިން އީދުގެ އުފާ ފާހަގަ ކުރުމަށް މިއަދުގެ އަޟްހާ އީދު ހުތުބާގައި ގޮވާލައިފިއެވެ.
އިސްލާމް ދީނުގައި އީދުތަކަކީ الله ގެ އަމުރުފުޅުތަކަކަށް ކިޔަމަންގަތުމާ ވިދިގެން އަންނަ ދުވަސްތަކެއް ކަން ފާހަގަ ކުރަމުން ހުތުބާގައި ބުނީ އަޟްހާ އީދު ގުޅިފައިވަނީ ހައްޖުގެ އަޅުކަމާ ކަމުގައެވެ. އަދި މިފަދަ އީދުދުވަސްތައް އުފާވެރި ބާއްޖަވެރި އަދި އެކަކު އަނެކަކަށް ހިތްހެޔޮކުރުމުގެ ދުވަސްތަކަކަށް ހެދުމަށްޓަކައި އެއް ބަޔަކު އަނެއް ބަޔަކާ އަތާއިއަތް ޖޯޑުކޮށް, ސަލާން ގަލާން ކުރާ ދުވަހަކަށް ހެދުމަށް ވެސް ވަނީ ގޮވާލައިފައެވެ.
އަދި އެކަކު އަނެކަކަށް އަޅައިލާ ހެޔޮކަންތައްތަކާއި ތަގުވާވެރިކަމުގައި އެއްބާރުލުން ދިނުމަށާއި ރަހިމުގެ ގުޅުން ދަމަހައްޓައި ޔަތީމުންނަށް ރަހުމްކުރުމަށްވެސް ހުތުބާގައި ގޮވާލިއެވެ. ހަމައެހެންމެ މިއީ ބަޔަކު އުޅޭ ގޮތް ކޮޕީ ކޮށްގެން އެެގޮތަށް އުފާ ފާޅުކުރަން ޖެހޭ ކަމެއް ނޫންކަމަށެވެ.
އިސްލާމީ އީދަކީ އެކަނިވެރިޔާ, އޭނާގެ އާއިލާގެ މަތިން ފަގީރުމީހާ, އޭނާގެ މުހުތާދުތަކުގެ މަތިން, ބީރަށްޓެހިމީހާ, އޭނާގެ ރަށްޓެހީންގެ މަތިން, ބިދޭސީ މީހާ, އޭނާގެ ގައުމުގެ މަތިން, ޔަތީމުކުއްޖާ, އޭނާގެ މައިންބަފައިންގެ މަތިން ހަނދާންކޮށްދޭ ދުވަހެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ. މިއަދަކީ އެ ހުރިހާ އެންމެންނަށް މާތް الله ހަނދުމަވާންވީ ދުވަސް ކަމަށާއި އަދި ﷲތައާލާއީ ހުރިހާ ބާރުތަކަކަށް ވުރެ ގަދަފަދަ އަޒީޒުވަންތަ ރަސްކަލާނގެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.
އިސްމާއިލުގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށާއި ދަރީން މައިންބަފައިންނަށް ކިޔަމަން ގަންނަންޖެހޭ މިންވަރުގެ ދިރިހުރި މިސާލެއްކަމަށާއި އަހަރެމެން އުޟްހިޔާ ކަތިލާ ހިނދު, އަހަރެމެންގެ ހަނދާނަށް ގެނެސްދެނީ އެ މަތިވެރި ޒިކުރާތައް ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ އީދުދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއް ކަމަށާއި އެހެނަސް އެ އުފާ ފާޅުކުރަންވާނީ الله ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ކަމަށެވެ.