އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށްފަހު ހިދުމަތުން ރިޓަޔާކުރެއްވި ޑރ. އަބްދުﷲ ފައިރޫޝްގެ ހިދުމަތުގެ އަގުވަޒަންކޮށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވީޓް ކުރެއްވުމުން ހެންވޭރި ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑުވިދާޅުވެއްޖެއެވެ.

އޭސީޕީ ފައިރޫޝް ރިޓަޔާ ކުރެއްވިކަން ހާމަކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓުގައި ވަނީ ފުލުހުންގެ މުއައްސަސާއަށް ފައިރޫޝް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިކަމާ ގުޅިގެން ހަސަން ލަތީފް ވަނީ ސީޕީ ހަމީދު ޓެގް ކުރައްވައި "ޝޭމް އޮން ޔޫ" ނުވަތަ "ލަދު ގަންނަން ޖެހޭ" މިފަދައިން ވިދާޅުވެ ސީޕީ ހަމީދުގެ ބަސްފުޅަށް ނުރުހުން ފާޅުކުރައްވާފަ އެވެ.

ފައިރޫޝްއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުގެ ކުރިން ހިނގާދިޔަ ކަންތައްތަކުގައި ފުލުހުންގެ ތެރެއިން ވަރަށް އިސްކޮށް އެދުވަހު ހަރަކާތްތެރިވި ބޭފުޅެކެވެ.

އެގޮތުން ފެބުރުއަރީ ހަތެއްގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ފައިރޫޝްއެވެ. އަދި އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވަން ކުރިމަތިވި ހަމަނުޖެހުންތަކުގައި ފައިރޫޝް އިސް ދައުރެއް އަދާކުރެއްވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.