މިސައިލުން ދިފާއު ވުމަށް އިސްރާއީލުން ބޭނުން ކުރާ އަޔަން ޑޯމް އެއާ ޑިފެންސް ސިސްޓަމް ޔޫކްރައިނަށް ވިއްކައިފިނަމަ، އަޔަން ޑޯމް ސިސްޓަމް އިރާނަށް ލިބިދާނެ ކަމަށާއި އެހެން ކަމުން ޔޫކްރައިނަށް މިސިސްޓަމް ނުވިއްކާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބުނެފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހެން ބުނީ، ދަ ވޯލް ސްޓްރީޓް ޖާނަލްއަށް މިއަދު ދިން ބަސްދީގަތުމެއްގައެވެ.

"އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެން ޔޫކްރޭނަށް ވިއްކާ މިސައިލުން ދިފާއުވާ ނިޒާމުތައް (އަޔަން ޑޯމް ސިސްޓަމް) އީރާނުގެ އަތަށް ވެއްޓިދާނެ ކަމާ މެދު ވިސްނުން މުހިންމުހެން" ނަތަންޔާހޫ ބުންޏެވެ.

ނަތަންޔާހޫ ފާހަގަ ކުރި ގޮތުގައި ޔޫކްރައިނަށް މިސައިލުން ދިފާއުވާ ނިޒާމް ވިއްކައިފިނަމަ، ތެހެރާނަށް (އިރާނުގެ ވެރިރަށް) އިސްރާއީލާ ދެކޮޅަށް އިސްރާއީލުގެ ހަތިޔާރު ބޭނުންކުރެވޭނެ އެވެ. އެގޮތަށް އެކަން ހިނގައިފިނަމަ އިސްރާއީލުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި އިސްރާއީލް ނާމާން ތަނަކަށް ބަދަލުވެގެން ދާނެ ކަމަށެވެ.

ނަތަންޔާހޫ އިތުރަށް ބުނީ އިސްރާއީލުގެ އާބާދީގެ ބޮޑުބަޔަކަށް ރައްކާތެރިކަން ލިބެނީ އަޔަން ޑޯމް ސިސްޓަމްތަކުގެ ސަބަބުން ކަމަށެވެ. އަދި މިހާތަނަށް ބޮޑެތި ގެއްލުންތަކުން ސަލާމަތްވެފައިވަނީ، އިސްރާއީލަށް އަމާޒުކޮށްގެން ފޮނުވާލާ %95 މިސައިލްތައް އަޔަން ޑޯމް ނިޒާމުން ވައްޓާލާތީ ކަމަށެވެ. ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރާ ޖަމާއަތްތަކުން ފޮނުވާލާ ގިނަ މިސައިލްތަކުން އިސްރާއީލުން ދިފާއުވަނީ އަޔަން ޑޯމް ސިސްޓަމް ބޭނުން ކޮށްގެންނެވެ.

"އެ ނިޒާމު އީރާނުގެ އަތްދަށަށް ވެއްޓިއްޖެ ނަމަ، ދެން އެތައް މިލިއަން އިސްރާއީލުންނެއް ދިފާއު ނުވެ، ނުރައްކަލުގެ ތެރޭގައި ތިބޭނެ،" ނަތަންޔާހޫ ބުންޏެވެ.

އަޔަން ޑޯމް އަކީ އެމެރިކާގެ ހަތިޔާރު އުފައްދާ ކުންފުނި ރޭތިއަންއާ ގުޅިގެން އިސްރާއީލުގެ ރަފައެލް އެޑްވާންސްޑް ޑިފެންސް ސިސްޓަމްސް އިން އުފައްދާފައިވާ ވައިގެ ދިފާއީ ނިޒާމެކެވެ. އެއީ ކުރު ރާސްތާ ރޮކެޓްތަކާ ދެކޮޅަށް އެންމެ ފައިދާހުރި އެއް ނިޒާމު ކަމަށް ދުނިޔޭގެ އަސްކަރީ ތަޖުރިބާކާރުން ދެކެއެވެ.

{ނޯޓް: އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫއަށް ނިސްބަތްކޮށް ބަހުގެ އާދައިގެ ދަރަޖަ ބޭނުން ކޮށްފައި އެވަނީީ، އިސްރާއިލަކީ ރާއްޖެއިން އިއުތިރާފްވެފައިވާ ދައުލަތަކަށް ނުވާތީ އާއި އޭނާއަކީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޤަތުލް އާންމު ތަކެއް ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުން އަންނަ މުޖްރިމެއް ކަމުގައި ލިޔުންތެރިޔާ ގަބޫލް ކުރާތީއެވެ}.