ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އަރަފާތަށް ދިއުމަށް މިނާގައި ހުއްޓައި ގެއްލުނީ ރ. މާކުރުތު، މަލަ، 72 އަަހަރުގެ މުހައްމަދު ނަސީމް އަލީ ކިޔާމީހެކެވެ.

މިއަދު އިސްލާމިކް މިނިސްޓްރީން ބުނީ އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި މި އަހަރު ރާއްޖޭން ހައްޖަށް ދިޔަ މުހައްމަދު ނަސީމް އަލީ މަރުވެފައިވާ ކަމަށެވެ.

ހައްޖު މަހުގެ އަށް ވަނަ ދުވަހުގެ ރޭ މިނާ ޓެންޓުން ނުކުތް ފަހުން، ނަސީމު ވީނުވީއެއް ނޭންގި ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ ނޫރު ފަރުބަދަ ކައިރީ ކަމަށް އިސްލާމިކް މިނިސްޓަރީން މައުލޫމާތުދީފައިވެއެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނަސީމު ވަނީ މަރުވެފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަސީމުގެ އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި، ނަސީމަކީ ހަނދާން ނެތޭ ބަލި ވަރަށް ބޮޑަށް ހުންނަ މީހެކެވެ. އަދި އިންޑިއާ އިން އެކަމަށް ބޭސްކުރާތާ މިހާރު ފަސްއަހަރުވެފައިވާ ކަމަށްވެސް ބުންޏެވެ.