ނޭޓޯއިން ފޯރުކޮށްދޭނެ ކަމަށް ބުނި ހަތިޔާރު ނުލިބުމުގެ ޔޫކްރައިނުގެ އަސްކަރިއްޔާއިން ކޮންމެ ދުވަހަކު އެތައް ސިފައިންނެއް މަރުވަމުންދާ ކަމަށް ވިދާޅުވެ ޔޫކްރައިނުގެ ކޮމާންޑާ އިން ޗީފް ވަލެރީ ޒުލުޒިނީ ނުރުހުން ފާޅު ކުރައްވައިފިއެވެ.
އެމެރިކާގެ ވޮޝިންގޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި ޒުލުޒިނީ ވިދާޅުވީ އެމެރިކާގެ ޖޮއިންޓް ޗެއާމަން ޗީފް މާކް މިލޭ ހިމެނޭ ގޮތަށް ނޭޓޯގެ ވެރިންނާއެކު ކޮންމެ ދުވަހަކު މަޝްވަރާ ކުރެވޭ ކަމަށާއި އެކަމަކު ޔޫކްރައިނުން އެދިފައިވާ ކޮލިޓީގެ ހަތިޔާރު ޔޫކްރައިނުން އެދެމުން އަންނަ ހަލުވި މިނުގައި ލިބެމުން ނުދާ ކަމަށެވެ. ޔޫކްރައިނުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރަމުން އަންނީ އެފް-16 ފައިޓަރ ޖެޓް، ނޭޓޯއިން އެގައުމަށް ފޯރު ނުކޮށްދޭތީއެވެ.
"އަހަރެމެން ނޭދެން މުޅި ދުނިޔެއަށް ނުރައްކާ ވާވަރަށް އެފް-16 ގެ 120 ބޯޓް ފޮނުވައި ދިނުމަކަށް. އަހަރެމެން އެދެނީ ނޭޓޯއިން ވެފައިވާ ވައުދާ އެއްގޮތަކަށް ލިމިޓެޑް ބޯޓްތަކެއް ފޮނުވައި ދިނުމަށް. ނޭޓޯގައި އަހަރެމެން މިބުނަނީ ހަފްތާއަކު މިވެނި ވައްތަރެއްގެ 100،000 ވަޒަން ނުލިބިއްޖެޔާ ޔޫކްރައިން ސިފައިންގެ ހާހެއްހައި ސިފައިން ހަފްތާއެއްގެ ތެރޭގައި މަރުވާނެއޭ. އެކަމަކު ހަތިޔާރު ލިބެމުން ދަނީ ބޭނުންވާ ސްޕީޑުގައެއް ނޫން" ޒުލުޒިނީ ވިދާޅުވިއެވެ.
މީގެ އިތުރުން ޒުލުޒިނީ ވަނީ ރަޝިޔާއާ ދެކޮޅަށް ޔޫކްރައިނަށް އެކަށީގެންވާ ކުރިއެރުން ނުހޯދޭކަމަށް ބުނެ ނޭޓޯއިން ނުސީދާކޮށް އެގައުމަށް އަމާޒު ކުރަމުން އަންނަ ފާޑުކިޔުންތަކަށްވެސް ރައްދު ދެއްވާފައެވެ.
"ކަރުދާހުގައި ނުވަތަ ކޮމްޕިއުޓަރު ސޮފްޓްވެއަރއެއް ބޭނުންކޮށްގެން ބުނެވިދާނެ މިވެނި އެވެނި މުއްދަތެއްގެ ތެރޭގައި މިވެނި ބޮޑު މިނެއްގެ ސަރަހައްދެއް ކޯންޓްރޯލް އަތުލެވިދާނެ ކަމަށް. ހަގީގަތަކީ ކަރުދާހުގައި ނުވަތަ ކޮމްޕިއުޓަރު ސޮފްޓްވެއަރގެ އެހީގައި ފެންނަ ހަނގުރާމައިގެ މައިދާނާ އަސްލު ހަނގުރާމައިގެ މައިދާން ވަރަށް ތަފާތުވާނެކަން. އަސްލު ހަނގުރާމައިގެ މައިދާނުން މަރުވަމުން ދަނީ އަސްލު ސިފައިން. އަސްލު ހަނގުރާމައިގެ މައިދާނުން ހަލާކު ވަމުން ދަނީ އަސްލު ހަނގުރާމައިގެ އުޅަނދުތައް. އެންމެ މީޓަރެއް ހިފަންވެސް ލޯގެ ކޯރަކުން އަގު އަދާކުރަންޖެހެނީ އަސްލު ސިފައިންގެ ލެއިން" ޔޫކްރައިނަށް ހަނގުރާމައިގައި ކުރިއެރުން ހޯދުމުން އަންނަނީ ލަހުން ކަމަށް ބުނެ ނޭޓޯއިން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ޒުލުޒިނީ ވިދާޅުވިއެވެ.