ދުވަހަކު ވެސް ރަސްގެފާނު މުޅި ހަޔާތްޕުޅުގައި ނުވާފަދަ ކޯފާފުޅެއް އިސްކުރެއްވިއެވެ. އެ މަނިކުފާނު ކޯފާފުޅު ވެވަޑައިގެން ހުންނެވި ވަރުން އަމުރުފުޅު ކުރެއްވީ ރާނީކަމަނާގެ ޤާތިލް ކަމުގައިވާ އެ ރަހުމްކުޑަ ދެޔޯ ގަތުލު ކުރެއްވުމަށެވެ. ކޯފާފުޅު އިސްވެވަޑައިގެންފައިވާ ރަސްގެފާނު އަމުރުފުޅު ކުރެއްވީ ހަމަ އެހިނދުން އެ ހިނދަށް އެ ދެޔޯގެ މަރު ތަންފީޒު ކުރުމަށެވެ. އެ ދެޔޯ ޤަތުލު ކުރެއްވުމަށެވެ. ޕަރިސްތާން ގަނޑުވަރުގެ ބޮޑުދަރުބާރުގެ މެދުގައި ޕަރީންގެ އެންމެހައި ކުދިބޮޑު ހުރިހައި މީސްތަކުންގެ ކުރިމަތީގައި ރަސްގެފާނު ގަދަ ކޯފާފުޅާއެކު ޝާހީ ރަން ކަނޑިކޮޅު ނަންގަވައި ޚުދު އަލްއަބީރުލްމާލިކް އެމަނިކުފާނުގެ ދެއަތްޕުޅުން ކަނޑިން ޖައްސަވައި އެ ދެޔޯގެ ބޯބުރިކޮށްލެއްވިއެވެ. އެ ދެޔޯ ޤަތުލު ކުރެއްވުމަށް ފަހު އޭތީގެ ހަށިގަނޑު ކަނޑު ފެއްތިއެވެ.
އަދި ޕަރިސްތާނުގެ ބޮޑު ގަނޑުވަރު ރަން ފަރުބަދައިގެ މަތިން ނަންގަވައި ވިލާގަނޑު މަތީގައި އެހެން އެއްވެސް ޖިންނީންގެ ބަޔަކަށް ނޭރޭނެ ގޮތަށް ހައްދަވައި ގަނޑުވަރު ވަށައިގެން ބިޔަ ލޯގަނޑު ތަކެެއް ޖެއްސެވިއެވެ. އިރުގެ އަލިން އެ ލޯގަނޑުތަކަށް އަލި އެޅި ރަސްގެފާނު އަތްޕުޅުގައިވާ ޖާދޫގެ ރަން ދަނޑިގަނޑުގެ ބާރުގަދަ ޖާދޫއިން ލޯގަނޑުތައް ދިއްލި އެހެން އެއްވެސް ޖިންނިއަކަށް ގަނޑުވަރާ ހަމައަށް ނޭރޭނެގޮތް ވަނީ ހައްދަވާފައެވެ. މިގަނޑުވަރަށް އެހެން ޖިންނިއަކު އަރަން އުޅެފިނަމަ އެލޯގަނޑުތަކުގެ އަލީގައި އެބައެއްގެ ލޯތައް ކަނު ވެގެންދާ އަދި އަނދައިގެން ދާވަރުގެ ބާރެއްވެއެވެ.
ރަސްގެފާނު ވަނީ އެމަނިކުފާނުންގެ ރާނީ ކަމަނާފުޅު ކުއްލި އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލެއްވުމުން އެކަމުގެ ފުން އަސަރުަފުޅުން ބޮޑު ހިތާމައެއް ކުރައްވަން ޖެހިވަޑައިގެންފައެވެ. އެ މަނިކުފާނުގެ އެ ހިތާމަފުޅު ތަކަށް ކެތް ނުކުރެއްވިގެން ޕަރިސްތާންގެ ބޮޑެތި ޤާނޫނުތަކާއި ގަވާއިދުތައް ބަދަލު ގެންނަވައި ހައްދަވައިފައިއެވެ. އެއިން އެއްވެސް ޤާނޫނަކަށް ތަބާނުވެ ނުކިޔަމަންތެރި ވެއްޖެ ކޮންމެ މީހަކަށް ބޮޑުވެގެންވާ އުޤޫބާތެއް ދެވޭނެއެވެ.
އެންމެ ބޮޑު އަދަބެއްގެ ގޮތުން ނުކިޔަމަންތެރިވާ ޕަރީއެއް ނުވަތަ ހާދިމަކަށް އެބައެއްގެ ފިޔަގަނޑުތައް ގައު ކުރައްވައި މުގުރާ ލެވެއެވެ. އަދި ދުވަހަކު ވެސް ނުއުދުހެވޭނެ ގޮތަށް ހައްދަވައި އެބައެއްގެ ރޫހާނީ ބާރު އަބަދަށް ނެތިހަލާކު ކޮށްލައެވެ. އަދި ކިއެއްތަ ޕަރިސްތާންގެ ގަނޑުވަރުން އަބަދުގެ އަބަދަށް އެމީހަކު ބޭރުކޮށްލެވެއެވެ. ދެން ބިމުގެ ހޫނުގަދަ ހަނަފަސް ސަހަރާގެ އަލިފާން ފަދައިން ހޫނުވެ ދޮންވެފައިވާ ހިމުން ހިލަވެލިގަނޑަށް އެމީހަކު އެކަނި ދޫކޮށް ލެވެއެވެ.
މި ގޮތަށް އެއްވެސް ޕަރީ އެއް ނުވަތަ ޚާދިމެއްގެ ފިޔަގަނޑު ގާ ކުރައްވައި ނަންގައިފައިވާ ބަޔެއްގެ ދިގު އުމުރު ކުރުވެގެން ދެއެވެ. ދެން އެހައި ގިނަ ދުވަސް ތަކެއްނުވެ ފިޔަގަނޑު ނެތް ޕަރީ އެއް ނުވަތަ ޚާދިމަކަށް ބަލިމަޑުކަމެއް ޖެހިދެއެވެ. އެބައެއްގެ ހަށިގަނޑު ތަކަށް ކިތައްމެ ކުޑަ މިންވަރަކަށް ވެސް އިރުގެ އަލިކަން އެޅިއްޖިއްޔާ ނޫ ކުލައިގެ އަލިފާނަކުން އަނދައި ވޭނުގައި ގިނަދުވަހު އުޅުމަށްފަހުގައި އެމީހަކު އަޅިއަށް ބަދަލުވެ މަރުވެގެންދެއެވެ.
އަދި އޭގެ އެތަކެއް ޒަމާން ތަކެއްގެ ފަހުން ޖަރާކް ޖިންނީގެ ކިބައިން ހުރިހާ ޕަރީންތަކާއި މުޅި ޕަރިސްތާނުގެ ޖީލު ސަލާމަތް ވުމަށްޓަކައި ރަސްގެފާނު ވަނީ ކުރެއްވުނު ހުރި ހައިކަމެއް ކުރައްވައިފައެވެ. ޖަރާކް ޖިންނިއަށް އެއްވެސް ހާލެއްގައި ސަލާމަތް ވެވިއްޖިއްޔާ އޭނާއަށް ވެވުނު ގޮތަކަށް ރަސްގެފާނުގެ ކިބައިން ބަދަލު ހިފާނެކަން ޔަޤީނެވެ. ރަސްގެފާނުވަނީ މިހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނަވާވަޑައިގެން ގަނޑުވަރާއި ޝަބީބާ ކަމަނާ ރައްކާތެރި ކުރެއްވުމަށް އޮތިއްޔާ އޮތްހައި ކަމެއް ކުރައްވާފައެވެ.
އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ އެވަނީ އެކަމަނާގެ ބައްޕާފުޅުގެ އަމުރުފުޅުކާއި ނުލައި ބިމަށް ފައިބައި ވަޑައިގަންނެވި އެ ކަމުގެ އަދަބުގައި މިހާރު ޕަރިސްތާން ގެ ގަނޑުވަރުކޮޅުގެ އަސީރެއްފަދައިންނެވެ. އެކަމަނާގެ މަންމާފުޅު އުޅުއްވި ހާއްސަ ފިނިފެންމަލުގެ ބަގީޗާގައި އަވަހާރަވެ ވަޑައިގެން ނެވި ރާނީ ކަމަނާ ފަދައިން ހުވަނދު ތައްޔާރު ކުރެއްވުމުގައެވެ. ރަސްގެފާނު ވަނީ ޝަބީބާ ކަމަނާ ގެ ފިޔަނގަނޑު ގާ ނުކުރައްވައި އެހެނަސް ދެން އެކަމަނާ އަކަށް ގަނޑުވަރުން ބޭރަށް ދުވަހަކު ވެސް ނުނިކުންނެވޭނެ ގޮތަށް ހައްޔަރުފުޅު ކުރައްވައި ބަންދު ކުރައްވާފައެވެ.
އަލްއަބީރުލްމާލިކް ރަސްގެފާނުވަނީ ޝަބީބާ ކަމަނާ އިންނަވާ ހުވަނދު ބަގީޗާގައި ހުރި ކެލާގަސް ހުރި ބޮޑު ފުން ފެންގަނޑު ރަސްގެފާނުގެ ޖާދޫގެ ގޮފިގަނޑުގެ ބާރުން ބަގީޗާގެ މައްޗަށް ނަންގަވާފައެވެ. ފެނުން ބޮޑު ގުއްބެއް ތައްޔާރު ކުރައް ވާފައެވެ. ބަގީޗާގެ މައްޗަށް އެފެނިވަޑައި ގަންނަވަނީ ބޮޑު ފެންގަނޑެކެވެ. އެއީ ބަގީޗާގެ ވަށައިގެންވާ ސަންގުމަރުމަރު ހިލައިގެ ފާރުތަކުގެ މަތީގައި ފުރާޅަކަށް ހުސް ފެނުން ބިނާކުރަށްވައިފައި ހައްދަވައި ފައިވާ ބޮޑު ފެން ގުއްބުކެވެ. މި ފެން ގުއްބުގެ ރީތި ކަމަކީ އެތަނަށް ބަލައިލެއްވި ކޮންމެ މަޚްލޫގަކަށްމެ ހައިރާން ވެ އަންތަރީސް ވާ ފަދަ އަޖައިބު ކުރަވަނިވި މަތިވެރި ރޫޚާނީ ބިނާކޮޅެކެވެ.
އެ ފެން ގުއްބު ތައްޔާރު ފުޅުކޮށް ބިނާކުރެއްވި ފައިވާ ގޮތުން ދުވާލު ވެއްޖެ ނަމަ އިރުގެ އަލި ކަމުން މުޅި ފެންގަނޑު އަލި ވެއެވެ. އަދި ބަގީޗާތެރެ ފެނުގެ ރެނދަން ލައިގެން އަލި ވެގެން ދެއެވެ. އަބަދުމެ މި ފެން ގުއްބު ގެ ސަބަބުން މުޅި ބަގީޗާ ތެރެ ހުންނަނީ ނުހަނު އަރައިމު ފިނިކަމަކުން ފިންޏެއް ފެތުރިފައެވެ. އަދި ރޭގަނޑެއް ވެއްޖެ ނަމަ އުޑުގެ ތަރިތަކާއި ހަނދުގެ އަލިކަމުން ފެންގަނޑު އަލިވެއެވެ. އަދި ބަގީޗާގެ ސަންގުމަރުމަރު ހިލައިގެ ފާރުތަށް ވިދައި ބަބުޅާނެއެވެ. އެ ފެން ގުއްބުން އެންމެ ފެންތިއްކެއް ވެސް ތިރިއަކަށް ނުފައިބާނެއެވެ.
ޖަރާކް ޖިންނިއަށް ޕަރިސްތާނުގެ ރަން ތަޅުދަނޑި ކަމަށްވާ ކެލާއިން ހައްދަވައި ފައިވާ ޖާދޫގެ ގޮފިގަނޑުގެ ހިމާޔަތަށްޓަކައި އެއްވެސް ބަޔަކަށް ނުފެންނާނޭ ގޮތެއް ރަސްގެފާނު ވަނީ ހައްދަވައިފައެވެ. ރަސްގެފާނު ވަނީ މި ޖާދޫގެ ގޮފިގނޑު ކެލާ ގަހުގައި ފޮރުއްވައި ވަންހަނައި ކުރައްވައިފައެވެ. ރަސްގެފާނު އެމަނިކުފާނުގެ ލޯބި ފުޅުވެލައްވާ އަނބިކަނބަލުން ރާނީ ޒަމްރީޝާ ކަމަނާފުޅު އަވަހާރަވެ ވަޑައިގެން ނަވައި ހަލާކުފުޅު ވެދިޔަ ގޮތަކަށް އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ ގެއްލި ފުޅުވެގެން ދާކަށް ބޭނުންފުޅެއް ނުވެއެވެ.
ވަރަށް ސާފު ރީތި ރޭގަނޑެކެވެ. ޝަބީބާ ކަމަނާ ހުންނެވީ ބަގީޗާގެ ތެރޭގައި އެކަމަނާގެ މަންމާފުޅު ކުރެއްވި މަސައްކަތްޕުޅު ހުވަނދުގެ ޢަރަގު ހެއްދެވުމު ގައި އަވަދި ނެތި މަސައްކަތް ޕުޅުގައެވެ. އެކިއެކި ބާވަތް ތަކުގެ ތަކެތި އެއްކުރައް ވާށެވެ. އިތާ މުތުގެ ކުނޑިއާއި ރަންމަންފުއްލާ ގެ ބޮޑެތި ގޮމަކަސްތޫރި ގުޅަތައް ނަންގަވައި ހައްދަވާށެވެ. ސާމަރާދޫނީގެ ނަލަ ރީތީ ފިޔަތަށް ބޮޑެތި ވަށިގަނޑު ތަކުގައި ފުރިފައެވެ. ބޮޑެތި ހުދު އަދި ކަޅު މާވަހަރު ވެސް އެކި ރުނބައި ތަކުން ނަންގަވާށެވެ. ކެލާގެ ކީސް ކުނޑިއާއި މާމުޔާއި އެއްކުރައްވައި ހައްދަވައެވެ.
އަދި ބޮޑު ބިއްލޫރި ބަނޑިޔަލެއް ގައި އެތަކެތި ދުންނާރާ ހުންނަ ފެހިކުލައިގެ އަލިފާނަކުން ކައްކަވައެވެ. ދެން އޭގެ ތެރެއަށް އެކި ވައްތަރު ގެ ފިނިފެންމަލާއި ކުކުން އެއްކުރަށްވައެވެ. މިހުރިހައި ސާމާނު އެއްކުރައްވައި އޭގެ ޢަރަގާ އަތަރުގެ ތެޔޮ ނަންގަވައި ހަދައްވައެވެ. މި އަތަރުތަށް ބޮޑެތި ކުޅަނދުރު ހަތާތަކަށް އަޅުއްވައި ބަންދުކުރައްވައެވެ. އަދި ގެންގޮސް ބޮޑެތި ބިޔަ ފިނިފެންމާ ގަސްތަކުގައިވާ ހައިބަތުން ފުރޭ ބޮޑެތި ފިނިފެންމަލުގެ ކަރުގަނޑުގެ އަޑީގައި މިއަތަރު ހަތާތައް ހަރުކުރައްވައެވެ.
ދެން ޝަބީބާ ކަމަނާ ބަގީޗާގައި ހުންނަ ކެލާ ގަހުގައިވާ ހާއްސަ ގޮފިކޮޅުގައި އަތްޕުޅު ބީއްސެވެމުން އެގޮފިކޮޅު ރަނުން ހެދި ފައިވާ ދަނޑި ގަނޑަކަށް ބަދަލު ވެއެވެ. ދެން އެކަމަނާ މިޖާދޫގެ ރަން ދަނޑިކޮޅު ނަންގަވައި ގެންގޮސް އެއަތަރު ހަތާތައް ހަރުކުރައްވައި ފައިވާ ފިނިފެންމާ ގަސްތަކުގައި ޖައްސަވައެވެ. އެގަސްތަކުން ފަޅާފައި ހުންނަ ބޮޑެތި ފިނިފެންމާ ގޮފީގައި އެހުންނަ ތޫނު ކަށިތަކުން ރަތްކުލައިގެ އޮލަ ދިޔާ އަތަރުތައް ފައިބާން ފަށާނެއެވެ. މި އަތަރު ތިކިޖެހޭ ކޮންމެ ކައްޓެއް ފަޅާފައިވާ ގޮފިގަނޑެއްގައި ބިއްލޫރިން ހެދިފައިވާ ބޮޑެތި ރުނބަޔާއި ބަނޑިޔާތަކާއި ފުޅިތައް ހުރެއެވެ. މިއިން ކޮންމެ އެއްޗެއް ފުރެންދެން މާމުއި ފަދައިން މީރުވަސް ދުވާ ދިޔާކޮށްހުންނަ އޮލަ އަތަރުހުވަނދެއް ފައިބައިއެވެ.
މިބަގީޗާއަށް ކޮންމެ މީހަކަށް ވަނުން ހުއްދަފުޅެއް ނޫނެވެ. ހަމައެކަނި ރަސްގެފާނާއި ރަސްގެފާނު ހުއްދަފުޅު ދެއްވި މީހަކަށް މެނުވީއެވެ. ޝަބީބާ ކަމަނާ އިންނަވާ ބަގީޗާ ކޮޅަކަށް އެއްވެސް މީހަކު ވަނުން ހުއްދަފުޅެއް ލިބިގެންނުވޭއެވެ. އެ ހުއްދަފުޅު ލިބިގެންވާ ހަމައެކަނި މީހަކީ ޝަބީބާގެ ފިރިކަލުން އެކަންޏެވެ. އަވަދިނެތި ޝަބީބާ ކަމަނާ މީރުވަސް ދުވާ ހުވަނދު ތައްޔާރު ކުރުމުގައި އުޅުއްވަނިކޮށް އެކަމަނާގެ ފިރިކަލުން ކަމުގައިވާ މުއާވިޔަތު އެތަނަށް ވަދެވަޑައިގެންފިއެވެ.
މުއާވިޔަތު ވަނީ މީގެ އެތަކެއް އަހަރު ކުރިން ބޮޑު ކުއްވެރިއެއްގެ ގޮތުގައި ޕަރިސްތާނުގެ ގަނޑުވަރަށް ގެނެވިފައެވެ. އެމަނިކުފާނަށް ދުވަހަކު ވެސް ބިމަކަށް ފައިބައިވަޑައެއް ނުގެންނެވޭނެއެވެ. ޕަރީންގެ ރަސްގެފާނު ވަނީ މުއާވިޔަތު ގަސްތަކާއިނުލައްވައި ޝަބީބާ ކަމަނާ އަށްކުރެއްވި ގޯނާއަކުން ޕަރިސްތާން ޤާނޫނުގައިވާ ގޮތުން މުއާވިތަށްވެސް ހުކުމް ކޮށްފައެވެ. އެކަމުން އެކަމަނާއަށް ލިބިވަޑައިގެންނެވި އާލާސްކަންފުޅަކީ އަބަދުމެހެން އެއްހިޔާލުފުޅެއްގައި ރެޔާދުވާލު އެކަމަނާއަށް އެ ދިމާވިހާދިސާއެއް ހަދުމަކޮށްކޮށް ބިރުފުޅުވެވަޑައިގެން ގިނިކަންޏާ އިންނެވުމެވެ.
މުއާވިޔަތު ވަނީ އެކަމަނާގެ އަސްލުނަމުން ގޮވައި އެކަމަނާއާ ދިމާއަށް ގާކޮޅެއް އެއްލައިފައެވެ. އެގާކޮޅު އެކަމަނާގެ ހަށިކޮޅުގައި ޖެހިވަޑައިގިތުމުން ެއެކަމުގެ ސަބަބުން އެކަމަނާ އިންނަވަނީ އަބަދުމެހެން ހިތްބިރުގަތުމާއި އެހާދިސާގެމަތިން އަބަދުމެހެން ހަނދުމަފުޅުވެ ވިސްނާފިކުރުފުޅު ކުރައްވަންށެވެ. އެ ކަމަނާގެ މިއާލާސްކަންފުޅު ރަނގަޅުކުރެއްވުމަށާއި އެހިޔާލުތަކާއި ދުރުލެހިވުމަށްޓަކައި މުއާވިޔަތާ ކައިވެނިފުޅުބައްލަވަން ޖެހިވަޑައިގަތެވެ. ޕަރިސްތާންގެ ރަސްގެފާނުވަނީ މި ސަބަބުތަކަށްޓަކައި އެކަމަނާއާއި މުއާވިޔަތާ ކައިވެނި ކޮށްދެއްވައިފައެވެ. އަދި ޕަރިސްތާންގެ ގަނޑުވަރުން ދުވަހަކު ވެސް މުއާވިޔަތަށް ބިމަށް ވަޑައިނުގެންނެވޭނެ ފަދައިން ހައްޔަރުފުޅު ކުރައްވާފައެވެ.
މުއާވިޔަތެކޭ އެއްފަދައިން މީގެ ޒަމާންތަކެއް ކުރިން ރަސްގެފާނުގެ އަމުރުފުޅާ ހިލާފަށް ސިއްރިޔާތު ގައި ޝަބީބާ ކަމަނާ ބިމަށް ފައިބައިވަޑައިގަންނަވައި ޕަރީފެންގަނޑަށް އެރިވަޑައިގެންނެވި ކަމުގެ ކުށުގެ އަދަބުގައި ޝަބީބާ ކަމަނާ އަށް ދުވަހަކު ވެސް އެފެންގަނޑާ ހަމައަށް ވާސިލު ނުވެވޭނެ ފަދައިން އެކަމަނާގެ އަމިއްލަ ގަނޑުވަރުކޮޅު ގައި އަސީރެއް ފަދައިން ވަނީ ހައްޔަރުފުޅު ކުރެއްވިފައެވެ. ޝަބީބާ ކަމަނާ ވަނީ ޕަރީ ފެންގަނޑާ ބެހޭ ސިއްރު ވާހަކަ ފުޅެއް މުއާވިޔަތަށް ކިޔައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އެކަމަކު މިއަދާ ޖެހެންދެން ވެސް އެފެންގަނޑާ ބެހޭ އެއްވެސް ސިއްރުވެރި ވާހަކަފުޅެއް ވިދާޅުވެލައްވައިފައި ނުވެއެވެ.
(ނުނިމޭ)