ހައްޖަށް ދިޔަ އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެއެވެ. މަރުވެފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ނ. ހޮޅުދޫ/ އުދަރެސް، 70 އަހަރަށްވުރެ އުމުރުން ދުވަސްވެފައިވާ ގާސިމް އިބްރާހީމް (ގާސިމްބެ) އެވެ.

ގާސިމް މަރުވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި އޭނާ އުޅެމުން އައި ހޮޓަލުގައި ހުއްޓާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަހަރު ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން މިއީ މަރުވި ތިންވަނަ ހައްޖުވެރިޔާއެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހަކު އިއްޔެވެސް ވަނީ މަރުވެފައެވެ. ދ. މާއެނބޫދޫ/ ފިޔާތޮށިގެ، އަލީ ހަސަން އިއްޔެ މަރުވެފައިވަނީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި 6:17 ގައެވެ.

މިދިޔަ ހުކުރު ދުވަހު މަރުވެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު ނަސީމް ނަމަކަށް ކިޔާ މީހެކެވެ. މިމީހާ މަރުވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދަ ކައިރިންނެވެ.