ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަން ޖެހޭ ގައުމީ ޖަލްސާ ބޭއްވުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބް ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހު ދީފައިވާ ކަމަށެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި މި ނިންމުން ފާސްވެފައިވަނީ 5 މެންބަރުންގެ އިއްތިފާގުންނެވެ. މި ޖަލްސާ ބޭއްވުމުގެ ކުރިން 3 ދުވަހުގެ ނޯޓިސްއެއް ކޮމިޝަންއަށާއި މީޑިއާތަކަށް ދޭންޖެހޭނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ. އަދި ޖަލްސާ ބޭއްވޭނީ ނޯޓިސްއަށްފަހުގައިކަންވެސް ހަބީބް ފާހަގަކުރެއްވިއެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 2023 މެއި 24 ވަނަ ދުވަހުއެވެ. ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް ޖޫން 1 ގައި 3560 ފޯމު އެ ޕާޓީން އީސީއަށް ހުށަހަޅާފައިވެއެވެ.

ޑިމޮކްރެޓްސްއިން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މަޖިލިސް މެންބަރުންނާއެކު މިހާރުވެސް އަންނަނީ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އަދި މެނިފެސްޓޯއެއް އެކުލަވާލުމަށް ކުރަންޖެހޭ މަޝްވަރާތައްވެސް ދަނީ ކުރަމުންނެވެ.