ފަލަސްތީނުގެ ޖެނިން ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ރޭ ދިން ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ 3 މީހުން ޝަހީދުކޮށް 13 މީހުން ޒަޚަމް ކޮށްލައިފިއެވެ.
ޖެނިން ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ މީހުންނާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވަނީ އިޒްރޭލުގެ ފައިޓަރ ޖެޓްތަކުން 10 މިސައިލް ރޭ ޖެނިން ކޭމްޕަށް ފޮނުވާލި ކަމަށެވެ. ހަމަލާތަކުގައި ޒަޚަމްވި 13 މީހުންގެ ހާލު ސީރިއަސްކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި އިޒްރޭލުގެ ސިފައިން އަސްކަރީ ވެހިކަލްތަކުގައި ޖެނިން އަވަށަށް އެރި ކަމަށްވެސް އެވަށުގައި ދިރިއުޅޭ ފަރާތްތަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނެއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ ވައިގެ ހަމަލާތައް ދީފައިވާނީ އިޒްރޭލާ ދެކޮޅަށް ހަމަލާ ދިނުމަށް ބޭނުންކުރާ އިމާރާތަކަށް ކަމަށާއި އެއީ އަމިއްލަ ދިފާއުގައި ދިން ހަމަލާއެއް ކަމަށެވެ.
އިޒްރޭލުން ވައިގެ ހަމަލާތަކެއްދީ ފަލަސްތީނުގެ 3 މީހުން ޝަހީދު ކޮށްލާފައި މިވަނީ އިޒްރޭލުގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް އެމެރިކާއިން އެފް-35 މަރުކާގެ ފައިޓަރ ޖެޓް ދިނުމަށް ނިންމިތާ އެއްދުވަސް ފަހުންނެވެ. އެމެރިކާގެ އަސްކަރިއްޔާގެ ހިލޭ އެހީގެ ދަށުން ދިނުމަށް ނިންމާފައިވާ އެފް-35 މަރުކާގެ ފައިޓަރ ޖެޓް ފްލީޓުގެ އަގު 3 ބިލިޔަން ޑޮލަރަށް އަރައެވެ. މިޖެޓްތަކާއެކު އިޒްރޭލުގެ ވައިގެ އަސްކަރިއްޔާގައި 75 ފައިޓަރ ޖެޓް އޮންނާނެއެވެ.
އެމެރިކާއިންދޭ ޒަމާނީ ހަތިޔާރުގެ އެހީގައި އިޒްރޭލުގެ ސަޚްޔޫނީ ދައުލަތުން ޓެރަރިސްޓް ހަމަލާތައް ދެމުން އަންނަނީ ކުށެއްނެތް ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށެވެ.