ފަސްދޮޅަސް އެއް ކިލޯގެ ޑްރަގް މައްސަލާގައި ހިމެނޭ ދެމީހުން ފޯނު ލޮކްކޯޑު ނުދީގެން އުފުލި ދައުވާ އެ މީހުންގެ މައްޗަށް ސާބިތުވެއްޖެއެވެ.

މި ދެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ލޮކް ކޯޑު ނުދީ ހެކި ފޮރުވައި، އެކަމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ. ޑްރަގު މައްސަލައެއްގައި އެމީހުން ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ އެގާރަ މީހަކު ބަންދުކޮށް ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލީ މ. ބޮއިލިންގފިޝް، އަހުމަދު ވިސާމްއާއި މުޙައްމަދު ޝާމިންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ޑްރަގް ޓްރެފިކިން ގެ ދައުވާ އުފުލިއެވެ. އެހެންނަމަވެސް ދައުވާ ސާބިތުއެއް ނުވެއެވެ.

މިދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގުގައި އެމީހުންގެ ފޯނުގެ ލޮކް ކޯޑު ފުލުހުންނަށް ދިނުމުގެ އަމުރެއް އޮއްވައި، ކޯޑު ނުދީ އޭގައި ހުރި ހެކި ފޮރުވައި، އެ ހެކި ހޯދުމަށް ފުލުހުންނަށް އޭރު ހުރަސް އެޅުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގައި ބުނެފައިވަނީ އެމީހުން ދައުވާއަށް އިންކާރު ކުރި ނަމަވެސް، ދައުލަތުން ހުށައަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެމީހުންގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށެވެ.

ދައުވާ ސާބިތުވުމުން އެ ކުށުގެ އުޤޫބާތެއްގެ ގޮތުން އެމީހުން އެއް އަހަރާއި، ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. މީގެ ތެރެއިން ވިސާމް ވަނީ މި މައްސަލައާ ގުޅިގެން ދެ އަހަރާއި ހަތް މަހާއި ސައުވީސް ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. އެހެންކަމުން މި ދައުވާއާ ގުޅިގެން އޭނާ އިތުރަށް ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތްކަމަށް ވަނީ ކަނޑައަޅައިފައެވެ. ޝާމިން ވަނީ އެމައްސަލާގައި ހަތް މަހާއި ތޭވީސް ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. އެހެން ކަމުން މި ދައުވާއާ ގުޅިގެން އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނޭ މުއްދަތަކީ އެގާރަ މަހާއި ތޭރަދުވަހެވެ.