ޕްރިމިއަރ ލީގުގެ ޓީމުތަކުގެ ތެރެއިން މިހާރު އެންމެ ބަލާހިތްވަނީ އެސްޓަންވިލާ ކުޅޭތަންކަމަށް ޓޮޓެންހަމް ހޮސްޕާގެ މަޝްހޫރު ކޯޗް ހޯސޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ މިހެން ބުނީ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް އަތުން 3-0 އިން މޮޅުވެ ތާވަލުގެ ތިންވަނަ މަގާމަށް ކުރިއަށް ޖެހިލުމަށްފަހުއެވެ. މޮރީނިއޯ ބުނީ މިފަހަރު ޕްރިމިއަރ ލީގުގައި ވަރަށް ރަނގަޅަށް ކުޅޭ ޓީމުތައް އެބަހުރި ކަމަށާއި އޭގެ ތެރެއިންވެސް އޭނާ އެންމެ ބަލާހިތް ވަނީ އެސްޓަންވިލާ ކުޅޭތަން ކަމަށެވެ.
"މިސީޒަނުގައި އެންމެ ބަލާހިތް ވަނީ އެސްޓަންވިލާ ކުޅޭތަން. އެޓީމުގެ ކޯޗާއި ކުޅުންތެރިން އެދަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން" އެސްޓަންވިލާގެ ކުޅުމަށް ތައުރީފް ކުރަމުން މޮރީނިއޯ ބުންޏެވެ.
ލީގުގައި އެންމެ އަވަަށް ދެން ބައްދަލު ކުރަން ޖެހެނީވެސް އެސްޓަންވިލާއާއެވެ. އެމެޗަށް އިޝާރާތް ކުރަމުން މޮރީނިއޯ ބުނީ އެސްޓަންވިލާގަިއ ރަނގަޅު ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި ގަދަ ހަޔަކުން ބޭރުގައި މިވަގުތު އެސްޓަންވިލާ އޮތްނަމަވެސް އެމެޗް ވެގެން ދާނީ ޓޮޓެންހަމްއަށް ވަރަށް އުނދަގޫ މެޗަކަށް ކަމަށެވެ.
"އެސްޓަންވިލާއަށް ސަމާލު ނުވެވިއްޖެނަމަ އަހަރެމެންނަށް ލަނޑު ލިބޭނެ. ބައެއް މީހުން އެބަބުނޭ ލީގުގެ ގަދަހައެއްގައި އޮންނަ ޓީމެއް އެއަށްވުރެ ދަށުގައި އޮންނަ ޓީމަކާ ކުޅޭއިރު އެއީ ފަސޭހަ މަޗެއް ކަމަށް. ހަގީގަތަކީ ލީގުގައި ނެތް ފަސޭހަ މެޗެއް. މިސާލަކަށް ބަލާ މިރޭ (ރޭ) ލީޑްސްއިން ފުރަތަމަ ހާފްގައި ކުޅުނު ކުޅުން. އެމީހުންނަށް ކުރިން ލަނޑެއް ޖެހުނުނަ ނަތީޖާ ނެރުމުގައި އަހަރެމެންނަށް ވަަރަށް ބޮޑަށް އުނދަގޫވެގެން ދިޔައީސް" މޮރީނިއޯ ބުންޏެވެ.
އެސްޓަންވިލާއިން ވަނީ މިސީޒަނުގައި އެންމެން ސިއްސުވާލުމަށްފަހު އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް 7-2 އިން ބަލިކޮށްފައެވެ. މީގެ އިތުރުން އާސެނަލްގެ 3-0 އިން ބަލިކުރިއެވެ. ޗެލްސީ އާއި 1-1 އެއްވަރު ކުރިއެވެ. މެންޗެއްޓަރ ޔުނައިޓެޑް އަތުން ބަލިވީ ވާދަވެރި ކުޅުމަކަަށްފަހު 2-1 އިންނެވެ.