އެމެރިކާގެ ކޮންގްރެސްގެ ދަށުގެއާއި މަތިގޭގެ އެންމެ އިސް ވެރިންގެ ގެކޮޅުތަކަށް ބައެއްގެ ހަމަލާތައް އަމާޒުވެއްޖެއެވެ.

ހަމަލާތައް އަމާޒުވެފައިވަނީ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނޭންސީ ޕެލޯސީއާއި ސެނޭޓްގެ މެޖޯރިޓީ ލިޑަރ މިޗް މެކޮނެލްގެ ގެކޮޅަށެވެ.

ކެންޓަކީގައި ހުންނަ މިޗް މިކޮނެލްގެ ގެކޮޅުގެ ދޮރުގައި ނުރުހުގެ ޝުއޫރުތައް ލިޔެފައިވާއިރު، އޭނާއަކީ "ފަގީރުން މަރާ" ބޭފުޅެއްގެ ގޮތުގައިވެސް ލިޔެފައި ވެއެވެ.

ސެން ފްރަންސިސްކޯގައި ހުންނަ، ހައުސް ސްޕީކަރ ނޭންސީ ޕެލޯސީގެ ގެކޮޅުގެ ދޮރުގައި ކުރަހައި، ލިއުންތައް ލިޔެފައިވާއިރު، އޭގެ ތެރޭގައި އޫރެއްގެ ބޮލެއްވެސް ކުރަހާފައި ވެއެވެ. އަދި ލޭ ރަމްޒުކޮށްދޭ ގޮތަށް ރަތްކުލަވެސް ޖަހާފައި ވެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ދަށުގެއާއި މަތިގޭގެ އެންމެ އިސް ލީޑަރުންގެ ގެކޮޅުގެ ދޮރުގައި ކުރެހުންތައް ކުރަހައި، ނުރުހުމުގެ ބަސްތައް ލިޔެފައި މިވަނީ، ކޮވިޑް-19 ބަލީގެ ހާލަތާ ގުޅިގެން އެމެރިކާގެ ކޮންމެ ރައްޔިތަކަށް ދޭން ހުށަހެޅި 600 އެމެރިކާ ޑޮލަރުގެ މިންވަރު 2،000 ޑޮލަރަށް ބޮޑުކުރަން ކޮންގްރެސް އިން ދެކޮޅު ހެދުމުން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

ހައުސްއާއި، ސެނޭޓް ލީޑަރުންގެ ގެކޮޅަށް ދެވުނު ހަމަލާތައް ފުލުހުންގެ ޚާއްސަ ޔުނިޓަކުން މިހާރު ގެންދަނީ ތަހްގީގު ކުރަމުންނެވެ.

ނޭންސީ ޕެލޯސީއާއި، މިޗް މެކޮނެލްގެ ގެކޮޅު ހުންނަ ސަރަހައްދުތަކަކީ ވަށައިގެން ސެކިއުރިޓީ ކެމެރާ ހަރުކޮށްފައިވާ ސަރަހައްދުތަކެއް ކަމަށް މީޑިއާއިން ބުނެއެވެ.

މިޗް މެކޮނެލް ނެރުއްވި ބަޔާނެއްގައި، އޭނާގެ ގެކޮޅަށް ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައި ވެއެވެ. ބަޔާނުގައި މިޗް ވިދާޅުވެފައިވަނީ، އޭނާގެ މުޅި ސިޔާސީ ހަޔާތްޕުޅު ހޭދަކުރެއްވީ އެމެރިކާގެ ގާނޫނުއަސާސީ ދިފާއުކުރެއްވުމާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުން ދިފާއު ކުރެއްވުމުގައި ކަމަށެވެ.

އޭނާގެ މަސައްކަތްތަކަށް އެއްބަސްވިޔަސް އަދި ނުވިޔަސް، ކެންޓަކީގެ ރައްޔިތުން ދެމުންދިޔަ އެއްބާރުން ފާހަގަކުރައްވައި މިޗް ވިދާޅުވެފައިވަނީ، ސިޔާސީ ބިރުދެއްކުންތަކަށް އެމެރިކާގެ މުޖުތަމައުގައި ޖާގަ ނުދެވޭނެ ކަމަށެވެ.