ރ.ފުއްގިރީގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލައިގެ އަޑުއެހުން، މިއަދުވެސް ކެންސަލްކޮށް އަނެއްކާވެސް މާދަމާ ބޭއްވުމަށް ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ޔާމީންގެ މައްސަލާގައި އަޑު އެހުން ކުރިޔަށް ގެންދަން ތާވަލް ކޮށްފައިވަނީ މާދަން ހެނދުނު 9:00އަށެވެ.

ޔާމީނަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ތަވާލުކޮށްފައިވަނީ އިއްޔެއެވެ. އެ އަޑުއެހުން ކުރިމިނަލް ކޯޓުން ކެންސަލްކުރުމުން ޝަރީއަތް ކުރިއަށްގެންގޮސްފައެއް ނުވެއެވެ.

މި މައްސަލާގައި ޔާމީންގެ އިތުރުން ރިޝްވަތު ހިފުމުގައި މެދުވެރިޔަކަށްވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލައިފައިވާ އިރު، ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ދުވަސްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ހިމެނޭހެން މިހާތަނަށް ވަނީ ފަސް މީހެއްގެ ހެކިބަސް ނަގައިފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގީ ކްރިކް ރިޒާގެ ފިންގާ ޕްރިންޓް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަހެވެ.

ކުރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު އޮތް އަޑު އެހުން ކެންސަލް ކުރީ ދައުވާ ލިބޭ ކްރިކް ރިޒާގެ ބަލި ހާލަތު ހުރި ގޮތުން އަޑުއެހުން ކެންސަލް ކުރަން އޭނާގެ ފަރާތުން އެދިފައިވާތީ ކަމަށެވެ. ބަލިވެ އުޅޭކަން ސާބިތުކޮށްދިނުމަށް ޑޮކްޓަރީ ލިޔުންވެސް ކްރިކް ރިޒާ ހުށަހަޅައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ދެ އަޑު އެހުން ވަނީ ކެންސަލް ކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.އަދި އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.