ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫއާއި، އެންއައިސީޔޫ، ތަރައްޤީކުރުމަށް އެސްޓީއޯއިން ނިންމައި އެ މަޝްރޫޢުގެ އެއްބަސްވުމުގައި އަންގާރަ ދުވަހު ސޮއިކޮށްފިއެވެ.

މިކަމަށް އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދެވެ.

އެސްޓީއޯއިން ހިންގާ މި މަޝްރޫއު ނިމޭއިރު، ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫ އަކީ އެންމެ ޒަމާނީ މެޑިކަލް ވަސީލަތް ތަކާއިއެކު ސިއްހީ އާލާތްތަކާއެކު އިންޓެގްރޭޓް ވެފައިވާ، ކަސްޓަމައިޒްޑް ތަނެއްގެ ގޮތުގައި ފެނިގެންދާނޭ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަ މިވަގުތުގައި، މުޅި އާބާދީއަށް ޚިދުމަތް ދިނުމަށް ހުޅުމާލޭގައި ހުރީ ޖުމްލަ ސަތާރަ އައިސީޔޫ އެނދެވެ. އެސްޓީއޯގެ މި މަޝްރޫޢު ނިމޭއިރު ސައުވީސް އައުސީޔޫ އެނދު ހުޅުމާލޭ ހޮސްޕިޓަލަށް އިތުރުވެގެންދާނެއެވެ. އެއީ މިހާރު ހުރި އެނދުގެ ޢަދަދަށް ބަލާއިރު ސަތޭކަ ޕަސެންޓަށްވުރެ އިތުރުވުމެކެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމުން ހުޅުމާލެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. އެ ހޮސްޕިޓަލުގެ ފެސިލިޓީސް އިތުރުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަނުގެ ޖާގައިގެ ދަތިކަމެވެ. ޖާގައިގެ ދަތިކަމާއެކު ވެސް މިހާރުވަނީ އެ ހޮސްޕިޓަލްގައި މެންޓަލް ހެލްތުގެ ހިދުމަތާއި، ކުޑަކުދީން ހެދިބޮޑުވުމުގައި ދިމާވާ ތަފާތު ސިއްހީމައްސަލަތަކަށް ޚާއްސަ ފަރުވާ ދިނުމަށް ވަކި ޚާއްސަ ސެންޓަރެއް ގާއިމްކޮށްފައެވެ. އޭގެ އިތުރުން ކެންސަރުބަލީގެ މީހުންނަށް ޚިދުމަތް ދިނުމަށް އޮންކޮލޮޖީ ސެންޓަރ ފަދަ ތަފާތު އެކިއެކި އާ ޚިދުމަތްތައް ވެސް ވަނީ ތައާރަފްކޮށްފައެވެ.

"މިވަގުތު ހުޅުމާލޭ ހޮސްޕިޓަލްގައި ޚިދުމަތްދެމުންދަނީ އެންމެ އޮޕަރޭޝަން ތިއޭޓަރަކުންނެވެ. އެހެންކަމުން ދުވަހުން ދުވަހަށް ކުރަން ޖެހޭ ބައެއް އޮޕޮރޭޝަންތައް ކުރުމުގައި ގިނަ ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އަލަށް ޤާއިމްކުރެވިގެން މިދާ އޮޕޮރޭޝަން ތިއޭޓަރ ޕްރޮޖެކްޓްގައި 5 އޮޕޮރޭޝަން ތިއޭޓަރެއް ހިމެނޭނެއެވެ. އެގޮތުން ކަށީގެ، ލޮލުގެ، އަންހެނުންގެ ބަލިތަކަށް ޚާއްސަ އަދި އާންމު ސާޖަރީތައް ހިމެނޭނެއެވެ. މިއާއެކު ހުޅުމާލެ ހޮސްޕިޓަލްގައި ދެމުންދާ ޚިދުމަތްތަކަށް ބޮޑުކުރިއެރުންތަކެއް ލިބިގެންދާނެއެވެ."

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިހާރު ގާއިމްކުރެވިފައިވާ ސެންޓްރަލް ސްޓެރެލައިޒޭޝަން ޑިޕާޓްމަންޓަކީވެސް އެސްޓީއޯއިން ކުރިޔަށްގެންގޮސްފައިވާ މިފަދަ ކާމިޔާބު އެއް މަޝްރޫއެވެ.