ކޭ-ޕާކް ފްލެޓްތަކުގެ މައްސަލައިގެ ތުހުމަތުގައި ހިފެހެއްޓި ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓު ދޫކޮށްލުމަށް މިއަދު ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މަންޑޭގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓްތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އިން މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް މިއަދު ވަނީ އަމުރުކޮށްފައެވެ. އަަދި އެ އަމުރު އިސްތިއުނާފު ކުރާނެ ކަމަށް ވެސް ޕީޖީއިން ވަނީ ބުނެފައެވެ. ކްރިމިނަލް ކޯޓުން މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކުރީ ގާނޫނާހިލާފަށް ކަމަށް ވެސް ޕީޖީ ބުނެއެވެ. އަދި މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓޭނެ ގާނޫނީ އިތުރު ގޮތްތައް ބަލަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުއެވެ.

ކޭ ޕާކުގެ މައްސަލައަކީ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އޭޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުން ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.