މިފަހަރުގެ ކަރަންޓު ބިލުބޮޑުވެގެން އެކަމުގެ ޝަކުވާ ރައްޔިތުން ކުރަން ފަށައިފިއެވެ. ރައްޔިތުންގެ މި ޝަކުވާއަށް ސްޓެލްކޯގެ ޖަވާބުވެސް އެބަ އޮތެވެ. ޖަވާބަކީ ކަރަންޓު މީޓަަރަށް ނާރާ އެއްޗެއް ބިލުގައި ހިމަނާފައި ނުވާނެ ކަމަށެވެ.

"ސްޓެލްކޯއިން ދޭ ޔަގީންކަމަކީ ކަރަންޓު މީޓަރަށް ނާރާ އެއްޗެއް ބިލުގައި ހިމަނާފައި ނުވާނޭކަން. ބޭނުން ނުކުރާ ކަރަންޓަކަށް ބިލު ނުކުރާނެކަމުގެ ޔަގީންކަން ސްޓެލްކޯއިން ދެން،" ސްޓެލްކޯ މީޑިޔާއިން ބުންޏެވެ.

އެހެންވިއްޔާ މިފަހަރުގެ ބިލަށް ދައްކަން ޖެހުނު ފައިސާ އިތުރުވެފައި ވަނީ ކީއްވެ ހެއްޔެވެ؟

ސްޓެލްކޯއިން ބުނެފައި ވަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް، މެއި ހިސާބަކީ ރާއްޖެއަށް ވަރަށް ހޫނު ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން އެދުވަސްވަރު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާ ކަމަށެވެ. އެހެންކަމުން އެދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް އަބަދުވެސް އިރުޝާދު ދެއްވާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

މިފަހަރުގެ ބިލު ބޮޑުވެފައި ވަނީ ހޫނުގަދަ ދުވަސްވަރުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުންޏެވެ. މިފަހަރުގެ ބިލު ހަދާފައިވަނީ 28 ދުވަހަށެވެ. އެއީ މެއި މަހުން ބަޔަކާއި ޖޫންމަހުން ބައެއް ހިމެނޭ ގޮތަށެވެ. ރީޑިން ނަގަން ފަށާފައި ވަނީ މެއިމަހުގެ މެދުތެރޭގައެވެ.

"ބިލު ބޮޑުވެފައި އެވަނި މެއިމަހުގެ ހޫނު ގަދަވި ދުވަސްވަރު،" ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށެވެ. ރައްޔިތުންނަށް އެންމެ ލުއިވާ ގޮތަށެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ފުރިހަމަ ހިދުމަތެއް ދިނުމަކީ ސްޓެލްކޯގެ މައިގަނޑު މަގުސަދެވެ. ރައްޔިތުންގެ ޝަކުވާތައް އަބަދުވެސް އެކުންފުނީން އަޑުއަހާނެއެވެ.