ރިޔާސީ އިންތިހާބުގައި ވޯޓުލާ ލިސްޓު ގެޒެޓްކޮށް، ޝަކުވާ ހުށަހެޅުމުގެ އަލުން ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައީބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މައްސަލަތައް ހުރުމާއި ރަޖިސްޓްރީއަށް ގެނައީ ބަދަލާއެކު އަލުން ގެޒެޓްކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ވޯޓުލާ ލިސްޓުގައި މައްސަލައެއް އުޅޭނަމަ އެކަމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ ފަނަރަވަނަ ދުވަހާ ހަމައަށެވެ.

"ހުރިހާ ރަށެއްގެ ކައުންސިލް އިދާރާއިންނާއި، އައްޑޫ، ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީހުންނާއި، ކުޅުދުއްފުށީ ސިޓީގެ ކައުންސިލް އިދާރާގެ އިތުރުން އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެއިން ޝަކުވާ ބަލައިގަންނާނެ. ކައުންސިލުތަކުގެ އިދާރާތަކުން ލިސްޓު ފެންނަން ހުންނާނެ. އަދި ސަރުކާރުގެ ގެޒެޓުންނާއި އީސީގެ ވެބްސައިޓުން ފެންނަން ހުންނާނެ،" ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ "މިއީ، މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ލިބޭ އެންމެ ފަހު ފުރުސަތު ކަމަށްވާތީ، ޝަކުވާ ހުށަހެޅުއްވި ފަރާތްތަކުންނާއި، ކައުންސިލް އިދާރާތަކުންނާއި ޕާޓީތަކުން ލިސްޓު ޗެކް ކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއް،" ކަމަށެވެ.

މިއަންނަ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ މީހުންގެ ލިސްޓު ވަނީ އާންމުކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަ ކުރަނީ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ.

އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރަނީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ދެ ޕާޓީއަކީ އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމްއެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށްވެސް ވަނީ އިއުލާން ކުރައްވައިފައެވެ.