ޕާސްޕޯޓުގެ ހިދުމަތްތަކަށް އާ ބަދަލުތަކާއެކު ގަވައިދު މިއަދު މޯލްޑިވްސް އިމިގްރޭޝަންއިން ނެރެފިއެވެ.

މިއަދު އިމިގްރޭޝަންއިން ނެރުނު އިއުލާންގައިވަނީ ޕާސްޕޯޓުގެ ހިދުމަތްދޭ ވަގުތު އިތުރުކޮށްފައެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާ ގަޑިތައްވެސް ވަނީ އިތުރުކޮށްފައެވެ.

ޕާސްޕޯޓުގެ ހިދުމަތްދޭ ވަގުތު ތަކަކީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 21:00 އަށެވެ. ނަމަވެސް އޮންލައިން އެޕްލިކޭޝަން ކޮންމެ ވަގުތެއްގައިވެސް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަންއިން ބުނެއެވެ. ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާ ގަޑިތަކަކީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހާ ހަމައަށެވެ. އެއީ ހެނދުނު 8:30 އިން 12:00 އާއި މެންދުރު 12:45 އިން ހަވީރު 17:00 އަށެވެ.

މި ހިދުމަތްތައް ލިބެން ހުންނާނީ ހަމައެކަނި އިމިގްރޭޝަންގެ އޮފީހުންނެވެ.

މިއަދު އިމިގްރޭޝަންއިން ބުނީ ޕާސްޕޯޓު ހިދުމަތް އެއްކޮށް ޑިޖިޓައިލް ކޮށްފައިވާ ކަމަށެވެ. އަދި ޕާސްޕޯޓު ހައްދާއިރު އައިޑީކާޑު ކޮޕީއެއް އަދި ކުރީގެ ޕާސްޕޯޓު ކޮޕީއެއް ބޭނުމެއް ނުވެއެވެ.