ކޮންމެ އަހަރަކުވެސް ދިރާސީ އާ އަހަރާ ދިމާކޮށް މަމްސް އެންޖީއޯ އިން ކުރަމުން އަންނަ މާތް މަތިވެރި މަގުސަދެއްގެ މި މަސައްކަތަކީ ދިވެހިން ފަހުރުވެެރިކަމާއެކު އުފާވާން ޖެހޭ ކަމެކެވެ. ހަމައެހެންމެ މިއީ އިންސާނިއްޔަތަށްޓަކައާއި ދިވެހިންނަށްޓަކައި މަންމައިންތަކެއް ކުރަމުން އަންނަ ނުހަނު ބޮޑު ހިތްވަރެއްކަން ޔަގީނެވެ. މަމްސް އެންޖީއޯއިން މިއަހަރު ލިސްޓު ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ސަމާގެ ވާހަކަ އަށް ބަލާލާނަމެވެ.

ހަޔާތުގެ ދަތުރަށް އުންމީދާއި ހިތްވަރާއެކު ފިރިމީހާގެ އަތުގައި ހިފައިގެން ފެށި ދިރިއުޅުމުގައި ސަމާއަށް ގަދައޮއާއި ވައިގައި ނުޖެހި އަމާން ކަނޑުގައި ދެވުނީ ވަރަށްވެސް ކުރު ހިސާބަކަށެވެ. އުފަލާއި އަރާމާއި ހަމަޖެހުން ހަމަ ބަލަބަލައި ހުއްޓާ ގެއްލި ނެތި ދިޔައީއެވެ. މަދުދުވަސްކޮޅެއްގެ ތެރޭގައި ދިރިއުޅުމުގެ ބޯމައްޗަށް ނެގި ކޮޅިގަނޑުގައި ސަމާގެ ހަޔާތުގެ ނާ ކުނޑިކުނޑިވެ ދިރިއުޅުން ބަރުވެގެންހިނގައްޖެއެވެ.

ސަމާގެ ފިރިމީހާއަށް ޖެހުނު ސްޓްރޯކާއެކު ދިރިއުޅުމަށް މަސައްކަތް ކުރަމުން އައި އެހަށިގަނޑާއި ދެއަތާއި ދެފައި ބަލި އެނދުގައި އޮންނަން ޖެހުނީ ތަގުދީރުގެ ނިޔާއާ ދެކޮޅު ނުހެދޭނެތީއެވެ. އިންސާނަކަށް ވީތީއެވެ. ދެންވެސް ނިމުނީކީ ނޫނެވެ. ރިހޭ ފައި މައްޗަށް ވޭނުން ދިލައަރާ ވަރުކުރި ފޮއި ވެއްޓުނީ ހަމައެއްވަގުތަކާއެވެ. ދިރިއުޅުމަށް ކުރަމުން އައި ވިޔަފާރި ހުއްޓި، ބަލިއެނދުގައި ސަމާގެ ފިރިމީހާ އޮންނަން ދިމާވި ދުވަސްވަރަކީ ކޮވިޑްގެ ސަބަބުން މުޅި ދުނިޔެ ހުއްޓުނު ވަގުތަށްވެސް ވީއެވެ.

ހަދާނެ އެއްވެސް އިތުރު ގޮތެއް ނެތި ތަންމަތި ބަނދެ އުންމީދާއި ހުވަފެންތައް ބޮކްސާއެއްގައި ބަނދެގެން ތިންކުދިންނާއި ފިރިމީހާގެ އެހީތެރިވެރިޔެއްގެ ދަރަޖަ ލިބިގެން ސަމާ ހިންދެމިލީ އުފަންރަށާ ދިމާއަށް މިސްރާބު ޖަހަމުންނެވެ. އުންމީދުތަކާއި ހުވަފެންތައް ކަފުންކޮށް ވަޅުލާކަށް ސަމާ ދެންވެސްތ ބޭނުމެއް ނުވިއެވެ. ހިތްވަރު އެލުވާލާފައި ބިމަށް ހެރިގެން އިނުމުގެ މާނައެއް ނެތީތީއެވެ.

ސަމާގެ ރަށުގަ ހުރި ބައްޕަގެ ވީރާނާ ވެފައިވާ ގޭގަ ހުރި އެއް ކޮޓަރިޔަށް ބަދަލުވާން ޖެހުނީ އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށްވިޔަސް ދަރިންނާއި ފިރިމީހާއަށްޓަކައި ހަޔާތުގެ ދަތުރުގައި ގޭނެން އޮތް ހުރިހާ ގޭނުމެއްގައި ގޭނިތެޅެން ސަމާ ހުރީ ތައްޔާރަށެވެ. ގޭ ބޭރުގަ ހިޔާ ކޮއްފަހުރި ކުޑަ ތަންކޮޅެއްގަ ކައްކާނެ ގޮތެއް ހަދައިގެން ދިރިއުޅުން ކުރިއަށް ގެންދެވޭތޯ ސަމާ ހިތްވަރާއެކު މަސައްކަތް ކުރަމުން ދިޔައެވެ.

އެހެންނަމަވެސް އޭނާގެ އަމިއްލަ ހާލަތުވެސް ނުހަނު ނާޒުކެވެ. ހުރިހާ ބަރަކާއެކު ގައިގައި އަޅާ ވޭން ބޮޑެވެ. ކުސްޖަހައި ކޫސް ކިޔާނެ އެހީތެރިއަކު ނެތަސް ތަދަކީ ތަދެވެ. ރިހުމާއި ތަދަކަށް ނުފިލޭނެއެވެ. ހަގު ދަރިފުޅު ވިހައިގެން ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ސަމާ އަށް ގިނައިރު ކޮޅަކަށް ނުހުރެވެއެވެ. ވިއްސާރަވެއްޖެނަމަ ސަމާއަކަށް އެނދުން ތެދުވާނެ ހިތްވަރުވެސް ނުލިބެއެވެ. އެއްފައި ދަމަމުން ހިނގަން ޖެހުނަސް ދިރިއުޅުން އޮތީ ކުރިއަށް ކަމުން އެކަން ނުކޮށްވެސް ވާކަށް ނެތެވެ.

ތޭރަ އަހަރުން ދަށުގެ ކުޑަ ތިން ކުދިންގެ ހައްގުގައި ނެތް ހިތްވަރުންވިޔަސް ތެދުވެ އުޅެވޭތޯ ސަމާ ބަލަމުން ދިޔައީ މިއަދުވެސް ބަލި އެނދުގައި ދެމަފިރިން އެކުގައި ތިބެން ޖެހިއްޖެނަމަ ކުދިން ބިކަވާނެ ވަރު ހިތަށް އަރާ އެހިތުގައި ހިފަހައްޓައިގެން ހުރެއެވެ.

ދެމަފިރިންނަކީ ވެސް ބަލި މީހުންނަށް ވުމުން އާމްދަނީ ލިބޭނެ އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. ހަމަ އެކަނި ނުކުޅެދޭ މީހުންނަށް ލިބޭ ދެހާސް ރުފިޔާއިން އާއިލާގެ ހަރަދުތައް ބަލަހައްޓަމުން ބިލުތައް ދެއްކުންވީ ބޮޑު ގޮންޖެހުމަކަށެވެ. ދިވެހިރާއްޖޭގެ ހިސާބެއްގައި މިފަދަ ހަޔާތެއް ވޭތުކުރާ ބަޔަކު އެބަތިއްބޭ ބުނުމުން ހައިރާން ނުވާށެވެ. ސަމާގެ މިއާއިލާއަކީ އެއްއިރުގެ ކާނާ ނެތި ހިންދިރުވާ އާއިލާއެއްކަން ޔަގީނެވެ. ފަގީރުކަމާއި ނިކަމެތިކަން ބޮޑު ގެއެއްކަން ގައިމެވެ. މިކަމާ އަޖައިބު ވެ އަންތަރީސް ވިޔަސް މިއީ "މަމްސް"ގެ ހިތްވަރުގަދަ ޓީމަށް ދިހަ ގުނަ ހިތްގަދަކުރަން ޖެހުނު ކަމަކަށް ފެނި ދިމާވި ހަގީގީ މަންޒަރުތަކަކާއި އަޑުތަކެއްކަން ޔަގީނެވެ.

"ކާނެ އެއްޗެއް ނެތި ކިތަންމެ ދުވަހަކު އެބަ ތިބެން. ގޭގެއިން ހަނޑޫ ލާއްސެއް ނުވަތަ ގަރުދިޔަ ފޮދެއް ގެނެސްގެން؛ އޭގެން ކުދިންނަށް އެކަނި ކާންދީގެން ނަމަވެސް އެކުދިން ބަނޑު ފުރޭތޯ ބަލަން. ބައެއް ދުވަސް ދުވަހު ފިރިމީހާ ރައްޓެއްސެއް ހެދިކާ ކޮޅެއް ގެނެސްދީ ހަދާ. މި ރަށުން މަސްވެސް ގަންނަން ޖެހޭތީ މަސް ކޮޅެއް ނުކާތާ ވެސް ދެމަސް ދުވަސް ވެދާނެ. ދަރިންނަށް ކާއެއްޗެއް ދެއިރަށް ވެސް ނުދެވޭތީ ރޮވޭ ކިތަންމެ ދުވަހެއް އާދޭ."
ސަމާ

މިއީ ސަމާގެ ހިތުގެ އަޑެވެ. އެއުދާސްތައް ސަމާގެ ދުލުން ތުރުތުރުލާއަޑުން އެކިޔައިދިނީ ގިސްލަމުންނެވެ.

ދެން އޮތީ ބަނޑުފުރާނަ މުއްތި ކުރުމަށްވުރެ އެއްގޮތަކަށް ބަލަންޏާ މާބޮޑަށްވެސް ސަމާގެ ހިތަށްތަދު ކުރާ އަސަރު ކުރާ މައްސަލައެވެ. މިއީ ތައުލީމާ ނުލައި ކުރިއަށް އެއް ފިޔަވަޅުވެސް އެޅުން ފަސޭހަ ނޫން ޒަމާނެކެވެ. ދަރިންގެ ތައުލީމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް އެންމެ ބޮޑު އެއް ފިކުރެވެ. ސަމާގެ ވެސް މެއެވެ.

ކުރިއަށް އޮތް ދިރާސީ އާ އަހަރަށް ކުދިން ސްކޫލަށް ބޭނުންވާ ޒަރޫރީ ތަކެތިވެސް ގަނެވޭނެ ގޮތެއް މިދެމަފިރިންނަކަށް ނެތެވެ. މިދިޔަ އަހަރުވެސް ކުދިން ބޭނުން ކުރި ސްޓާކީނަށް ދާން ދެން އެއީ މީހުން ބޭނުން ކޮށްފަ ހުރި އެއްޗެހި އެވެ. ޝަކުވާ ނުކުރި ނަމަވެސް އާ އަހަރުގެ ކިޔެވުން ފެށިގެން ދާއިރު އެކުދިންގެ މޫނުން ހިތްދަތިކަން ފެނެއެވެ

"ކުދިން ކިތަންމެ ކިޔަވާ ހިތުން ސްކޫލަށް ދިޔަ ނަމަވެސް, ގެއަށް އަންނާނީ ހިތާމަވެރި މޫނަކާއެކު! ޔުނިފޯމާއި ބޫޓާއި އެއްޗެހި ހަޑިވެ ބާވެފައި ހުރުމުން ކޮންމެ ދުވަހަކު ކުދިންގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވޭ. ބައެއްފަހަރު މިކަމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް ކުދިންނަށް އަސަރު ކުރޭ،"
ސަމާ

ފާއިތުވެ ދިޔަ އަހަރު ތަކެކޭ އެއްފަދައިން މި އަހަރުވެސް، "މަމްސް އެންޖީއޯ" އިން ސަމާމެންފަދަ ބެލެނިވެރިންނަށްޓަކައި ހިނިތުންވުމެއް ހަދިޔާކޮށްލާނެ މަސައްކަތަކާއެކު އެތިބީ އަތުކުރިއޮޅައިގެން ތެދުވެއެވެ. ދިރާސީ އައު އަހަރު ފެށެން ވާއިރަށް ސުކޫލަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް "ބެކް ޓް ސްކޫލް 2023" ކެމްޕެއިން އާއެކު "މަމްސް" އެއިޑުން މަސައްކަތް ވަނީ ފަށާފައެވެ.

"މިފަދަ އެތައް ކުދިންނެއް އަޅުގަނޑުމެންގެ ކެއާލިސްޓު ގައި އެބަތިބި. ދިރާސީ އައު އަހަރު ފެށޭއިރު މި ކުދިންނަށް ސްކޫލަށް ބޭނުންވާ ތަކެތި ހޯދައި ދިނުމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ!"
މަމްސް

އެއިޑްގައި ބުނެފައިވެއެވެ.

"އަދި މިފަދަ އެތައް އާއިލާއަކަށް އެހީތެރިވުމުގެ ފުރުސަތު މިވަނީ މަމްސް އެއިޑް އިން ހުޅުވާލާފައެވެ. މި އާއިލާތަކަށް އެހީތެރިކަން ފޯރުކޮއްދެއްވަން ބޭނުންވާ ފަރާތްތަކުން މަމްސް އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށްފަހު އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖް އަށް ސްލިޕް ފޮނުވާލަދެއްވުން އެދެމެވެ."
މަމްސް

ސަމާގެ އާއިލާފަދަ ކިތަންމެ އާއިލާއަކަށް މަމްސްގެ މިކެމްޕެއިން އިން އެހީ ފޯރުކޮށްދެވޭނެއެވެ. ހަމަ އެންމެ އެހީއަކުންވެސް އެތަކެއް ކަނިލައި ނިވެމުންދާ އުންމީދުތަކެއް އާވެއާލާވެ ދިއްލިދާނެއެވެ. މިފަދަ މައުސޫމު، ލޮބުވެތި ކުދިންގެ ނިވިފައިވާ ހިނިތުންވުންތައް އުޖާލާކޮށް އަލިކޮށްދިނުމަށް ހަމަ އެންމެ އެހީއެއް ވިޔަސް ދެއްވާށެވެ. ހެޔޮހިތުން ދިއްކޮށްލާ އެހީއެއް ނެތިވެގެނެއް ނުދާނެއެވެ.

"މިފަދަ ކުދިން ސުކޫލަށް ދިއުމަށް ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށް އެހީތެރިކަން ފޯރު ކޮށްދެއްވާ! މި ކެމްޕެއިންއަށް އެހީތެރިވުމަށް މަމްސް އެއިޑް އެނުއަލް ކެމްޕެއިން އެކައުންޓަށް ޑޮނޭޓް ކުރައްވާ!"

  • MVR 7730000562467

  • USD 7730000562466