ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުކުރެވޭ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު(މަންޑޭ) ހައްޔަރުކޮށް އޭނާގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފަނަރަ ދުވަސް ޖަހައިފިއެވެ.

މަންޑޭ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ. މަންޑޭ ހައްޔަރުކުރަން އަމުރުނެރެ އޭނާ ހައްޔަރުކޮށްފައި ވަނީ އޭގެ އެއްދުވަސްކުރިން އޭނާގެ ހިފަހައްޓާފައިވާ ޕާސްޕޯޓު ކްރިމިނަލްކޯޓުގެ އަމުރަކަށް ދޫކޮށްލާފައި ވަނިކޮށެވެ.

މަންޑޭގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ ކޯޓަށް ހާޒިރުކުރީ މިއަދު މެންދުރުފަހުއެވެ. ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ކޯޓުން ޕާސްޕޯޓު ދޫށްލުމާ ގުޅިގެން، އެދުވަހުވެސް ފުލުހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ. އަދި ޕީޖީއިންވެސް ވަނީ އެމައްސަލަ އިސްތިއުނާފު ކުރާނެކަމަށް ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަންޑޭ ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށެވެ.

ކުންފުނީގެ މައި ހިއްސާދާރަށް ނޭނގި މަކަރާ ހީލަތުން ކޭ-ޕާކު ފްލެޓުތައް ވިއްކި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ ހަންބޯކުންފުނީގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރ ޗައިނާގެ ވިޔަފާރިވެރިވެރިޔާ ޖިންޝިއޫހ އެވެ. ޖިންގެ 95 ޕަސެންޓު ހިއްސާ އޮންނަ މިކުންފުނީގައި މަންޑޭގެ ހިއްސާއަކީ ފަސް ޕަސެންޓެވެ. ހަމަ މިިމައްސަަލައިގައި، ކޭ-ޕާކް ރެސިޑެންސް ގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނިން ހުށަހަޅަފައިވާ މައްސަލައާއި ގުޅިގެން، މިމައްސަލައިގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި، މޯލްޑިވްސް ޕޮލިސް ސާރވިސަސްއަށް އާބަންކޯއިންވެސް ވަނީ މައްސަލަ ހުށަހަޅާފައި ކަމަށް އެކޯޕަރޭޝަނުން ހާމަކުރެއެވެ.

މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުއެވެ.

ކޭ ޕާކުގެ މައްސަލައަކީ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އޭޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުން ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.