ޕްރައިމްޓައިމް ސްޓޯރީއަކަށްވެ އެންމެންގެ ސަމާލުކަން ދަމައިގެންފައިވާ، ލޮސްއެންޖެލްސްގައި ޝާހުރުކްހާންގެ ނޭފަތަށް ބޮޑު އަނިޔާއެއްވެ ޒަހަމްވެފައިވާ ކަމަށް ފެތުރެމުންދާ ވާހަކައިގެ ހަގީގަތް ޝާހުގެ ގާތް އެކުވެރިއަކު ހާމަކޮށްފިއެވެ.
އޭނާ ބުނި ގޮތުގައި ލޮސްއެންޖެލްސްގައި ހުރި ޝާހުރުކްހާންގެ ނޭފަތަށް އެެއްވެސް އަނިޔާއެއް ލިބިފައެއް ނެތެވެ.
"އެއީ އަނިޔާއެއް ނޫން. އެއީ (ޑިސްލޮކޭޓް ވެފައިވާ ސެޕްޓަމް) ނޭފަތުގެ އެތެރެއިން ބެދިފައި އިންނަ ކަހަލަ ކަމެއް ކަމުން ޝާހަށް ބައެއް ބައެއް ފަހަރު ނޭވާލުމުގައި ތަކުލީފުތަކެއް ލިބުނަސް މިއީ ބޮޑު އަނިޔާއެއް ނޫނީ ޒަހަމެއް ނޫން. މިގޮތަށް ޝާހަށް ނޭވާލުމުގައި ދިމާވަމުން އަންނަތާ ދުވަސްކޮޅެއްވެސް ވެއްޖެ. ވަގުތުގެ ދަތިކަމުން ފަރުވާއެއް ހޯދަން ނޫޅެވި ހުއްޓާ އެެލްއޭގައި މިމައްސަލަ އަނެއްކާ މިދިމާވީ. މިއީ ހަމަ ވަރަށް އާދައިގެ ޕްރޮސީޖަރއެއް. ލެއެއްވެސް ނާދޭ އަދި ޒަހަމެއް ވެސް ނެތް، މިހާރު ޝާހު އެހެރީ އެނބުރި މުމްބާއީއަށްވެސް އައިސްފައި،"
ޑިސްލޮކޭޓް ސެޕްޓަމް އަކީ ހާއްސަކޮށް ޖިސްމާނީ ގޮތުން ހަރަކާތްތެރިވާ މީހުންގެ ތެރޭގައި ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ނޭފަތަށް ކުޑަ އުދަނގޫކަމެއް ކުރިމަތިވިޔަސް ސެޕްޓަމް ޑިސްލޮކޭޓް(ގުޑުމެއްއަތުވެދާނެ) ވެދާނެއެވެ. ރަންބީރު ކަޕޫރު ވެސް ވަނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ސެޕްޓަމް ރަނގަޅުކޮށްފައެވެ.
އެކްޓިންގެ މައިދާނުން ޝާހްރުކްހާން އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ކުރީކޮޅު ސިދާތު އަނަންދުގެ ޑައިރެކްޝަން ވެންޗާ 'ޕަތާން' އިންނެވެ. އަދިތިޔާ ޗޯޕްރާގެ ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރި ޖޯން އަބްރަހަމް، ދީޕިކާ ޕަޑޫކޯން، ޑިމްޕްލް ކަޕަޑިއާ އަދި އަޝުޓޯޝް ރާނާ ވެސް ކުޅުނު ސްޕައި އެކްޝަން ފިލްމު ބޮކްސް އޮފީހުގައި ނުފިލައި ކުރިއަށްދާ ބޮޑު ސުޕަޑުޕަ ހިޓަކަށްވެފައިވާއިރު މިއީ ޝާހުގެ އެންމެ ރަނގަޅު އެނބުރިއައުމެއްކަމަށް އޭނާގެ ފޭނުން ގަބޫލު ކުރެއެވެ.
ޝާހުގެ ސަޕޯޓަރުންނާއި ފޭނުން އަދި އޭނާދެކެ ލޯބިވާ ހުރިހާ އެންމެންވެސް މިހާރު ކުރާ އިންތިޒާރު ގުޅިފައި ވަނީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ޖަވާން" އާއެވެ. އެޓްލީ ކުމާރު ޑައިރެކްޓް ކުރާ މި ފިލްމުގައި ވިޖޭ ސެތޫޕަތީ، ނަޔަންތަރާ އަދި ސަންޔާ މަލްހޯތުރާ ވެސް ފެނިގެންދާނެ އެވެ.