1444 ވަނަ އަހަރު ހައްޖުގެ މާތް އަޅުކަން އަދާކުރުމަށްފަހު ހަޖާޖީން މިއަދު މާލެ އަންނަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހައްޖާޖީންގެ ފުރަތަމަ ގްރޫޕް މިއަދު އައިސްފައިވާކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށް ދިޔަ ޙައްޖުވެރިން ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އައުމަށްޓަކައި 2ވަނަ ގްރޫޕްވެސް ފުރަން ހަމަޖެހިފައިވާ ކަމަށާއި އެީ މިއީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ޙައްޖަށްދިޔަ ޙައްޖުވެރިންކަމަށްވެސް އެ މިނިސްޓްރީިއިން ވިދާޅުވެފައިވެއެވެ.

އަދި މިނިސްޓްރީން ވިދާޅުވީ ދިވެހި ހުރިހާ ހައްޖާޖީން އެނބުރި އައިސް ނިމޭނީ މި މަހުގެ 14 ގައި ކަމަށެވެ.

މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.

ރާއްޖެއިން ހައްޖުގެ އަޅުކަން ކުރަން ދިޔަ ފަސް މީހަކު ވަނީ މައްކާގައި ނިޔާވެފައެވެ. އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ.