ކޮންމެ ހާލަތެއްގައިވެސް ސާފުތާހިރު ވުމަށް އިސްލާމްދީން ބާރުއަޅާކަމަށް މިއަދުގެ ހުކުރުހުތުބާގައި ބުނެފިއެވެ. އަދި ސާފު ރީތި ފޭރާން ލިކަމުގައިވިޔަސް އޭގެ ސަބަބުން ކަންދެއްކުމާއި ބޮޑާކަމުގެ ޝިކާރައަކަށް ނުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއު ""އިސްލާމްދީނަކީ ސާފުތާހިރުކަަމުގެ ދީން" މިމައުޟޫއަށް އަލިއަޅުވަމުން، އިސްލާމް ދީނަކީ ސާފުތާހިރުކަމަށް ބާރުއަޅާ ދީނެއް ކަމަށާއި ހުރިހާ ހާލަތެއްގައިވެސް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ އިސްލާމީ ސަގާފަތުގެ ތެރެއިންވާ ކަމެއް ކަމަށްހުތުބާގައި ވަނީ ބުނެފައެވެ. ކޮންމެ ހާލަތެއްގައިވެސް ސާފުތާހިތުކަމަށް އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅާފައިވާކަމަށާއި ނަމާދު ކުރުމާއި ތަވާފުކުރުމަށް ނަޖިހުން ތާހިރުވުމާއި ހިނައިގަތުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި ޝަރުއު ކުރެވިގެންވާ ކަންކަން ކަމަށާއި ސާފުތާހިރު ކަމަކީ އީމާން ކަމުގެ އެއްބައިކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ހަމަމިއާއެކު، ސާފުތާހިރުވުމަކީ ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވެ އެނގެން އޮތް ކަމެއްކަމަށާއި ސާފުތާހިރުކަމަށް އެކަލޭގެފާނު ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ހުތުބާގައި ބުނީ ނިޔަފަތި ކެނޑުމާއި ކިހިލިފަށް ދަށުން އިސްތަށި އުފުރުމާއި މަތިމަސް ކުރުކުރުން ފަދަ ކަންތައްތަކަކީ ޝަހުސީ ސާފުތާހިރުކަމުގެ ތެރޭގައިވާ ކަންތައްތައް ކަމަށާއި އެއީ ފިތުރަތުގެ ސުންނަތްތަކުގެ ތެރޭގައިވެސް ހިމެނޭ ކަންތައް ކަމަށެވެ.

"މުސްލިމް އަޚުންނޭވެ! ތިމާގެ ހަށިގަނޑާއި، ފޭރާމާއި، ދިރިއުޅޭ ވެށީގެ ސާފްތާހިރުކަމަކީ އަޅުކަން ގަބޫލުވުމާއި މާތް ރަސްކަލާނގެ ރުއްސެވުމާއި، އެކިއެކި ބަލިމަޑުކަމުން ރައްކާތެރިވުމުގެ ވަސީލަތެކެވެ. އަދި ސާފުތާހިރުވުމަކީ މާތް ރަސްކަލާނގެ އާއި އެކަނލާގެ ރަސޫލާ އަމުރުކުރައްވާފައިވާ ކަމެކެވެ. ކީތި ޤުރުއާންގައި މާތް ރަސްކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. "އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ތާހިރު ކުރައްވާށެވެ!" މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

ފެން ނުލިބިގެން ނުވަތަ އެހެން ސަބަބަކާހުރެ ވިޔަސް، ހިނައިގަތުމާއި، ވުޟޫ ކުރުމަށް ފެން ބޭނުން ކުރުމަށް ނުކުޅެދިގެންވާ މީހުންވެސް ނަމާދު ކުރުމާއި ތަވާފްކުރުމަށް ތާހިރުވުމަށް އިސްލާމް ދީނުގައި އަންގަވާފައިވާކަމަށް ހުތުބާގައި ބުންޏެވެ. އަދި މިއީ ތަޔައްމަމް ކުރުންކަމަށާއި މިފަދަ ހުރިހައި ކަމަކުންވެސް އިސްލާމް ދީނުގައި ސާފުތާހިރުކަމަށް ދެއްވާފައިވާ މުހިންމުކަން ހާމަވެ އެނގޭކަމަށް ހުތުބާގައި ބުންޏެވެ.

އަދިވެސް އިތުރަށް ހުތުބާގައި ބުނީ ކުޑަކަމުދާހިދު ގަޔަށް ބުރައިގެން ނުދާގޮތަށް ކުޑަކަމު ދިޔުމާއި ކުޑަކަމު ދިޔުމަށްފަހު ރަނގަޅަށް ތާހިރު ނުވުމާއި މަގުމައްޗާއި ހިޔާ ލިބޭ ގަސްގަހުގެ ދަށަށާއި މީހުން ހިނގާ ބިނގާވެ އުޅޭ ތަންތަނަށް ކުޑަކަމު ދިއުމާއި ގަޟާހާޖަތްކުރުމާއި ކުޅުޖެހުން ފަދަ ކަންކަމަކީ އިސްލާމް ދީން ނަހީ ކުރައްވާފައިވާ ކަންތައްކަމަށެވެ.

މަގުމަތި ސާފުތާހިރުކޮށް ބެލެހެއްޓުމަކީވެސް އަޅުކަމެއް ކަމަށާއި މަގުމަތިން ކުނި ބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށް ކީރިތި ރަސޫލާ ގެ ހަދީސުން އެނގެން އޮތް ކަމެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި މަގުމަތީގެ ސާފުތާހިރުކަމަކީ އެތައް ބަލިތަކަކުން މުޖުތަމައު ރައްކާތެރިކޮށްދޭ ކަމެއް ކަމަށާއި މާތް ﷲ އަށް ބިރުވެތިވެ އިސްލާމް ދީނުގައި އަންގަވާފައިވާ ސާފުތާހިރުކަމުގެ އުސޫލުތަކުގައި ހިފެހެއްޓުމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.