ކުރީން އެއީ އެކަނިވެރި އެކަހެރި ރަށެކެވެ. ނުވަތަ އަތޮޅެކެވެ. އަރަށުގެ އެކަނިވެރިކަން ފިލުވަމުންދިޔައީ ރަށުގެ ވަށައިގެން ނަގައި ގޮނޑުދޮށަށް ބިންދާލާ ރާޅުތަކެވެ.
މިހާރު އެރަށަކީ އަމުދުން އެކަނިވެރި ރަށެއް ނޫންނެވެ. އެކަނިވެރިކަން އިތުރަށް ފިލުވާލައި ދިނުމަށް ރާޅުތަކާ ބައިވެރިވީ އެރަށުގައި ހަދާފައިވާ ކަނޑުގެ ބަނދާރާއި ވައިގެ ބަނދަރެވެ. އެއީ ރާއްޖޭގެ ހިތްގައިމު ރަށްރަށުގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ފުވައްމުލަކެވެ. މިހާރުގެ ގޮތުންނަމަ ފުވައްމުލަކު ސިޓީއެވެ.
ތާރީޚީ ވާހަކަތައް ކިޔައިދޭ މީހުން ބުނާގޮތުގައި އެރަށް ތިންފަހަރު ފަޅުވިއެވެ. ފުރަތަމަ ފަހަރަށް ފަޅުވީ އެރަށުން އާދަޔާ ޚިލާފަށް މީހުން މަރުވާން ފެށުމުންނެވެ. މީހުން މަރުވަނީ ބޮޑު ރޯގާއެއްގައި މީހުން މަރުވާ ބީދައިންނެވެ. މިކަމަށް ބޭސްވެރިން ބޭސް ހެއްޖެވެ. ވީ އެއްވެސް ކަމެއްނެތެވެ. އެންމެފަހުން އެދުރަކު ލައްވައި ފަންޑިތަ ހަދުވައިފިއެވެ. ހޭވެސް އަހައިނުލިއެވެ. އެހިސާބުން އެރަށުގެ އެންމެން ބިރުގަންޖެއެވެ. އެންމެން ނިންމީ އެރަށްދޫކޮށް ކައިރި އެހެން ރަށްރަށް ހިޖުރަ ކުރާށެވެ. މިގޮތަށް ނިންމައި ރަށުންފައިބާނެ ދުވަސްވެސް ކަނޑައަޅައިފިއެވެ. އަދި އޮޑިދޯނިފަހަރު ވެސް ތައްޔާރު ކޮށްފިއެވެ.
ކަނޑައެޅިފައިވާ އޮތްދުވަހު އެރަށުން މީހުން ފައިބައިގެން ހިނގައްޖެއެވެ. އެހެންނަމަވެސް އެމީހުންނާއެކު ނުދެވި އިން އުޒުވެރި މުސްކުޅި އަންހެނަކު އެރަށު އައްޔަނި ސަރަހައްދުގައި އިނެވެ. އެއީ އެރަށު އައްޔަނި ދައިތައެވެ.
ކޮންމެއަކަސް އެރަށުގެ މީހުން އެރަށުން ފައިބައިގެންދިޔައީ ފަންޑިތަ ހަދައިގެން ނަތީޖާއެއް ނުފެނުމުންނެވެ. ފަންޑިތައިން ނަތީޖާއެއް ނުފެނުމުން އެމީހުން ނިންމީ އެއީ ކުށުވެރި ކަމެއްގެ ގޮތުގައެވެ. ނުވަތަ ޖިންނި ފުރޭތައިގެ ކަމެއްގެ ގޮތުގައެވެ. އެމީހުން ރަށްދޫކޮށް ފުރައިގެން ދިޔަދުވަހުގެރޭ އައްޔަނި ދައިތައިނީ އޭނާގެ ފިރިމީހާ ރުއްއަރަން ގޮސްފައި އަންނަންދެން އިތިޒާރުގައެވެ. އޭނާއަށް ރަށުން ފައިބައިގެން ނުދެވި އިނީ ރުއްއަރަން މާހެނދުނާ ދިޔަގޮތަށް ފިރިމީހާ ނައިސްގެންނެވެ. ކޮންމެއަކަސް މިދައިތަ ގޭގައި އިންދާ ބަނޑުހައި ވެއްޖެއެވެ. ކާނެ އެއްޗެއް ގެއަކުނެތެވެ. ދޯރާ ފޮދެއް، ހަކުރުފޮދެއް ވެސް އެވަގުތު ނެތެވެ. ކާއެއްޗެއް ފެނޭތޯ ބަލަމުންދަނިކޮށް ހަރުވެ ދަގަނޑަށްވެފައިއޮތް މަސްގަނޑެއް ފެނިއްޖެއެވެ.
އައްޔަނި ދައިތައަކީ މުސްކުޅިވުމުގެ ސަބަބުން އަނގައިގެ ހުރިހާ ދަތެއްހެން ވެއްޓިފައިވާ މީހެކެވެ. ދެން ދައިތަ ފިކުރިކުރީ މަސްކޮޅު ކާނެ ގޮތަކާމެދުގައެވެ. އެ ފިކުރުގައި އިންދައި ވިސްނުނީ ވަނަށް އަޅައިގެން ތަޅައިގެން ކުނޑިކޮށްގެން މަސް ކެއުމަށެވެ. އެންމެފަހު ވަނަށް މަސްގަނޑު އަޅައިގެން މޯލުން ތަޅައި ހިމުން ކޮށްފިއެވެ. އެއައަށްފަހު ވަނުގެ ތެރެއަށް އަތްބާނައިގެން މަސްނަގައިގެން ކާންފަށައިފިއެވެ.
ދައިތަ ކާން އިންދައި ދޮރުމަތީން ބޮޑު ހިޔަންޏެއް ވެއްޖެއެވެ. ދައިތަ ބެލިއިރު ކަމަކުދާކަށް ނެތެވެ. އެރަށުގައި ފެތުރުނު ރޯގާ ނުވަތަ މީހުން މަރުވުމުގެ އަސްލު ކަމަށްވާ ފުރޭތަ މިހުރީ ދޮރުގެ ދެކަނީގައި އަތް ވިއްދައިގެން ދައިތައާ ދިމާއަށް ބަލާށެވެ. ދައިތަ ގައިގަންނާކުރެއްވި ބިރެއްގެ ބޮޑުކަމުން ހަދާނެ ގޮތް ހުސްވެ މީހާ ދާހިއްލަން ފަށައިފިއެވެ. އެވަގުތުވެސް ހިތްވަރުކޮށްލާފައި ވެސް ކުރަން އެނގުނުހާ ކަމަކީ އަތްމަތި ހަލުއިކޮށް ވަނުން މަސްނަގައިގެން އަނގަޔަށް އަޅައި އެކޮލޮށްލައި މިކޮލަށް ލައި ހެފުމެވެ. އޭރު އެދައިތަ އިނީ ބިރުން ފިތްކަނޑައިގެން ގޮސް ކަމެއް ފުރޭތައަކަށް ނޭނގެއެވެ.
އެންމެފަހުން ފުރޭތަވެސް ދައިތަ ދެކެ ބިރުގަނެއްޖެއެވެ. ކީއްވެގެން ހެއްޔެވެ؟ ފުރޭތަ ހިތަށްއެރީ އެއޮތް މުސްކުޅި ދައިތަގެ ކުޅަދާނަ ކަމެވެ. އަނގައިގެ ވަރުގަދަ ކަމެވެ. އަނގައިގައި އެންމެ ދަތެއްނެތީވެސް ދަނގަނޑު ވަނެއްގެ ތެރެއަށް އަތްބާލައިގެން އެއްވެސް އުނދަގުލަކާ ނުލައި އޭގެ ފުލުން ދަގަނޑު ނައްޓައިގެން ކަނީ ވިއްޔާއެވެ. ފުރޭތަ ހިތަށްއެރިއެވެ. މި ދައިތަ އެހާ ފަސޭހައިން ދަނގަނޑު ކާލާއިރު ފުރޭތައިގެ މަސްނޮޅާލައިގެން ކާލަން މާބޮޑު ކަމަކަށް ނުވާނެއެވެ. އެންމެފަހުން ފުރޭތަ ބިރުނުގަންނަ ކަމަށް ހެދިގެންހުރެ ދައިތައާ ވާހަކަ ދައްކަން ފެށިއެވެ. "ދައިތާ! މިރޭ މިގޭ ކަންޓަމަންޓަތަ؟" (މިރޭ މިގޭގައި ކަނީ ކާއްޓާއި މަހާތަ)
ފުރޭތަ މިހެން ބުނުމުން ދައިތައަށް ބޭއިޚުތިޔާރުގައި ވަން ނަގައި ކިހިލި ޖަހައިގެން "ހާނ! މިރޭމީގޭ ކަންޓަމަންޓަ" އޭ ކިޔަމުން ފުރޭތައާ ދިމާއަށް ހަލުއިފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. އެއީ މުސްކުޅިއެއްކަމަކު ދައިތައެކެވެ. ފުރޭތަ ހީކުރީ ދައިތަ އެ އަންނަނީ ފުރޭތައަށް ހަމަލާދީ ކާލަން ކަމަށެވެ. އެވަގުތު ފުރޭތަ ގަތްބިރެއްގެ ސަބަބުން ދައިތަގެ އަތްދަށުން ސަލާމަތްވާން ދުވެ ރައްކާ ވެއްޖެއެވެ. އަދި ދުވަހަކު ވެސް އެރަށަށް ދެން ނާރާނެ ކަމަށް ދައިތަ ގާތު ވައުދުވި ކަމަށް ވެއެވެ.
ދައިތަ ބިރުން ގޮސް ބޭއިޚްތިޔާރުގައި މިކުރެވުނީ ފުރޭތަ ބިރުގަތް ކަމެކެވެ. އެފަހުން އެރަށަށް ފުރޭތަ ނާރާ ކަމަށް ވެއެވެ. މިހާދިސާއަށްފަހު އޭނާގެ ފިރިމީހާ ރުއްއަރަން ގޮސްފައި އަމުން ކަންވީ ކިޔައިދިނެވެ. އަދި ދެން ރަށް އަމާވީ ކަމަށް ފިރިމީހާ ބުންޏެވެ.
އެ ހާދިސާއަށްފަހު އެއްވެސް ބިރުވެރިކަމެއް ހާސްކަމެއް ނެތި އެދެމަފިރިން ދެތިން ދުވަހު އެރަށުގައި އުޅުނުފަހުން ރަށުން ފައިބައިގެންދިޔަ މީހުންގެ ތެރެއިން ބަޔަކު އެދެމަފިރިންގެ ޚަބަރުބަލަން ފުވައްމުލަކަށް ދިޔައެވެ. އެދެމަފިރީން ސަލާމަތުން ތިބިތަން ފެނިގެން އެމީހުން ހައިރާންވިއެވެ. އަދި އުފާ ވެސް ކުރިއެވެ. އެމީހުން ސުވާލުކުރުމުން ކަން ހިނގައިދިޔަ ގޮތް ދައިތަ ކިޔައިދިނެވެ. އެހިސާބުން އެމީހުން އުފާކޮށް ދައިތައަށް ޝުކުރު އަދާކުރިއެވެ. އެމީހުން ގޮސް ބާކީ ތިބި މީހުން އަލުން އެރަށަށް ގެނެސްފިއެވެ. އެމީހުން ރަށުން ފައިބައިގެން ދިޔަކަމަށް ވަނީ އައްޑޫ ހުޅުދޫ އަދި މީދޫއަށް ކަމަށް ވެއެވެ.
ރަށުގެ ރައްޔިތުން ބިރުން އުޅުނު ފުރޭތައެއްގެ އަތްދަށުން އެންމެން ސަލާމަތްކޮށްދިނީ އަނގައިގެ ދަތެއްނެތް މުސްޅި ދައިތައެވެ. އައްޔަނި ދައިތައެވެ.