ކުލަބޮކިތަކުން ޒީނަތްތެރިކުރެވިފައިވާ ގޭގެ މައިދޮރުމަތީގައި ރޭގެ ޢަރޫޝާ، އޭނާގެ ޙަޔާތުގެ ބައިވެރިޔާގެ، އަލަތުފިރިމީހާގެ ގާތުގައި ހުރެ މެހުމާނުންނަށް މަރުހަބާ ކިޔަނީއެވެ. ހަފުލާ ފުރެމުން ދިޔައީ އައިލާގެ ގާތްތިމާގެ މީހުންނާއި ދުރުތިމާގެ މިހުންނާއި އެންމެ ގާތް ހާއްސަ އެކުވެރިންގެ އިތުރަށް ދެކެފަރިތަ ރައްޓެހިންނާއި އަދިވެސް ދައުވަތު ދެވިގެންނާއި ނުދެވިވެސް އަންނަމުން ދިޔަ އެތަކެއް މެހުމާނުންގެ ބައިގަނޑުތަކުންނެވެ. މިއީ ހާއްސަރެއެކެވެ. ބޮޑުރެއެކެވެ.
އާއެނކެވެ. ކޮންމެ އަންހެންކުއްޖަކުވެސް އެންމެ ކުލަގަދަ އަކުރުން އަމިއްލަ ޑައިރީގައި ފަވާލާ އެއް ވާހަކައަކީ އަލަތު ކައިވެނީގެ ވާހަކައެވެ. މިދުވަހަށްޓަކައި ދެކެފައިވާ ހުވަފެންތަކާއި ކޮށްފައިވާ އުއްމީދުތައް ބައިވަރެވެ. ކޮންމެ ފަންތިއެއްގެ ވިޔަސް މިކަން ދާދި އެއްގޮތެވެ.
އުލްފަތުގެ ދެމަފިރިންނަށް އުފަލުގެ ކަރުނައިން ތެމިފައިވާ ލޮލަކުން ބަލަން ހުރި ފަލަކްގެ ހިތުގައި މައިވަންތަކަމުގެ އިހްސާސް އުތުރި އަރަމުން ދިޔައެވެ. މިރެއަކީ އޭނާގެ ދޮށީ އަދި އިން ހަމައެންމެ އަންހެންދަރިފުޅުގެ އާހަޔާތުގެ ބިންގަލުގައި އެޅޭ ބިނާގެ ފުރަތަމަ ފިޔަވަހި ނިމި އެބިނާ ކުރިއަށް ދިއުމުގެ ފުރަތަމަ ބާބު ފެށުނު ރެއެވެ. އޭނާގެ ލޮލުން ފޭދިގެންދިޔަ އުފަލުުގެ ކަރުނައިގެ ތެރެއިން އަހަރުތަކެއް ކުރީގެ އެތައް ހަނދާންތަކެއްގެ ފުސްމަންޒަރުތައް އަލިވާންފެށިއެވެ.
މިރޭގެ ބަރާބަރު ތޭވީސް އަހަރު ކުރިން ހަފްތާއެއްގެ ބުރާސްފަތި ދުވަހެއްގެ ރެއެވެ. ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުގެ ރަށެއް ކަމަށްވާ އައްޑުއަތޮޅު ހުޅުދޫގެ ބަނދަރުމަތިން ރަށުތެރެއަށް އަރައިގެންދާ ބޮޑު މަގުގެ މެދެއްހާ ހިސާބުގައި ހުރި ގެއެއްގެ ތިރިކޮށް ރާނާފައި ހުރި ފާރުބުރި މަތީގައި އިށީނދެގެން އިން ޒުވާން އަންހެންކުއްޖާ އޭނާގެ ކޮނޑުގައި އޮތް ދޯޕައްޓާ ވަޔާ ވިހުރުވުމުން، ވަމުންދާ އުނދަގުލުން ސަލާމަތް ވުމަށް އަތުކުރިއަށް ދޯޕައްޓާ އޮޅާލިއެވެ. ހީވާ ގޮތުން އޭނާ އެއިނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ.
އެއީ ފަލަކުގެ ފުރާވަރުގެ އެންމެ އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހެއްގެ ރެއެކެވެ. ނުހަނު ލޯބިވެގެން ހިތާވާ މީހާއާއި ކައިވެނި ކުރުމުގެ ނަސީބެއް މަދު މީހަކަށް މެނުވީ ނުލިބެއެވެ. ފަލަކަކީ އެފަދަ މަދު ނަސީބުވެރިންގެ ތެރެއިން އެކަކެވެ. އިހުސާނާއި އެންމެ ފުރަތަމަ ބައްދަލުވެ ވާހަކަ ދެއްކުނު ދުވަހުން ފެށިގެން އޭނާ ދުށް ހުވަފެނަކީ އިހްސާންގެ އަނތްބަކަށް ވުމުގެ ހުވަފެނެވެ. އެހުވަފެން ސީދާވާކަށް މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. އޭނާގެ އައިލާގައި އެކަމާއި ދެކޮޅު ހަދާނެ މީހަކު ނެތެވެ. ގިނަ ދަރިންތަކެއްގެ ޒިންމާ ބޮލުގައި އަޅައިގެން ތިބި މަންމަ އާއި ބައްޕަ ވަރަށް ފަސޭހައިން އެކަމާ އެއްބަސްވެ އޭނާގެ ބުރައިން ސަލާމަތްވެގަތެވެ.
އިހްސާނާއި ކައިވެިނިކޮށްގެން އިހްސާންގެ މައިންބަފައިންގާތަށް މިރަށަށް އޭނާއައީ އަިމިއްލަ އުފަން ރަށް ފުވައްމުލަކާއި އެރަށުގެ ޅަދުވަހުގެ ހަނދާންތަކާއި ލޯބިވާ އެތައް ބަޔަކާއިވެސް ވަކިވެގެނެވެ. އެކަމަކު އެހުރިހާ އެއްޗަކަށްވުރެ އިހްސާންގެ އުފަލާއި ލޯބި އޭނާއަށް މުހިންމެވެ.
ދުނިޔެއިން ފާއިތުވާ ކޮންމެ ދުވަހަކީ ހަޔާތުން ފާއިތުވާ ދުވަހެކެވެ. އިހްސާނާއި ކައިވެނިކޮށްގެން އައިތާ ހައެއްކަ މަސް ވިއިރު އޭނާ ހީކުރި ގޮތާއި ޚިލާފު ކިތަންމެ ކަމަކާއި ކުރިމަތިލާން ޖެހުނެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް މާބޮޑު ކަމަކަށް ނުހަދައި އޭނާ ދިރިއުޅުމާއިގެން ކުރިއަށް ދިޔައެވެ.
މިރޭވެސް އޭނާ އެއިނީ އެހެން ރޭރެއެކޭ އެއްގޮތަށް ފިރިމީހާގެ އިންތިޒާރުގައެވެ. ގަޑިން ނުވައެއް ޖަހަނީއެވެ. ގޭގެ އެހެން ހުރިހާ ކުދިބޮޑު އެންމެން ޝޯވ ބަލަން ދިޔަތާ ބައިގަޑިއިރު ވެއްޖެއެވެ. އަދިވެސް އިހްސާނެއް ނާދެއެވެ. ރަށުގެ ހިއްކިބިމުގައި މިރޭ އެއޮތް ޝޯއަށް ދާން އެންމެ ފޯރި ނެގީވެސް އިހްސާނެވެ. އެކަމަކު އާދައިގެ މަތިން މިރޭވެސް އިހްސާނަށް ގަޑިއަކަށް ނާދެވެއެވެ.
އެރޭގެ ޝޯއަށް ދެވުނު އިރު ރޭގެ އެންމެ ހާއްސަ ބޭންޑް، މާލެއިން މިޝޯއަށްޓަކައި އައި "އޭޖޭ"ގެ ލަވަަތައް ފެށިގެން ކުރިއަށް ދަނީއެވެ. އެއީ އެވަގުތު މުޅި ރާއްޖޭގައިވެސް އެންމެ ރީތި އަޑު ކަމަށް މަޝްހޫރުވެފައިވާ ހިތްތަކުގެ ރަސްގެފާނު "އަމްޖަދު"ގެ އަމިއްލަ ބޭންޑެވެ. މިއީ އަމްޖަދުގެ ފުރަތަމަ ސޯޯލޯ އަލްބަމް "ހިނގާފަ ދާގޮތަކުން..."ގެ ރިލީޒަށް ހާއްސަކޮށްގެން ބޭއްވި ޝޯއަކަށްވާތީ، މުޅި އަތޮޅުގެ އެތައް ބައިވަރު ބަޔަކު މިރަށަށް ހަމަ މިޝޯއަށްޓަކައި އައިސް ތިއްބެވެ.
އަބަދުވެސް ކަންހިނގާ ގޮތުގެ އާދައިގެ މަތިން، ޝޯ ބަލަން އަނބިމީހާއާއިއެކު އައި ނަމަވެސް، އިހްސާނަށް އޭނާގެ ހާއްސަ އެކުވެރިން ފެނުމަށް ފަހު، އިތުރަށް އަނބިމީހާއާ އެކުގައެއް ނުހުރެވުނެވެ.
"އެބައަންނަން.. ޝޯ ނިމެންވާއިރަށް މަށަށް ނާދެވިދާނެ... ފަލަކު ބޭނުންވީމަ ގެއަށްދޭ އިނގޭ... މާލަސްވަންދެން ބޭރުގަ އުޅުން އެހާ ރަނގަޅެއްވެސް ނުވާނެ... މިހާރު ފަލަކު ވިސްނަން ޖެހޭނީ އަހަރެން ނޫނީ ފަލަކުއާއި މެދުގައެއް ނޫން... އެހެންވީމަ އަވަހަށް ގެއަށް ގޮސް އެއްޗެއް ކައިގެން ނިދާލާ... މަށަށް އާދެވޭނީ ތަންކޮޅެއް ލަހުން..."
އިހްސާން ރަސްމީ އެންގުމެއް ކިޔާ އުސޫލުން ކަންތައް ކުރަންޖެހޭ ގޮތުގެ ތާވަލެއް ކިޔައިދިިނެވެ. ފިރިމީހާގެ މިފަރުވާލެއް ނުހުންނަ މިޒާޖު ފެނިފެނި ފަލަކު ހުންނަނީ އެއްގޯސްވެފައެވެ. އޭނާގެ މިޒާޖުގައި ޝަކުވާ ކުރުމުގެ އާދައެއް ނުހުރެއެވެ. އެހެންނަމަވެސް ދަރިފުޅެއް އަންނަން އުޅޭ ކަމަގެ ހަބަރު ލިބުނު ފަހުން އިހްސާން ތަންކޮޅެއް ހަރުދަނާ މީހަކަށް ވޭތޯ އޭނާ ވަރަށް ގިނަ ގޮތްގޮތަށް މަސައްކަތް ކޮށްފިއެވެ. އެކަމަކު އިހްސާނަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
ސްކޫލްދައުރުގައި ބައްދަލުވެ އެކުވެރިކަން ބަދަހިވެ، މުޅި ސްކޫލުގައިވެސް "ރޯމިޔޯ އެންޑ ޖޫލިއަޓް"ގެ ނަމުން ދެމީހުން މަޝްހޫރުވި ދުވަސްވަރު، ފަލަކުގެ ފަސްފަހަތުން ބުނިއްޔާ ބުނި ކޮންމެ ކަމެއް ބުނި ގޮތަކަށް ކުރަމުން ދިޔަ، ފަލަކު ރުހޭ ގޮތްތަކަށް ސަމާލުކަން ދީ އުޅުނު، ފަލަކު ނުރުހިދާނެތީ ރައްޓެހިންނާއިއެކު ބައިކް ބުރު ޖެހުމަށްވެސް ދަންވާފަހުން ނުދިޔަ، އިހްސާން ކައިވެނީގެ ހަފުތާއެއްހާ، ދުވަހަަށްފަހު މަޑުމަޑުން ބަދަލުވަމުން ގޮސް މުޅީން އެހެން މީހަކަށް، ބަދަލުވެއްޖެއެވެ.
ޝޯގެ ފޯރި ދިޔައީ އިރެއްއިރަކަށް، ގަދަވަމުން އަޑު ގަދަވަމުންނެވެ. އޭޖޭ ބޭންޑްގެ ހާއްސަ މެންބަރު މިރޭގެ ޝޯގެ ރަސްގެފާނު އަމްޖަދު އޭނާ މިރެއަށް ހުށަހަޅަން ހަމަޖައްސާފައިވާ ލަވަތައް ނިމުމުން ސްޓޭޖުން ފައިބައިފިއެވެ. ގަޑިން ދިހަގަދި ބައިވެއްޖެއެވެ. އަތުކުރީގައި އޮތް ގަޑި ބަލައިލުމަށްފަހު ފަލަކު މީހުންގަނޑުގެ ތެރެއިން، ނުކުމެގެން، ސްޓޭޖް ހުރި ދިމާލަށްވުރެ ތަންކޮޅެއް ދުރުގައި، ޕާކްގެ ނިމޭ ހިސާބުގައި އޮންނަ ބޮޑުއުސް ހިރިގަލާއި ދިމާއަށް ގޮސް، އެގަލުގެ އެއްފަރާތުގައި ނުގޮތަކަށް އިށީނެވެ.
އޭނާގެ ކޮނޑަށް އެއްލާފައި އޮތް މަޑުފެއްސާއި ވިލުފެއްސެއްގެ ފަށުވިދޯޕައްޓާ، މޭމަތީގައި ރަނގަޅަށް ފަތުރާލަމުން، ދިމާ ކުރިމަތިން، އަތިރިމައްޗާ ދިމާލުން ދުރުން ފެންނަން އޮތް ކަނޑަށް ނަޒަރު ހުއްޓާލިއެވެ. ދާދި ދެންމެއަކު އަމްޖަދުގެ ހިތްގައިމު ރީތި ފިރިހެން އަޑުން ވިރުވާ އަޅާލި ލަވަ "ހިނގާފަ ދާގޮތަކުން... ބަލާފަދިން ނަޒަރުން މަގޭ ހިތަށް ހަރާލި ޚަންޖަރު... .ޝާހީއަދާއަކުން... ކޮށްލީ ޒަޚަމުން މަގޭ ހިތާނަފްސު ދީފީމެހިބައިން..." ފަލަކު މަޑުމަޑުން އެލަވައިގެ ރާގު އަޅުވާލިތަނާހެން ފަހަތުން އެއިވުނީ ދެވަނަ އެހެން އަޑެއް ނޫނެވެ. ހީވި ގޮތް ކަމަށް ހިތައި އެއިން ގޮތަށް އިންދާ އަނެއްކާވެސް އެލަވައިގެ ކަޑި ރިޕީޓްކޮށްލި އަޑު އިވިއްޖެއެވެ.
ފަހަތަށް އެނބުރިލުމާއިއެކު ފަލަކުއަށް ފުންމައިގެނަ ކަހަލަ ގޮތަކަށް އެގާމަތިން ތެދުވެވުނެވެ. އަސްތާއެވެ. އެއީ ހަމަ އަމްޖަދެވެ.
ޝޯ ހުށަހަޅަމުން ދަނިކޮށް އަމްޖަދުގެ ލޮލުގައި އެއޮއް ބައިބޯ ގިނަ މީހުންގެ ތެރެއިން މިފެހިކުލައިގެ ދޯޕައްޓާ އަޅައިގަތީ ސަބަބެއް ނެތިއެއް ނޫނެވެ. މައުސޫމު ރީތި މޫނެއްގެ ވެރިއެކެވެ. ބޮޑު ވިލުނޫކުލައިގެ ދެލޮލެވެ. މުޅި އަތޮޅުގައިވެސް ފަލަކުގެ ދެލޮލުގެ ހާއްސަ ކުލަ މަޝްހޫރެވެ. ހަމައެކަނި ކުލަނަމަ އެހާ އަޅައިގަންނާނެ ކަމެއް ނޭނގެއެވެ. އެކަމަކު ފަލަކުގެ ލޯ ތަފާތު ކުރަނީ ހަަމައެކަނި ކުލައެއް ނޫނެވެ. ނުހަނު ދިގު އެސްފިޔަތަކާއި ވިދުންގަދަ ކަޅިރަވަ މަހިނޫރު ފަދަ ބޮޑު ދެލޮލެވެ. އެއް ފަހަރެއްގައި، އޭގެ ދެއަހަރެއްހާ ދުވަސްކުރިން ހަފްތާ މަޖައްލާ "އުދަރެސް"ގެ ކަވަރުގައި މިދެލޮލާއި އިންތިހާއަށް ރީތި މޫނު އެމަޖައްލާގެ ފަރާތުން ޖެހި މައްސަލައިގައި ފަލަކު އަމިއްލައަށް ހިތްހަމަ ނުޖެހިގެން އެމަޖައްލާގެ އެޑިޓަރަށް ގުޅަންވެސް ގުޅިއެވެ. އެފޮޓޯ ދިނީ ކާކުތޯ އަހައި އޮޅުންފިލުވައި އަބުރަށް ހުތުރުވާ ކަހަލަ އެފަދަ ކަންތައް ދެން ނުކުރުމަށް ފަލަކު އެދުނެވެ.
އަމްޖަދުގެ ހިތުގައި މިދެލޮލުގެ ވެރިޔާއަށް ހާއްސަ ޝައުގެއް އެމަޖައްލާއަށް ފަހު ވަނީ އުފައްދައިފައެވެ. އޭނާއަކީ ޝާއިރެކެވެ. ޅެން ހަދާ ތައުރީފުގެ ކިތަންމެ ބަހެއްވެސް ބުނެވިދާނެއެވެ. އެކަމަކު ހައްގު ބަހެއް އެތައުރީފަކުން ނުބުނެވޭނެއެވެ. ކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއޭ ބުނުމުން ފުދިދާނެއެވެ.
"ފްރެންޑްސް ފޯއެވަރ...." ޖީބުގައި އޮތް ގަލަމުން އަމްޖަދު އޮޓޯގްރާފް ލިޔެދިނީ ފަލަކު ދިއްކޮށްލި ދޯޕައްޓާގެ ކަނެއްގައެވެ. ސޮއި ޖެހުމަށްފަހު އަމްޖަދު ހިނިތުންވެލިއެވެ.
"އަސްލު އަޑުވެސް ވަރަށް ރީތި...ލަވަ ކިޔަންވީނު...."
"ފިރިމީހާއަށް ކިޔައިދޭ ލަވަނޫން އެހެން ލަވައެއް ކިޔޭނީ ފާޚާނާގަ..."
އަމްޖަދުގެ ހިތްހީވީ ފިތުނު ހެނެވެ. މިއީ މީހެއްގެ އަނތްބެއް ހެއްޔެވެ.
"ކޮބާ ފިރިމީހާ... އެކަނިތަ ޝޯއަށް އައިސް ތިއުޅެނީ....؟"
"އުނހު....އެކީގަ އައީ... ކޮންމެވެސް ރައްޓެއްސަކާއެކު ގޮއްސަވީ..."
ފަލަކު ހިނިތުންވެލަމުން ދިއުމުގެ ހުއްދައަކަށް އެދުނެވެ.
"މަޝްހޫރު މޮޅު ރީތި ހޭންޑްސަމް ލަވަކިޔުންތެރިޔާ އަމްޖަދުސާހިބާ..... އަޅުގަނޑު ދިއުމުގެ ހުއްދަ ދެއްވާ...!"
އަމްޖަދާއި ފަލަކުގެ އެކުވެރިކަމުގެ ފެށުމަކީ އެރޭގެ އެބައްދަލުވުމެވެ. އެބައްދަލުވުން އެމީހުންގެ އެކުވެރިކަން ގެންދާނީ ހަޔާތުގެ ކޮން ހިސާބަކަށް ކަމެއް އެއްވެސް ވަރަކަށް ދެމީހުނަށްމެ ވިސްނިފައި ނުވަތަ އިހްސާސެއްވެސް ކޮށްލެވިފައެއް ނެތެވެ. އެއީ ހަމަ ވަރަށް އާދައިގެ ބައްދަލުވުމެކެވެ. އާދައިގެ ދެކެފަރިތަ އެކުވެރިކަމެކެވެ.
ފަލަކުގެ ދިރިއުޅުން އޮތީ އިހްސާނާއިއެކު ފެށިފައެވެ. އާންމު އަންހެނެއްގެ ދިރިއުޅުމެކޭ އެއްގޮތަށެވެ. މައިދައިތައަކާއި ބަފައިބެއަކާއި އާއިލާއެއްގެ ޒިންމާތަކާއިއެކު ފިރިއަކަށް އަނތްބަކު ކޮށްދޭންޖެހޭ ހިދުމަތްތަކެއްގެ މައްޗަށް ބިނާވެފައި އޮތް މެދުފަންތީގެ ދިރިއުޅުމެކެވެ.
އެކަމަަކު... އެއްދުވަހެއްގެ ހަވީރު އައި ފޯންކޯލަކުން އެތައް ކަމެއް އެއްފަހަރާ ބަދަލުވީއެވެ.
"މަސްތުވާތަކެތީގެ ޓްރެފިކިންގ ޕެޑްލިންގ ކޭހެއްގައި އަބްދުﷲ އިހްސާން މާލޭ އެއާޕޯޓުން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔަ ވާހަކަ އަންގާލަން މިގުޅީ...."
"ހުރިހާ ހެއްކަކާއި ސާބިތު ދަލީލު އެބަހުރި..."
"އެކަމަކު.. ތަހުގީގު ނިމި، ޝަރީއަތް ފެށުމުން ހަފްތާއެއްހާ ދުވަހަށް އިހްސާން ގެއަށް ބަދަލު ކުރެވިދާނެ.. އެއީ މިކޭސް ތަހްގީގަށް އޭނަ އެއްބާރުލުން ދީފައިވާތީވެ އަދި އެހެންވެސް އަޅުގަނޑުމެންގެ ޓީމް އޮޕަރޭޝަނަކަށް މުހިންމު ކަމެއް އޮތީމަ....."
"އިހްސާން ގޭގެ ބަންދު ކުރާނެ ތަނަކާއި ހަވާލުވާނެ މީހެއްގެ މައުލޫމާތު ބުނެދެއްވާ..."
"ލަކީ ބޭބީ... އިޓްސް ޖަސްޓް ނަތިންގ... ޑޯންޓްވޮރީ ޓޫމަޗް... ދިސްއިސް އޯލް އެބައުޓް ޕޮލިޓިކްސް... އަހަރެން އިންޑިޔާއިން އައިއިރު އެވަރުގެ ރިސްކެއް އެހާ ގަމާރު ޕެކިނެއްގައި ގެންނާނެހެން ހީވެތަ..!؟ ކަމްއޯން.... ގެނައި ކޭކެއްގެ ތެރެއަށް ލައިގެން އެއްކިލޯ ހިރޮއިން ގެންނަން މަށަކީ މޮޔައެއްތަ...؟ އެވެސް ޕިއޯރ ހިރޮއިން... އެއާއިއެކު 500ގްރާމް ކޮކޭން... 25ޑައިމަންޑް... ހެހެހެ...އެވަރުގެ އާދައިގެ ގޮތަކަށް ޕެކްކޮށްގެން ބޯޑަރ ހުރަސް ކުރާނީ މޮޔައެއްނު... ތެދަށް ބުނަންތަ... އެ ކޭކުގައި އެކަހަލަ ކަމެއް އުޅޭކަމުގެ އެއްވެސް ހިންޓެއް މަށަަކަށް ލިބިފައެއް ނެތް... މިހާރުދެން މިކަންތަކާ ތެޅިފޮޅޭނީ ބޮޑެތި މީހުން.... ހުކުމް ކުރާނެ... ޖަލަށްވެސް ލާނެ... އެކަމަކު އެއްބަސްވުމުގައި އޮތް ގޮތަށް ކަންތައް ނުވެއްޖެނަމަ ފަހުން އެމީހުން އެކަމާ ހިތާމަ ކުރާނެ..."
ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާރޓްމެންޓުން ފަލަކަށް ގުޅައިގެން، އިހްސާނާއި ބެހޭ ގޮތުން މައުލޫމާތު ދީ، އިހްސާންގެ ހާއްސަ މެސެޖްތައް ބުނެދީ، ހަފްތާއަކު އެއްފަހަރު އިހްސާނަށް ދެވޭ ހަތްމިނިޓްގެ އާއިލީ ފޯންކޯލުގެ ކަންތައް ހަމަޖައްސައި، ކަންތައް ކުރަމުން ގެންދިޔައީ އެޑިޕާޓްމެންޓްގެ ޖެނެރަލް އިންވެސްޓިގޭޝަންސް އޮފިސަރ ލާންސްކޯޕްރަލް މަމްދޫހު ހަމީދު(މަންޑޭ)އެވެ. އިހްސާންގެ ބޭންކް އެކައުންޓް ފްރީޒް ކުރި ހަބަރުވެސް މަމްދޫހު ވަގުތުން ފަލަކަށް ގުޅައި އެންގިއެވެ. އެއީ އެކަން ވާނެ ގޮތްކަން ކުރިންވެސް ފަލަކަށް އެނގެއެވެ. ފަލަކަށް ނުދަންނަ ނަމްބަރަކުން މެސެޖެއް އައީ އިހްސާންގެ ގޭބަންދުގެ ހަބަރާއި އެކައުންޓް ފްރީޒް ކުރި ހަަބަރު ލިބުނު ދުވަހުގެ ރޭގަނޑު ބާރަ ޖެހިތަނާއެވެ.
މެސެޖްގައި އޮތް ގޮތަށް ޖެހިގެން އައި ދުވަހުގެ ހެނދުނު ފަލަކު، މީދޫގައި ހުންނަ ލޯންޗްދަތުރުތަކާ ބެހޭ އޮފީހަށް ދިޔައެވެ. އެތަނުން ފަލަކާއި ބައްދަލު ކުރީ އިހްސާނާއި ފަލަކުގެވެސް ދުވަސްވި ރަހްމަތްތެރިއެކެވެ. ޒާހިރަކީ މިދޫއާއި ހިތަދޫއަދި ގަމާއި ދެމެދު ދަތުރުކުރާ ލޯންޗްތަކުގެ ވެރިޔާއެވެ. "އެސްޒީޓީ"ގެ ނަމުގައި ހިންގާ މިކުންފުންޏަކީ އިހްސާންވެސް ވަޒީފާ އަދާ ކުރަމުންދިޔަތަނެވެ. އަދި ޒާހިރަކީ އިހްސާންގެ ބޮސްވެސްމެއެވެ.
ޒާހިރު ދިއްކޮށްލީ ސިޓީ އުރައެކެވެ. "ފަހަރި ޕްރެގް ކަން އެނގުނީވެސް ފުރަން އޮތް ދުވަހު.... އިހްސާން ދަތުރު ކެންސަލް ކުރަންވެސް އުޅުނު... އެކަމަކު އެދަތުރު ހަމަޖެހި ނިމިފަ އޮތް ކަމެއް ވީމަ ދިޔައީ... ފުރުމުގެ ކުރިން އިހްސާން ހަވާލު ކުރި އެއްޗެއް.. އިތުރަށް އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ ނުބުނެ ނުހުންނައްޗޭ.... އާނ... އަދި އެއްވާހަަކަ.. އެކޮޅުން ފަހަރިޔާ މީޓްކުރާނެ މިޝިއަލް ކިޔާ އަންހެންކުއްޖަކާއި ކާއިލް ކިޔާ ފިރިހެން ކުއްޖެއް... ފަހަރި ހުންނާނެ ތަނަކާއި ކެއިންބުއިމުގެ ކަންތައް ހަމަޖައްސައިދޭނެ..."
އިހްސާން މާކުރިން މިހުރިހާ ކަމަކަށް ތައްޔާރުވެފައިވާކަން ކިތަންމެހާވެސް ރަނގަޅަށް އޮތީ ފެންނާށެވެ. މޭގައި ހިލައެއް ބަނދެގެން ފަލަކު ފުރައިގެން މާލެ އައީ މައިދައިތައާއި ބަފައިބެގެ އިތުރުން އާއިލާގެ މީހުންގެ ބަދުބަސްތަކާއި ނަފްރަތުގެ ކަޅިއެޅުންތަކުން ސަލާމަތްވުމަށެވެ. އަދި ރަށުމީހުންގެ މަލާމާތާއި ފުރައްސާރައިގެ ކުރިމަތީގައި އުޅޭނެ ހިތްވަރު ނެތުނީމަވެސްމެއެވެ.
ބަލިވެ އިންކަމުގެ އުފާވެރި ހަބަރު ލިބުނު އަދި އެވާހަކަ އިހްސާން ގާތުގައި ބުނި ދުވަހުގެ ފަހު ދުވަހުގެރޭ އިހްސާން މާލެއައުމަށް ފުރައިފިއެވެ. ކޮންމެހެންވެސް އިންޑިޔާއަށް ދާންޖެހޭ ވާހަކަ ފުރުމުގެ ކުރިން އިހްސާން ބުންޏެވެ. އެކަމަކު އެދަތުރުގެ ނިމުން އިހްސާންގެ ސިއްރުތައް ބޭޒާރުވެ ތޭރިތަކުގެ ފުރަގަހަށް އިހްސާން ގެންދާނެކަމުގެ އެއްވެސް ހިލަމެއް އެކަކަށްވެސް ވެފައެއް ނެތެވެ.
ޒާހިރު ހަވާލުކުރި ސިޓީއުރައިގައި ހުރީ ނަގުދު ދިވެހި ފައިސާގެ ނޫޓުތަކެކެވެ. ފަލަކުގެ ޓިކެޓް ހަމަޖެއްސީ ޒާހިރެވެ. ފުރައިގެން މާލެ އައުމުން މިޝިއަލްއާއި ކާއިލް އޭނާ ގޮވައިގެން، ކަޅުކުލައިގެ "ޑެމިއޯރ" ޕްރައިވެޓް ކާރެއްގައި ދިޔައީ މައްޗަންގޮޅީ ފީރޯޒާގެއަށެވެ. އެގެއިން އޭނާއަށް މަރުހަބާ ކީ އެގޭގެ ވެރި ބޮޑުބުރުގާ އަަޅައިގެން ހުރި ބިޔަ ދޮން އަންހެނެވެ. އަންހެންމީހާއާއިއެކު ދެ އަންހެން ކުއްޖަކު ފަލަކުގެ ސާމާނުތައް ކޮޓަރިއަށް ގެންގޮސްދިނުމުގައި އެހީތެރިވިއެވެ.
އިހްސާންގެ ޝަރީއަތް ވަރަށް އަވަހަށް ފެށުމަށް އެހާ އަވަހަށް ތަހްގީގު ނިންމާލެވުނެވެ. ކުރިންވެސް ހަމަޖައްސާފައި އޮތް ގޮތަށް އިހްސާން ގޭގެ ބަންދަށް ގެނެވުނެވެ. އެކަމަކު ހަފްތާއަކަށް ނޫނެވެ. ހަމައެންމެ ދެދުވަހުގެ ބަންދަކަށެވެ.
ފަލަކަށް އިހްސާނާއި ކުރިމަތިލާން ފަސޭހައެއް ނުވިއެވެ. ހިތާއި ނަފްސުން އޭނާ ލޯބިވި އިހްސާނަކީ އެފަދަ ފާފަވެރިއެއްކަން އެނގުމުން ފަލަކުގެ ހިތަށް ނުހަނު އަސަރުކުރިއެވެ. އަމުދުން ލިބެން އުޅޭ އަލަތު ދަރިފުޅަށް ބައްޕައާއި ބެހޭ ގޮތުން ދޭނީވެސް ކޮން ޖަވާބެއް ހެއްޔެވެ. ޑްރަގް ޑީލަރެއްގެ އަނބިމީހާ، ޑްރަގްޑީލަރ ސްމަގްލަރެއްގެ ދަރިފުޅު... މިހެން ހިތަށް އަރާ ކޮންމެ ފަހަރަކު ފަލަކުގެ ދެލޯ ކަރުނުން ފުރިގެންދެއެވެ. ގިސްލަގިސްލާފައި ރޮއިގަނެވެއެވެ.
އިހްސާނަށް 25 އަހަރުގެ ޖަލުހުކުމް ކުރިފަހުން ފަލަކުގެ މުޅި ދުނިޔެ ބަނަވިކަހަލައެވެ. އޭނާގެ އެއްވެސް މީހަކު ނެތެވެ. އަތުގައި ހުރި ފައިސާއިން އުޅޭނީ ކިހާދުވަހެއް ވަންދެން ހެއްޔެވެ. މިގޭގެ ވެރިމީހާއަށް އޭނާގެ ހަގީގަތް އެނގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ.
އިހުސާން ޖަލަށް ގެންދިިޔަ ފަހުން ހަފުތާއެއްވީ އިރުވެސް ފަލަކަށް ހަދާނެގޮތެއް ދާނެ ތަނެއް ނުނިންމެއެވެ. އެދުވަހު ހަވީރު ފަލަކު ގެއިން ނުކުތީ ޖެހިގެން އޮތް މަޖީދީ މަގުގައި ހުރި ރެޑްވޭވަށް ދިއުމަށެވެ.
ރެޑްވޭވް ކައުންޓަރުތަކުގެ ކައިރިން މީހަކު އޭތްޔޭ ކިޔައި ގޮވާލިއަޑަށް ފަލަކު ބަލައިލިއެވެ. ހަމަވަރަށް ކައިރީގައި ހެވިފައި ހުރީ އަމްޖަދެވެ. އަތުގައި ކޮތަޅުތަކެއް ހުއްޓެވެ. ފަލަކު ހައިރާންކަމާއި އުފާވެރިކަން އެކުލެވޭ ގޮތަކަށް ހީނލާފައި ކީއްކުރަނީތޯ އަހާލިއެވެ. އަމްޖަދު އައިސް އުޅުނީ ރިސޯޓަށް އެނބުރި ދާއިރު ގެންދަން މުހިންމު ސާމާނު ގަންނާށެވެ.
ފަލަކުގެ ބޮޑުވެފައިވާ ބަނޑަށް އިޝާރާތްކޮށްލަމުން އަމްޖަދު އަހާލީ އެދަރިިފުޅުގެ ބައްޕަ ކޮބައިތޯއެވެ. ފަލަކަށް ރޮވުނީ ބޭއިހުތިޔާރުގައެވެ. އޭރު ދެމީހުންވެސް ތިބީ ފިހާރައިން ބޭރުގައި ކަމުން ފަލަކު އޭނާ ހުންނަ ގެއާއި ދިމާއަށް ހިނގައިގަތީ އަމްޖަދަށް ގެ ދައްކައިލުމަށެވެ.
އަމްޖަދަށް ވެގެން އުޅޭގޮތް ކިޔައިދޭން ފަސޭހަނޫނަސް ފަލަކު ހުރީ ނުހަނު ބޮޑަށް އެހީތެރިއަކު ބޭނުންވެފައެވެ. އެކުވެރިއަކު އޭނާއަށް ވަރަށް މުހިންމެވެ. އަމްޖަދު ވީ އޭނާއަށް ވަރަށް ހެޔޮ ރަނގަޅު ރަހުމަތްތެރިއަކަށެވެ.
އެދުވަހުން ފެށިގެން އަމްޖަދުގެ ހުރިހާ ވަގުތެއްހެން ފަލަކަށް ހުސްކުރެވުނެވެ. ރިސޯޓު މިޔުޒިކު ދޫކޮށް މާލޭގެ ކޮންމެވެސް ބަޔަކާއެކު އަމްޖަދު ލަވަކިޔުމުގެ ކަންތައް ކުރަމުން ރަނގަޅު އާމްދަނީއެއް ހޯދުމަށް އިތުރު ވަޒީފާއެއްވެސް އަދާ ކުރަން ފެށިއެވެ. ހަމައެކަނި ފަލަކާއި ލިބެން އުޅޭ ދަރިފުޅަށްޓަކައެވެ.
އެގޭގެ އެންމެނަށްވެސް ހީވެފައި އޮތީ އިހުސާން ރާއްޖެއިން ބޭރުގައި ކޮންމެވެސް ކޯހެއް ކަހަލަ ކަމެއްގައި ގޮސްހުރިކަމަށެވެ. އަދި އަމްޖަދަކީ އިހުސާނާ ކޮންމެވެސް ތިމާގެ މީހެއްކަމަށެވެ. އަމްޖަދުގެ މަޖާ މީހުންނާ ގުޅޭ މިޒާޖުގެ ސަބަަބުން އެގޭ އެންމެނާވެސް އަމްޖަދު ވަރަށް ރައްޓެއްސެވެ.
އިހުސާންގެ ފަރާތުން ލިބެމުން އައި އެހީތައް ފަލަކު ދޫކޮށްލިތާ ކިތަންމެ ދުވަހެކެވެ. އިހުސާނު ގެންދިޔަތާ ތިންވަނައަށްވީ ދުވަހު ފަލަކަށް ދޭން ކޮންމެވެސް ޕާރުސަލެއް ހިފައިގެން އެއްކަލަ ފިރިހެންކުއްޖާ އައުމުން ފަލަކު ފާޅުގައި އިހުސާންގެ އެއްވެސް އެހީއެއް ބޭނުން ނޫންކަމަށް ބުނީ އެއަލިފާނުގެ މުށްވަރުތައް ކާން އޭނާ ބޭނުންނުވާތީއެވެ. އަދި ސަލާން ޖަހައިގެން ދަރިފުޅަށް ކާންދީ ބޮޑުކުރަން ޖެހުނަސް އެފަދަ ފައިސާއެއް ބޭނުން ކުރަން ބިރުގަންނާތީއެވެ
އަމްޖަދުގެ އެކުވެރިކަން މަޑުމަޑުންއެންމެ ގާތް ރަހުމަތްތެރިކަމަށް ބަދަލުވަމުން ދިޔައިރު ދެކެން ތިބޭ މީހުންގެ ދޫމައްޗަށް ލުއި ފަސޭހަ ފަރިތަ ވާހަކައަކަށް އެދެމީހުންގެ ވާހަކަ ވާން ފެށިއެެވެ. އޭރު ފަލަކު އިނީ ވިހަންވެފައެވެ. އެހެންކަމުން އަމްޖަދުގެ ފަރާތުން ލިބެމުންދިޔަ އެކުވެރިކަމަށް ފަލަކު އިނީ ނުހަނު ބޮޑަށް ބޭނުން ޖެހިފައެވެ. ހާލަތުގެ އޮއިވަރުގައި ދުނިޔެ ދެކެމުން ދައްކަމުންދިޔަ ވާހަކަތައް ފަލަކަށް އޮތީ ފަހުމު ނުވެފައެވެ.
އެއީ ފަލަކުގެ ބަނޑަށް ނުވަމަސްވީ ދުވަހެވެ. ގޭގައި ކުޑަވަރެއްގެ އާއިލީ ޕާޓީއެއް މިއުފަލުގައި އޮތެވެ. އެންމެން ތިބީ ގޭގެ ވެރި އަންހެންމިހާގެ ބައިގައެވެ. މިގޭ ދޮށީ ފިރިހެން ދަރިފުޅަކު ހުންނަކަން އެނގުނަސް ދުވަހަކުވެސް އެޒުވާނާ ފަލަކަށް ހަމަލޮލުން ފެނި ބައްދަލުވެފައެެއް ނެތެވެ. ގޭގެ މެދުގައި ފާރުގައި ހުންނަ ފޮޓޯލޯގަނޑުން ފެންނަ މިނާހު އަކީ މިގޭ ވެރި އަންހެންމީހާގެ ދެލޮލުގެ ނޫރުކަން އެނގެއެވެ. އެދުވަހު އެނޫރުގެ އަލިގަދަކަމަކީ ވިދުވަރަކަށްވުރެ ކުޑަފަަދަ ބިރެއް ނޫންކަންވެސް އެނގުނެވެ.
ބޭރުން އައިސް ވަނުމާއެކު މިނާހު އަލިފާނުގެ ނަޒަރަކުން އެންމެންގެ ތެރޭގައި އިން ޖަމިއްތައަށް ބަލާލިއެެވެ. އަދި މީކޮންކަމެއްހޭ، މިހާރު ގޭގައި އުފާފާޅުކުރަންފެށީދޯ އޭ ކިޔާ އަޑުލައިގަތެވެ. ޖަމިއްތަގެލޮލުން އެދުވަހު ފަލަކަށް ފެނުނު ހިތްދަތިކަމާއި ލަދުވެތިކަން ބުނެދިނީ ދަރިފުޅުގެ މިނަފުރަތުން އެމައިމީހާއަށް ކުރާ އަސަރެވެ.
"ވަރަށް ރުޅިގަދަވާނެ. އަސްލު ދޮންބެގެ ބައްޕައަކީ އަހަރެމެންގެ ބައްޕައެއް ނޫން. މަންމަ ދޮންބެގެ ބައްޕަ ގާތުން ވަރިވެގެން އައިސް ލުބާމެންގެ ބައްޕައާ މެރީ ކުރީ. ދޮންބެ ގަބޫލު ކުރަނީ ދޮންބެގެ ބައްޕަގެ ވާހަކަ. މަންމައަށް އެމީހާ ކުރި އަނިޔާ ފެނުނު މީހުންގެ ބަސްވެސް ދޮންބެ ގަބޫލެއް ނުކުރޭ. މިދުވަސްކޮޅު ގޭގައިވެސް ނޫޅެ އެގޭގަ ހުންނަނީ. ވަރަށް މުއްސަނދި މީހެއް. އެމީހާ މަރުވިއިރު ހުރިހާ މުދަލަކާއި ފައިސާއެއް ދޮންބެއަށް ދީފައޮތީ. އެކަމަކު ދޮންބެ އެމީހާގެ މަރުވެސް އަޅުވަނީ މަންމަގެ ބޮލުގައި...."
ލުބާބާ ސިއްރުސިއްރުން ފަލަކުގެ ކަންފަތްދޮށުގައި ބުނެލިއެވެ. އެވަގުތު މިނާހު ހުރީ ޖަމިއްތަގެ ކުރިމަތީގައެވެ. ހީވަނީ ދެންމެ ދެންމެ ޖަމިއްތަގެ ގަޔަށް ޖެހިގެންފާނެހެނެވެ.
މިނާހު ޖަމިއްތައާ ދިމާއަށް އުފުލާލި އަތުގައި ފަލަކަށް ހިފުނީ ކޮން ހިތްވަރަކާއި ބާރެއްގަ ކަމެއްވެސް ނޭނގެއެވެ.
"މަންމަގެ ދަރަޖައާއި މަގާމު އެނގޭތަ؟ މީހާ ތިހެން ބޮޑޭވެފަ ތިހުރީ މިގޮތަށް އެ އެތެރެހަށީގަ ނުވަމަސްވަންދެން އޮވެފައެއްނު. އެނުވަ މަސްދުވަހުން އެންމެ ދުވަހެއްގެ އެއްމިނިޓްގެ ވޭން އުފުލަން ކެރިދާނެތަ؟ ހަށިގަނޑުން ބޮޑުވެފަ އިސްކޮޅުން ދިގުވިޔަސް ތީ އަދިވެސް އެމައިމީހާގެ ތުއްތު ދަރިފުޅޭ."
ފަލަކު ނުކުމެގެން ދިޔައީ އޭނާގެ ކޮޓަރި ހުންނަ ބަޔާއި ދިމާއަށެވެ. އޭރު އަމްޖަދު ބޭރުން އައިސް ވަންނަނީއެވެ. ގޭގެ އެންމެނާއެކު ހަވިރުގެ ސައިގަ ބައިވެރިވެ އުޅެފައި އަމްޖަދު ދިޔައީ އޭނާ އުޅޭ އޮފީހުން ގުޅީމައެވެ.
ފަލަކަށް އަމްޖަދުގެ އޯގާތެރިކަމުގެ އެހީގައި އިހުސާންގެ ހަނދާންތަކާއި އެރިހުމާ ދުރަށް ދާން ފަސޭހަވިއިރު އަމްޖަދުގެ ހަޔާތުގެ ބައިވެރިއަކަށް ވާން ހަމަޖެހިފަ ހުރި އަންހެންކުއްޖާއާ އަމްޖަދުގެ ގުޅުން ހީނަރުވަމުންދާތީ އެކަމާ އަމްޖަދާ ކިތަންމެ ފަހަރަކު އޭނާ ވާހަކަވެސް ދެއްކިއެވެ. ފަލަކު އާ ބައްދަލުވީއިރު އަމްޖަދު އުޅުނު ރިސޯޓުގެ މެނޭޖަރުގެ ދަރިފުޅާއި އަމްޖަދުގެ ކައިވެނި އޮތީ ހަމަޖެހިފައެވެ. އެކމަަކު މިހާރަކަށް އައިސް އަމްޖަދަށް އެއަންހެން ކުއްޖާއަށް އެއްވެސް ވަގުތެއް ނުދެވެއެވެ. އަމުދުން ފަލަކު ވިހޭ ފަހުން އަމްޖަދު ފަލަކުގެ ކޮޓަރިއަކީ އޭނާގެ ގެކަމަށް ހަދައިފިއެވެ.
ފަލަކުގެ ދަރިފުޅު ދެކިލުމަށް އައި އެންމެ ހާއްސަ މީހަކީ މިނާހުއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިނާހު އެކޮޓަރިއަށް އައިއިރު ފަލަކު އިނީ ދަރިފުޅު ނިންދަވާށެވެ. ނިދުނު ދަރިފުޅު ތަންމަތީގަ ބާއްވާފައި މިނާހަށް ކޮޓަރިއަށް ވަދެ ދަރިފުޅު ދެކިލުމަށް ފަލަކު އިޝާރާތްކުރިއެވެ. އެވަގުތަކީ އަމްޖަދު ވަޒީފާއަށް ގޮސް ހުރި ގަޑިއެެވެ. އަމްޖަދު މިގޭގައި ނޫޅޭ ވަގުތަކީ މިއީއެވެ. ދެން މަދު ރެއެއްގައި ނިދަން ނައިސް ސްޓޫޑިއޯގައި އުޅޭނެއެވެ. އެކަމަކު އަމްޖަދު ނިދާ އުޅެނީވެސް ހަމަ މިކޮޓަރީގެ އެއްކަނެއްގައި ހަނިޖާގައެއް ހުންނަވަރުގެ ޕާޓިޝަން ފިލައެއް ޖަހައިގެން އެތާނގައެެވެ.
"އިހުސާންގެ ހަބަރެއް ނުވޭތަ؟"
މިނާހު ބަދަލުހިފީކަން ނޭނގެއެވެ. ފަލަކަށް ހީވީ އޭނާގެ ބޮލަށް ސީލިންގ ވެއްޓުނު ހެނެވެ. އެހެންނަމަވެސް މިނާހު ކިޔައިދިނީ އެގޮތަށް އިހުސާންގެ ވާހަކަ އެހީ ފަލަކަށް ބިރުދެއްކުމަށް ނޫންކަމެވެ. މިނާހަށް އިހުސާން ވަރަށް ރަނގަޅަށް އެނގެއެވެ. މިނާހުގެ ބައްޕައަކީ ގައުމުގެ މަޝްހޫރު ކާމިޔާބު ވަކީލެކެވެ. ބައްޕައަށް އެތައް ބައިވަރު ފައިސާއެއް ދީގެން އިހުސަން ސަލާމަތްކޮށްދިނުމަށް ކޮންމެވެސް މީހަކު އޮތީ އެދިފައެވެ. ބައްޕަ ނިޔާވީ އެމައްސަލަ ހައިކޯޓުގައި ކުރިއަށް ދަނިކޮށެވެ. އެހެންކަމުން ނިޔާވިފަހުން ބައްޕަގެ އަތުން އެފައިލު ހޯދުމަށް ވަކީލުންތަކެއް އައިސް ފައިލު ގެންދިޔަ ދުވަހު މިނާހު އޭގައި ހުރި މައުލޫމާތު ކުޑަކޮށް ބަލާލީކަމަށް ކިޔާދިނެވެ.
"މަށަށް އެނގޭ މިގެއަށް އަންނަ އަމްޖަދަކީ ކާކުކަންވެސް، އޭނާ އިންނަން އުޅެނީ ތަރިޖެހިމޫސަގެ އަންހެނަދަރިފުޅާ ކަމާ މިގެއަށް އައިސް އެއުޅެނީ ފަލަކާއި އިންނާކަށް ނޫންކަންވެސް އެނގޭ. މިއިން އެއްވެސް ވާހަކަައެއް ކުރިންވެސް ފަހުންވެސް އަހަރެން ދައްކާނެކަމަށް ހީކޮށް ބިރު ނުގަންނައްޗޭ. އެވަރުގެ އަނިޔާއެއް ދޭވަރަަށްވުރެ މާ މައުސޫމު އަންހެނެއްތީ. ވަރަށް ގަދަވެގެން އުޅުނަސް ހަމަ ކަފަކޮޅެއްހާ މަޑުހިތެއްގެ ވެރިއެއް."
މިނާހު ދިޔަފަހުން ފަލަކު އިނީ ގަބުއަރާފައެވެ. އަމްޖަދު އައިސް ސަމާސާއަކަށް ބުނެލި ބަހަކާއެކު އޭނާގެ ހިތްފުރިގެން ބަންޑުންވީއެވެ.
"އެނގޭތަ އެއްކަލަ ޒުމައްރަދު މިއަދުވެސް ސްޓޫޑިއޯއަށް އައި. ބުނި އެއްޗެއް އެނގޭތަ، އަވަހަށް ކައިވެނި ކުރަން އުޅެމާޔޯ. މަބުނިން އޭހޭ ހަމަޖެހޭށޭ، މަގޭ ދަރިއަކާއި އެދަރިފުޅުގެ މަންމަ އެބައިނޭ...."
އަމްޖަދުގެ ހުުނުން މައިތިރިވީ ފަލަކު އޭނާގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލުމުންނެވެ.
"ކޯޗެއް ހިތަށް އަރައިގެން ކީކޭ ކިޔަން ތިއުޅެނީ..އެންމެންގެ ތެރޭގައި މަށާ މަގޭ ދަރި ބަދުނާމުވެދާނެތީއޭ ކިޔާފަ މަގޭ ދަރިފުޅަށް އަމިއްލަ ނަން ދީގެން....މަށަށް ތިހާ ހެވީ ކީއްވެތަ؟ އަހަރެން ބަދުނާމުވުމަށް މަށަށް ކެތްކުރެވިދާނެ. އެކަމަކު މަގޭ ދަރިފުޅުގެ ނަމާއެކު އަމްޖަދުގެ އަބުރު ވެއްޔާާ ލެވޭކަށް ކެތެއް ނުކުރެވޭނެ. އަމްޖަދު ދާން އުޅޭ. ދެން މިގެއަށް ނާންނާތި. އަހަރެންގެ ސުވާލަށް ދޭނެ ޖަވާބެއް ނެތެއްނު. މަށާ އަމްޖަދާ ދެމެދު އޮތީ ކޮން ގުޅުމެއް؟ އަމްޖަދު މަގޭ ހުރިހާ ކަމެއް ބޮލުގަ އަޅައިގެން ތިއުޅެނީ ކިއްވެ؟ ރަނގަޅު އެންމެ ސަބަބެއް ބުނެދީބަލަ...ހެޔޮނުވާނެ.."
ފަލަކު ރޮމުންރޮމުން ގޮސް ބިމަށް ތިރިވީއިރުވެސް އަމްޖަދަށް "މިތަނުން ދޭ. ދުވަހަކުވެސް ދެން އެނބުރި ނާންނާތި،" ދިޔުމަށް ބުނަމުންދިޔައެވެ. އެއިން ގޮތަށް އިސްޖަހައިގެން ރޮއިހިނދެން ގާތްވެފައި އިންދާ ކޮޓަރިއަށް ވަންނަމުން މީހަކު ސަލާން ގޮވާލި އަޑު އިވިއްޖެއެވެ.
އެދުވަހު އަމްޖަދު ދިޔައީއެވެ. ދަމުންދަމުންވެސް ފަލަކަށް އިހުސާންތެރިކަމެއް އަދާކޮށްދީފައެވެ. މިނާހުގެ ބައްޕަ ވަކާލާތު ކުރި މައްސަލަ ހިނގީ ވަކީލާ އެއްކޮޅަށެވެ. ޝަރީއަތުން މިނިވަންކުރި މީހަކީ ފަލަކުގެ ފިރިމީހާއެވެ. އަމްޖަދު ފަލަކަށް ސިއްރުސިއްރުން އިހުސާން މިނިވަންކުރުމަަށް އެތައް ހޭދައެއްކުރީއެވެ.
ފަލަކަށް އިހުސާން އިތުރަށް އޭނާގެ ފިރިއަކަށް ހުރުމަކަށް ބޭނުމެއް ނުވިއެވެ. ރީތި ގޮތުގައ ފަލަކު ވަރިކޮށްލަން އިހުސާނަށް ވެސް މަޖުބޫރުވީ ދެން އެލޯތްބާއި އެގަދަރު ފަލަކުގެ ހިތުގައި ނޯންނާނެކަން އެނގޭތީއެވެ. އިހުސާނާއި ވަކިވެ އަމްޖަދުވީތަނެއް ނޭގި ގެއްލުމުން ފަލަކު ގަސަދުކުރީ އެކޮޓަރި ދޫކޮށް ދަރިފުޅު ގޮވައިގެން ބިކަ ތެެޅެން ޖެހުނަސް ރަށަށް ދިއުމަށެވެ. އެހެންނަމަވެސް ނުހަނު ބޮޑު އެދުމަކައިގެން އައި ޖަމިއްތަގެ ވާހަކަ އަޑު އަހަން ޖެހުނީއެވެ.
މިނާހަށް އައި ހެޔޮބަދަލާއި އަހުލާގަށް އައި ބޮޑު ހެޔޮބަދަލުގެ ސިއްރަކީ ފަލަކުކަމަށް ޖަމިއްތައެކޭ އެއްގޮތަށް އެގޭ އެހެން ކުދިންވެސް އެއްބަސްވިއެވެ. ޖަމިއްތަ އައީ ކައިވެނީގެ ދުފުމަކާއެކުގައެވެ. ނޫނެކޭ ބުނުމުގެ މާނައެއް ނެތްތާއެވެ.
"މަންމާ...ހޮސްޕިޓަލުން ފޯނެއް އަތުވެއްޖެ....އެއްކަލަ މީހާ އަހަރެން މިހެދުމުގައި އަހަރެން ދެކެން ބޭނުމޯ...."
ފަލަކަށް މާޒީގެ ތެރެއިން އެނބުރި އާދެވުނީ އުލްފަތު ގޮވީމައެވެ. ދަރިފުޅުގެ މިވާހަކައަށް ފަލަކަށް ހެވުނެވެ. އަލަތުކައިވެނީގެ ޕާޓީގައިވެސް ހޮސްޕިޓަުގައި އޮތް ބަލިމީހަކަށް ޒިޔާރަތްކޮށްލަން ދާންވީއެވެ.
ފަލަކު ދާން ދެކޮޅު ހެދުމުން އެކަމާ އުލްފަތުގެ ކޮޅަށް ހިފީ މިނާހެވެ. މިނާހާ ކައިވެނި ކުރެވުމަކީ ފަލަކަށް ނެގުނު ވަރަށް ރަނގަޅު އެހާމެ ބުއްދިވެރި ފިޔަވަޅެކެވެ. މިނާހުގެ ފަރާތުން ފަލަކަށް ދުނިޔެމަތިން މީހަކަށް ލިބޭނެ ހުރިހާ އުފަލަކާއި ލޯތްބަކާއި އަރާމަކާއި ފަސޭހަކަން ލިބިފައިވެއެވެ. އުލްފަތަށް ހަމަ އެންމެ ފުރިހަމައަށް ބައްޕައެއްގެ ލޯބި ދެއެވެ. އަމިއްލަ ދަރިފުޅު ޒުމަންއަށްވުރެ އުލްފަތުގެ ކަންތައް މިނާހަށް މުހިންމުވާނެއެވެ.
އުލްފަތާއެކު ގޮސް އެބުނާ ބަލިމީހާ އޮތް ޕްރައިވެޓް ވޯޑުން ވަނުމާއެކު ފަލަކުގެ ފައި ބިމުގައި ހަރުލައިފިއެވެ. ހިތްހީވީ މޭއިރާލާފައި ބޭރަށް ފުންމާލަން އުޅޭކަހަލައެވެ. ދިމާ ކުރިމަތީގައި ހުރި އެނދުގައި ހުދު ފޮތިގަނޑަކުން ނިވާވެފައި އޮތް ބަލިމީހާގެ ނިކަމެތިވެ ވަޅުވަދެފައިވާ ލޮލާއި ހަތަރުކަޅި ހަމަކުރެވުމުގެ ކުރިން މޭޒުމަތީގަ ހުރި މެރިޓޭޓް ލޭމްޕް އޭނާއަށް އެއީ ކާކުކަން ބުނެދީފިއެވެ.
"މިބޭބެ ވަރަށް ލޯބިވޭ އުލްދެކެ....މިރޭ އުލްގެ ވެޑިން ވީމަ ނާދެވޭނެއޭ ބުނެފަ ދިޔައީވެސް...އެކަމަކު އުލް މިހެދުމުގައި ފެންނަން ބޭނުންވެގެން އުލްއަށް ގުޅުވީ..."
އަދިވެސް ފަލަކަށް ހުރެވުނީ މޭޒުގައި ލައްވެގަނެގެންނެވެ. ތުރުތުރުއަޅައިގެންފައި ވެއްޓިދާނެކަމަށް ބިރުންނެވެ.
"އުލްމޭމް...އީއާރަށް އާދެބަލާށޯ ޑޮކްޓަރު ޝައިބާ އެބައަންގާ."
ނަރުހަކު އައިސް ބޯދިއްކޮށްލާފައި އެހެން ބުނެފައި ދިއުމުން އުލްފަތު މަންމަ ގާތުގައި އެބައަންނަން ކަމަށްބުނެފަ އަވަސް ފިޔަވަޅު އަޅަމުން ގޮސް އެކޮޓަރިން ނުކުމެއްޖެވެ.
"އަމްޖަދު..."
ފަލަކުގެ ލޮލުން އޮހުނު ކަރުނަތިކިތައް ޖެހުނީ އަމްޖަދުގެ އަތްތިލައިގައެވެ. ފަލަކު އެއަތްތިލައިގާ ހިފާލިއެވެ. ކުރަން ބޭނުން ކިތަންމެ ޝަކުވާއެއް އެބަހުއްޓެވެ. ދުލަކާ ހަމައަށް ނައެވެ. އެތައް ސުވާލަކަސް ޖަވާބު ބޭނުމެވެ. އެކަމަކު ބަސްތައް އަތުރާ ނުލެވުނެވެ.
"ކީއްވެ...ކޮބާ ވައިފް...ކުދިން...ކިހިނެއް މި..."
އަމްޖަދު ވަރުދެރަ ލޯހުޅުވާލާފަ ހީނލިއެވެ. އަދިވެސް އަމްޖަދުގެ ލޮލުގައި އެ ބުނަން ނޭނގޭ ވިދުވަރު އެބަހުއްޓެވެ. އެންމެ ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެން އަމްޖަދުގެ ދެލޮލުން ފަލަކަށް އަބަދުވެސް އެވިދުން ފެނެއެވެ. ކޮންމެވެސް ފުންމާނައެއް އެކުލެވޭ ވިދުވަރެކެވެ، ފަލަކުގެ މުޅި ހަޔާތަށް ބަހާރަކަށްވީ އެވިދުމެވެ.
ފަލަކު މިމީހާގެ އޯގާތެރިކަން ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ، އޭނާ އުލްފަތަށް ބަލިވެ އިންއިރު ރެއާ ދުވާލު އޭނާގެ ހިދުމަތުގައި ހުރެދިނެވެ. ކިތަންމެ ރެއަކު ބަނޑުހައިވެގެން ނޫނީ އެއްޗެއް ކާހިތުން ލޯހުޅުވާލެވޭއިރު އެނދުގެ ފައިލާކޮޅުގައި ބިންމަތީގައި އިށީނދެ އޭނާގެ ފައިމޮޑެދޭން އެއިން ގޮތަށް ނިދިފައި އިނދެއެވެ. އޭނާގެ ހިލަމެއް ވެލާއިރަށް ފުންމައިގެން ތެދުވެއެވެ. އޭރު ހުންނާނީ އޭނާއަށް އެންމެ މީރުހެން ހީވާ ކޮންމެވެސް ކާއެއްޗެއް ގެނެސްފައެވެ.
އުލްފަތަށް ބަލިވެ އިނދެ އަމްޖަދާއި ބައްްދަލުވިފަހުން، ވިހެއުމާ ހަމައަށް އަދި ވިހައިގެން އުލްފަތަށް ދީފައިވާ ނަންވެސް އަދި ހަމައެހެންމެ އޭގެ ފަހުން އޭނާ އަމްޖަދަށް އަޑުލާ ދާން މަޖުބޫރު ކުރުވުމާއި ހަމައަށްވެސް ދެވަނައެއް ނެތްވަރަށް އޯގާތެރިވެ ލޯބިދިނެވެ.
މިވޭތުވެދިޔަ ދިގު ދުވަސްްތަކުގައި އޭނާގެ ހަޔާތުގައި ނޭނގޭ ފަޅުކަމަކާއި ވީރާނާކަމުގެ ސަބަބަކީ ރަހުމްތަތްތެރިޔާ ނެތުމޭ ބުނާނީ ކޮން އިބާރާތަކުން ކިހިނެއް ހެއްޔެވެ. އިބާރާތް ހަމަޖައްސަން ބަސް އަތުރާނެ ގޮތެއް ފަލަކަކަށް ނޭނގުނެވެ.
"ވައިފް އެބަހުރި ހަމަަސަލާމަތުން....މިރެއަކީ މަގޭ ދަރިފުޅުގެ އަލަތު ކައިވެނީގެރޭ....ކުރިންވެސް ބުނީމެއްނު...އަހަރެންގެ ހުންނާނީ އެންމެ އަނތްބަކާ އެންމެ ދަރިފުޅެކޭ...."
އަމްޖަދު ހެވިލާފައި ބުނެލިއެވެ. "މިހާރު ފަލަވެސް ވެފަ ފެޓްފެޓީ....ވަށްބޯޅައަކަށްވެއްޖެދޯ...؟" އެއީ އަދިވެސް ހަމަ ކުރީގެ އަމްޖަދެވެ. އެއަޑު އަދިވެސް ހާދަ ހިތްގައިމެވެ. ހާދަ ރީއްޗެވެ. އެކަމަކު އަމްޖަދުގެ ހަށިގަނޑު ކިހާ ނިކަމެތިވެއްޖެހެއްޔެވެ. ކެންސަރާ ހަނގުރާމަކޮށްކޮށް އަމްޖަދުގެ ކަށިތައް ގުނާލެވޭ ވަރަށް ވަނީ ހިކިއަނަރޫފަވެފައެވެ.
ފަލަކަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މިވީ ހުރިހާ ދުވަހަކު އަމްޖަދު މަސައްކަތް ކުރީ ފަލަކަށް އުނދަގޫ ނުކޮށް ދުރުގައި އުޅުމަށެވެ. އެކަމަކު ނަސީބު އޭނާގެ އެންމެ ފަހުގެ ވަގުތުތައް ހޭދަކުރުމަށް ޖެއްސީ ފަލަކުގެ އަތާއި އަތްޖެހިގެން އޮވެއެވެ. އެންމެ ބޭނުންވި ހިނިތުންވުން އެންމެ އެދޭ ނަޒަރު ފެންނާނެ މިންވަރުވެސް ކުރެއްވީތާއެވެ.
"ކީއްވެ ނައީ...ކީއްވެ ދިޔަގޮތަށް ދުވަހަކުވެސް ނައިސް....މިއަދު މިގޮތަށް....."
އަމްޖަދު ފަލަކުގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.
"އޭހް....ފަލަކީ....އަހަންނަށް ބަލަން އުނދަގޫ އަޑުއަހަން ފަސޭހަނޫން ހަމައެކަނި އަޑު ތީ...ފަލަކީ ރޮއިގެން ނުވާނެ...ތިކަރުނައިގެ އަގުބޮޑުވަރު ފަލަކީއަށް އެނގޭނަމަ..."
ތެދެކެވެ. ފެށުނީއްސުރެވެސް އަމްޖަދު ހުރިހާ ކަމެއްވެސް ކުރީ ފަލަކުގެ އުފަލަށްޓަކައެވެ. އޭނާގެ ހިތްހަމަޖެހުމަށްޓަކަައެވެ.
"ފަލަކީގެ އެންމެ ހިނިތުންވުމަކަށްޓަކައި މިއަމްޖަދު ކޮންމެ ކަމެއްވެސް ކޮށްފާނެ..." އެއީ ކުރިންވެސް އަބަދުވެސް އަމްޖަދުގެ އާންމު ބަހެކެެވެ.
"އެދުވަހު އެހީމެއްނު...ރަނގަޅު އެއް ސަބަބު ބުނެދޭށޭ....ކީއްވެހޭ އަހަރެންގެ އަމިއްލަ ކަންތަކަށްވުރެ ފަލަކީގެ ކަންތައް އިސްކުރަނީ...." އަމްޖަދު ފެންގޮތަކަށް ހީނލިއެވެ. "އެދުވަހު ޖަވާބު ދޭނެ ހިތްވަރެއް ނެތިގެން ދިޔައީ...ފަލަކީގެ ރަހުމަތްތެރިކަން އަހަންނަށް އެހެން ހުރިހާ ކަމަކަށްވުރެ މާބޮޑަށް ވެސް މުހިންމު....އެދުވަހު ޖަވާބު ދީގެން ފަލަކު އަހަންނާ އަބަދަށް ވަކިވާކަށް އަހަރެން ބޭނުން ނުވީ..."
ފަލަކު ކެތްމަދުވެފައިވާ ގޮތަކަށްް އަމްޖަދު މޫނަށް ބަލާލިއެވެ.
"ފަލަކަށް އެނގޭތަ އެންމެ ފުރަތަމަ މެގެޒިން ބޭރުން ފެނިފަ، ޝޯވއިން ފެނުނީ....އަހަންނަށް ދުނިޔޭގައި ތިއަށްވުރެ ރީތި އަންހެނަކު ނުހުރެއޭ ބުނަނީ މަޖަލަށް ނޫން....އެއީ ހިތުގެ އަޑިން ބުނިބުނާ ތެދެއް...ފަލަކުގެ އެންމެ ކަރުނަތިއްކެއްވެސް ދެކޭކަށް އަހަންނަކަށް ފަސޭހައެއް ނޫން...އަހަރެން ކުރި ކޮންމެ ކަމެއްްމެ ކުރީ ފަލަކުގެ އުފަލަށްޓަަކައި...." ފަލަކުގެ ހިތްހީވީ ފިތިގެންދިޔަހެނެވެ.
"ފުރަތަމަ ދުވަހުވެސް ފަހުންވެސް މިއަދުވެސް އަހަރެންނަށް ތިއީ ހާއްސަ މީހެއް.....އެހުރިހާ ކަމެއް ކުރީ....ވަރަށް ލޯބިވާތީ....އަހަންނަށް ލިބޭކަށް އެދެނީނޫން...އެކަމަކު ފަލަކީ އުފަލުގައި ހުރުމުން އަހަންނަށް އުފާލިބޭ....އެވަރަށް ލޯބި...ވާ...ތި...."
އަމްޖަދުގެ އަޑު ކަރުގައި ތާށިވެއްޖެއެވެ. ކޮށިއަރައިގަތެވެ. އަވަހަށް ފެންތަށްޓެއް ގެނެސް ފެންދެވޭތޯ މަސައްކަތް ކުރިއެވެ.
އެހެންނަމަވެސް އަމްޖަދުގެ ނޭވާ އުފުރެންފެށުމާއެކު ހެވިފައި ފަލަކުގެ ހާސްވެފައިވާ މޫނަށް ބަލާލަމުން އަތުގައި ހިފާ ހުއްޓުވައިފިއެވެ.
"މިވަގުތު ހިނިތުންވެދީ...ހިތްފުރެންދެން ބަލާލަން...ބޭނުން...."
ފަލަކު ކަރުނައިގެ ތެރެއިންވެސް ހީނލިއެވެ. އަމްޖަދަށްޓަކައި އެވަރުގެ ކަމެއްކޮށް ނުދީފިނަމަ އޭނަ ވާނީ ހިލަހިތެއްގެ ވެރިއަކަށް ނޫންހެއްޔެވެ.
އަމްޖަދުގެ ހުއްޓުނު ކަޅި އަދިވެސް ފަލަަކުގެ މޫނަށް ބަލާކަހަލައެވެ. މަޑުމަޑުން އެލޯމަތީގައި އަތްބޭއްވިއިރު ފަލަކުގެ ހިތްބާރަށް ރޮމުން ދިޔައެވެ. އޭނާ މިވީ ކިހާ ނަސީބުދެރަ މީހަކަށް ހެއްޔެވެ. އަމްޖަދު ދިއުމުގެ ކުރިން އޭނާދެކެ ލޯބިވާކަމަށް ބުނެ އޭނާގެ ސުވާލުގެ ޖަވާބުވެސް ދީފިއެވެ. އެކަމަކު ނަސީބުދެރަ ފަލަކަށް އެންމެ ކުޑަމިނުން ހިތުގެ ވާހަކަ މިފަހު ހިނދުކޮޅުވެސް ނުބުނެވުނެވެ.
އާއެކެވެ....އަހަރުތަކެއް ފަހުން އޭނާގެ އާއިލާގެ ފަހުން އަންނަ ކުދިންނަށްވެސް ފެންނާނެހެން މޭޒުމަތީގައި މެރިޓޭޓްލޭމްޕް ހުންނާނެއެވެ. އޭގައި "ފްރެންޑްސް ފޯރއެވަރ" އަމްޖަދުގެ ސޮއިކޮށްފައިވާ އެދޯޕައްޓާ ފޮތިކޮޅު ހަރުކޮށްފައިވާނެހެނެވެ. އެންމެ ފުރަތަމަ ނަޒަރުން އަމްޖަދުދެކެ ހިތުގެ އަޑިން ލޯބިވެވުނަސް ހަމައެހިނދުން ފެށިގެން އަމްޖަދުގެ ރަހުމަތްތެރިކަން ލިބުނަސް ދުވަހަކުވެސް ހިތުގެ އެވާހަަކަ ދުލާއި ހަމައަށް ނައި ވާހަކަ ކިޔައިދޭން މިބައްތި ހުންނާނެއެވެ. އެއީ ފަލަކުގެ ހަޔާތުގެ އެންމެ ބޮޑު ސިއްރެވެ.
"އެއްކަމެއް ޔަަގީން...އަހަރެންގެ ސަބަބުން ފަލަކު އުފާވާކަން ޔަގީން....އަހަންނަށް ފަލަކީ ހެއްވަން އުފާކުރަން އެނގޭ....އެއަށްވުރެ ބޮޑަށް އަހަރެން ބޭނުންވާ އެހެންކަމެއް ނުވެސް އޮންނާނެ....." އެއީ އެއްދުވަހެއްގައި އަމްޖަދު ބުނެފައިވާ ވަރަށްބޮޑު ތެދެކެވެ.
* ނިމުނީ *