ހައުސް އޮފް ޑިމޮކްރެޓްސް ހުޅުވުން މިރޭ ހަމަޖެހިފައިވާ ކަމަށް ދަ ޑިމޮކްރެޓްސްއިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ހަރުގެ ދަ ޑިމޮކްރެޓްސް ހަރުގެއަށް ބަދަލުކޮށް ރަސްމީކޮށް، މިރޭ ހުޅުވައި ދެއްވާނީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މީގެއިތުރުން ދަ ޑިމޮކްރެޓްސްއިން ވިދާޅުވިގޮތުގައި މިރޭ ހަރުގެ ހުޅުވައި ދެއްވުމަށްފަހު ރައީސް ނަޝީދު ވާހަކަ ދައްކަވާނެއެވެ.
މިއީ މިފަހުން އެމްޑީޕީގެ ކުރީގެ މައި ހަރުގޭގެ ގޮތުގައި ބޭނުން ކުރަމުންދާ ތަނުގައި ރައީސް ނަޝީދު ވާހަކަ ދައްކަވާ ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުވަނީ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައިވެސް ވާހަކަ ދައްކަވާފައެވެ.
އެ ޖަލްސާގައި ވަހާކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް އިސްކޮށް ތިއްބަވައި އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވާނެ ކަމީ ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ.
ދި ޑިމޮކްރެޓްސް އުފެދެން ޖެހުނީ އެމްޑީޕީގައި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ ބޭފޫޅުންނާއެކު ޕާޓީ ދެ ބައިވުމުންނެވެ.
އަދި ޑިމޮކްރެޓްސްއަކީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީއެވެ. އެމްޑީޕީން ބާރަ މެމްބަރުން މަޖިލީހުން ވަކިވެ ޑިމޮކްރެޓްސްއާ ވަނީ ގުޅިވަޑައިގެންފައެވެ.