ބިންވެރިޔާ ސްކީމްގެ ދަށުން ވަގުތީ ލިސްޓުގައި ތިބި މީހުންނާ ޝަރުތުހަމަ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް މީހުންނާ އެކު ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓުގައި ނަން ހިމެނިފައިވާ މީހުންގެ ތެރެއިން، "ޝަރުތުހަމަވެ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުން އެ ލިސްޓުގައި ހިމެނޭ ގޯތި ލިބޭ މީހުންނާ އެކު ޖޮއިންޓްވުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމްކަމާލުއްދީން ވިދާޅުވީ ވަގުތީ ލިސްޓުގައި ނަން ނެތް މީހުންގެ ތެރެއިން ޝަރުތު ހަމަވާނަމަ ޖޮއިންޓް އެޕްލިކޭޝަނަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަގުތީ ލިސްޓްގައި ހިމެނޭ "ޝަރުތު ހަމަވެ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުންގެ ތެރެއިން "ގޯތި ލިބޭ" ފޯމުގެ ލީޑިން އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަންއެވެ. އެޕްލިކޭޝަން ހުށަހެޅި މީހުންނާއި ޖޮއިންޓް އެޕްލިކޭޝަނަށް ހުށަހެޅި މީހުންނާއެކު ގޯތި ލިބޭ މީހުންގެ ލިސްޓުގައި 10314 މީހުން ހިމެނެއެވެ.އަދި ހުށަހެޅި 19857 އެޕްލިކޭޝަންގެ ތެރެއިން 12794 އެޕްލިކޭޝަންގެ ޝަރުތު ހަމަވެއެވެ.

މިމަހުގެ 15 ވަނަ ދުވަހާ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، ދާއިމީ ލިސްޓު ނެރޭނީ އެ ޝަކުވާތައް ބަލައިގަތުމަށްފަހު ކަމަށް ހައުސިން މިނިސްޓްރީން ބުނިއެވެ.