ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލައިގައި މިއަދަށް ތާވަލުކޮށްފައިވާ އަޑުއެހުންވެސް ކެންސަލްވެއްޖެއެވެ. އަޑުއެހުންތައް ކެންސަލްވާ ސަބަބަކީ ޔާމީންއާއެކުގައި ދައުވާ ލިބޭ އަދި ހާޒިރުވާންޖެހޭ މއ.ކުރިކީލަހިޔާ އަހުމަދު ކުރިކްރިޒާ ބަލިވެ އުޅޭތީ ކަމަށްވެއެެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ރިޝްވަތު ހިފުމުގައި މެދުވެރިޔަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލައިފައިވާއިރު، ސަން ކޮންސްޓްރަކްޝަންއާއި ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ. އެ ހުރިހާ ދައުވާއެއްވެސް ކުރިއަށްގެންދަނީ އެކުއެކީގައި އެއް މަޖިލީހެއްގައެވެ.
ކްރިމިނަލް ކޯޓުގެ މިހާރު ކުރިޔަށްދަނީ ދައުލަތުގެ ހެކި ބަސް ނެގުމުގެ މައްސަލައެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ދުވަސްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ހިމެނޭހެން މިހާތަނަށް ވަނީ ފަސް މީހެއްގެ ހެކިބަސް ނަގައިފައެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގީ ކްރިކް ރިޒާގެ ފިންގާ ޕްރިންޓް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަހެވެ.
ކުރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިމަހު ހަތަރު ވަން ދުވަހު ހެނދުނު އޮތް އަޑު އެހުން ކެންސަލް ކުރީ ދައުވާ ލިބޭ ކްރިކް ރިޒާގެ ބަލި ހާލަތު ހުރި ގޮތުން އަޑުއެހުން ކެންސަލް ކުރަން އޭނާގެ ފަރާތުން އެދިފައިވާތީ ކަމަށެވެ. ބަލިވެ އުޅޭކަން ސާބިތުކޮށްދިނުމަށް ޑޮކްޓަރީ ލިޔުންވެސް ކްރިކް ރިޒާ ހުށަހަޅައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެ ކުރިންވެސް ދެ އަޑު އެހުން ވަނީ ކެންސަލް ކޮށްފައެވެ.