ހދ.ހަނިމާދޫ ޓޫރިޒަމް ޒޯންއިން ބާރަ ބިމެއް ކުއްޔަށް ދިގު މުއްދަތަކަށް ދޫކުރުމަށް ހަނިމާދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގައި ހަނިމާދޫ ކައުންސިލުން ކުރި އިއުލާންގައިވަނީ 10،000 އަކަފޫޓުގެ ހަތަރު ބިމެއް 40 އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރުމަށާއި، 5000 އަކަފޫޓުގެ އަށް ބިމެއް 30 އަހަރު ދުވަހުގެ މުއްދަތައް ދޫކުރުމަށެވެ.
މި ބިންތައް ދިގު މުއްދަތަކަށް ވިޔަފާރި އުސޫލުން ދޫކުރުމަށް ހަމަޖެހިފައިވާއިރު ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭނެއެވެ. ބިންތައް ދޫކުރުމުގެ މައުލޫމަތު ސާފު ކުރުމާއި ބިންތައް ބިޑްކުރުމަށް ދުވަސްތަކެއް ވަނީ ކަނޑައަޅާފައެވެ.
މިމަހުގެ 20 ވަނަ ދުވަހާއި 24 ދުވަހު 10:30 ގައި، ބިންތައް ދޫކުރުމާ ގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ދިނުން އޮންނާނީ ކައުންސިލް އިދާރާގައެވެ. 20 ވަނަ ދުވަހު އޮންނަނީ 10،000 އަކަފޫޓުގެ ބިމާ ބެހޭ މައުލޫމާތު ދިނުމެވެ. އަދި 24 ވަނަ ދުވަހު އޮންނަނީ 5000 އަކަ ފޫޓު ބިމާ ބެހޭ މައުލޫމާތު ދިނުމެވެ.
ބިޑުކުރުމަށް ހުޅުވާލާފައިވާ ތަން، ތާރީހާއި ގަޑި:
- 10،000 އަކަފޫޓުގެ ބިންތަކުގެ ބިޑަށް ހުޅުވާލެވޭނީ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުގެ 10:30 ގައެވެ.
- 5000 އަކަފޫޓުގެ ބިންތަކުގެ ބިޑަށް ހުޅުވާލެވޭނީ އޮގަސްޓު މަހުގެ ހަވަނަ ދުވަހުގެ 10:30 ގައެވެ.
- ބިޑަށް ހުށަހެޅުން އޮންނާނީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
ސަރުކާރުން އަންނަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ މަޝްރޫޢުގެ މަސައްކަތް ނިމުމާއި އެކު ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް ހުރަސް ކަމަށްވާ ދަތުރުފަތުރުގެ ދަތިކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ކައުންސިލް މެމްބަރު އަލީ ވިދާޅުވިއެވެ.