ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ވަޢުދާ އެއްގޮތަށް ށ. ފޯކައިދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވީ ފޯކައިދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް މިއަދު ވަނީ އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައިފައެވެ. އޭގެ އިތުރުން އެރަށުގެ ބަނދަރު ވެެސް ވަނީ ހުޅުއްވައިދެއްވައިފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި އެރަށު ފުޓުބޯޅަދަނޑު ވެސް ހުޅުއްވައިދެއްވައިފައެވެ.

އެރަށުގެ ބަނދަރު އަޕްގްރޭޑްކުރުުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއިންނެވެ. މީގެ އިތުރުން ވެސް ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއެކު ސޯލަރ ހަރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިޔަށްގެންގޮސްފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.