މިފަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސާލިހަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކޮށްދެއްވުމުގެ ޔަގީން ކަމާއެކު އެޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން ށ. ފޯކައިދޫގައި މިރޭޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީން މިފަހަރު ނުކުތީ ވަރަށްގަދަކޮށް ކަމަށެވެ. މިފަހަރު އެންމެ ތަންފުކެއް ދޫވެސް ނޫދެއްވާނޭ ކަމަށް ވަރަށް ޖާޝާއެކު މިނިސްޓަރ ވިދާޅުވިއެވެ. "އެންމެ ތަންފުކެއްވެސް ދޫކުރާކަށް ނެތީން. އަލުން އަނިޔާވެރިކަން އިޔާދަކުރާނޭ އެއްވެސް ޖާގައެއް ނުދޭނަން. މި ނުކުތީ ފިސާރި ޔަގީން ކަމާއެކު އެމްޑީޕީއަށް ދެވަނަ ދައުރެއް ކަށަވަރު ކުރުމަށް،" ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެމްޑީޕީގެ އޮޑި ފުރަތަމަ ދަތުރުފެށީ ހުސްއަތާ ކަމަށެވެ. އެހެންނަމަވެސް މިފަހަރުގެ ދަތުރަށް ފަށަނީ ފެނާއި ތެލާއި ކޮއްތުލައި ބަރާކޮށްގެން ބޮޑު އިންޖީނެއްވެސް އަޅައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ގަދަކަމާއި ކުރިއެރުން ލިބުނީ މާޒީގައި އެތައް އަނިޔާތަކާއި އެތައް ގެއްލުންތަކެއް ތަހައްމަލް ކުރުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ބައެއް މީހުންގެ މުދާތައް ފޭރިގަތް ދުވަސްވަރަކާވެސް ކުރިމަތިލާން ޖެހުނު ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު އަމާން ބަނދަރެއް ހާސިލް ކުރެއްވިއްޖެ ކަމަށާއި ރައްޔިތުންނަށް ބޭނުންވި ހެޔޮވެރިކަމުގެ ނިޒާމު ކަށްވަރު ކޮށްދެއްވިއްޖެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިޔުރުން ރައްޔިތުންނަށް މިނިވަންކަމާއި އަމާންކަން ނިމިގެން މިދާ ފަސް އަހަރުތެރޭގައި ކަށަވަރު ކޮށްދެއްވިއްޖެ ކަމަށް ވެސް ވިދާޅުވިއެވެ. މިވެރިކަމުގައި ރާއްޖޭގެ އިގްތިސާދު ފަނަވިޔަ ނުދީ ވަނީ ހިފަހައްޓާފައި ކަމަށާއި އެއާއެކު ތަރައްޤީގެ އެތައް މަޝްރޫއުތަކެއް މުޅިރާއްޖޭގައި ހިނގަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. ނިމިގެން މިދާ ފަސް އަހަރުގެ ތެރޭގައި ރައީސް ސާލިހު ވަނީ މީގެ ކުރީން އެއްވެސް ރައީސަކަށް ކޮށްނުދެވިފައިވާ އެތައް ކަމެއް ރައްޔިތުންނަށް ކޮށްދެއްވާފައި ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ އޮޑި އަލަށް ފަށާ ދަތުރު ދެންވެސް ނިންމާނީ އަމާން ބަނދަރަކަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.