ޏ.ފުވައްމުލަކުގައި އޮތް ބާޖު އެރަށު ފަރަށް ނާރާކަމަށް ބުނެ ތަހުގީގު ނުނިމެނިސް ފުރައިގެން ގޮއްސިއެވެ.
މި މައްސަލައިގެ ތަހުގީގު ނުނިމެނިސް ބާޖު ފުރައިގެން ދިޔުމުން އެންވަޔަރޮމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ފުލުހަށް މައްސަލަ ހުށަހެޅުމަށް ނިންމައިފައިވެއެވެ. މިދިޔަ ހުކުރު ދުވަހުގައި ބާޖު ފަރަށް އަރާފައިވަނީ ނެރެ ހެދުމަށް ބޭނުން ކުރަމުން އަންނަ ބަނދަރަށް ވަންނަ ތަނާ ދިމާލުގައި އޮއްވާ އަރިއަޅާލައިން ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނިއެވެ.
މި މައްސަލައާ ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް މިއަދު 'ސަން'އަށް ވިދާޅުވީ, ފުވައްމުލަކު ފަރަށް ބާޖެއް އެރި މައްސަލައިގެ ތަހުގީގު ނިމުމުގެ ކުރިން އެ ބާޖު ފުންކޮށްގެން ފުރައިގެން ގޮސްފައިވާ ކަމަށެވެ. އަދި ފަރަށް ނާރާކަމަށް ބުނި ނަމަވެސް އޭގައި ހުރި ގިނަ އަދަދެއްގެ ހިލަތައް ހުރީ ފަރުމަތީގައި ކަމަށް ނައީމް ވިދާޅުވިއެވެ. އަދި އެތަނުގައި ބާޖު އޮއްވައި ނަގާފައި ހުރި ފޮޓޯތަކުން ޔަގީންވާ ގޮތުގައި އެ ބާޖު އޮތީ ފަރަށް އުރިފައި ކަމަށް ވެސް ނައީމް ވިދާޅުވިއެވެ. މިގެއިތުރުން ވިދާޅުވީ މައްސަލަ ބަލާ ނުނިމެނިސް ބާޖު ފުންކޮށްގެން ފުރުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް އީޕީއޭއިން ވަނީ ނިންމާފައިކަމަށެވެ.
ޑެންމާކުގެ އެމްޓީ ހޯގާޑު ކުންފުނިން ހިންގާ އެ މަޝްރޫއަށް ހިލަ ހިފައިގެން އައީ އެމްއެމް އެކްސްޕޯޓުންނެވެ. މީގެ ކުރިން ވެސް އެމްއެމް އެކްސްޕޯޓުގެ ބާޖުތައް ރާއްޖޭގެ ފަރަށް އަރާފައިވާ ކަމުގެ ރިޕޯޓް ކޮށްފައިވީ ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަހަރަކު އެ ކުންފުނި ޖޫރިމަނާ ކޮށްފައެއް ނުވެއެވެ.