މިއަހަރުގެ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2023 ބާއްވާނީ އިންޑިއާގެ ބެންގަލޫރުގައި ކަމަށް ސަޓާގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވެއްޖެއެވެ.

ސަޓާ އަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ބޮޑު ހަރަކާތެކެވެ.

މިއަހަރުގެ ޕާޓްނަރުން ރަސްމީކޮށްް އިއުލާން ކުރުމަށް އިއްޔެގައި ވަނީ މާގިރި ހޮޓެލްގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިއްސެ ވިދާޅުވީ މި އަހަރުގެ ސަޓާ ބާއްވާނީ އަންނަ އޮކްޓޫބަރު މަހު އިންޑިއާގެ ބެންގަލޫރުގައި ކަމަށެވެ. އަދި އެ އެވޯޑު ދިނުމުގެ ހަފުލާގައި ސައުތު އޭޝިއާ ސަރަހައްދުގެ އެކި ކަންކޮޅުތަކުގެ އިންޑަސްޓްރީގެ އިސްވެރިންނާއި ސްޓޭކްހޯލްޑަރުން އެއްތަނަކަށް ޖަމާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސަޓާ 2023ގެ ޕާޓްނަރުން ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު ސަޓާގެ ޕާޓްނަރުން ހާމަކޮށްފައި ވަނީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ފަރާތްތަކުގެ އަހައްމިއްޔަތުކަން ދައްކުވައި ދޭ ގޮތަށެވެ.

ސަޓާ 2023ގެ ޕްލެޓިނަމް ޕާޓްނަރަކީ ލަގްޒަރީ ޔޮޓް އުފެއްދުމުގައި މަޝްހޫރު ގަލްފް ކްރާފްޓެވެ. ގޯލްޑް ޕާޓްނަރުންނަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އޮޑިޓިން ޕާޓްނަރަކަށް ކްރޯ މޯލްޑިވްސް ހަމަޖައްސާފައިވާއިރު ހޮސްޕިޓާލިޓީ ޕާޓްނަރަކީ މާގިރި ހޮޓެލްއެވެ.

ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުން ކުރިއަށް ގެންދާ ހަރުކަށި ސިލެކްޝަން ޕްރޮސެސްއަކާ އެކު ސަޓާއިން ވަނީ ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ފަދަ 52 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ފާހަގަކޮށްފައެވެ.